ލޭބޯފަނި (14)

(9 އޭޕްރީލް 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ ތެޅިތެޅި އޮތް ހިތަކާއެކު ބުނެލިއެވެ. "އަންނާނެ ވާހަކަ ބުނެފީމެއްނު-؟ ނައިއްޔާ މިރޭ ފާއިތެއް ނުވާނެ- ހުއްޓިދާނެ- އެކަމަކު އަހަރެން ވަރަށް ބޮޑަށް ބިރު އެބަ ގަނޭ-"

"ކޮން ބިރެއް-؟"

އަހަރެންގެ ކަންތަކާ ހެދި މަންމަ އެ ހުންނަނީ ވަރަށް ބޮޑަށް ހާސް ވެފައި- މިހާރު ހުންނަނީ ވަރަށް ބޮޑަށް ފަރުވާތެރި ވެގެން- އަހަންނަށް ނާންގައި މިހާރުވެސް ފާރަ ލާނެކަން ގައިމު- ރޭގަނޑު ވަންނަން އުޅެނިކޮށް މަންމަމެނަށް ފެނިއްޖެއްޔާ ވާނީ ކިހިނެއް-؟"

"އެއްވެސް ކަމަކާ ނުލާ ހާސްވަނީ- މަންމަ ރޭގަނޑު ހަަތަރު ދަމު ފާރަޔަކަށް ނުހުންނާނެ-"

"އަހަރެން މި ބުނާހެން ވެއްޖެއްޔާ ވާނީ ކިހިނެއް؟ އެކަހަލަ ވަގުތަކު އަހަންނަށް ހިތްވަރެއް ދޭން އަކްބަރު ކުރާނީ ކޮން ކަމެއް-؟"

"އެކަހަލަ ކަމެއް ދިމާ ވެއްޖެއްޔާ ފީރޯޒާއާ އިންނާން ބޭނުން ވާހަކަ ފާޅުގައި ބުނާނަން- އަހަރެން މިއީ ފިސާރި ފިރިހެނެއް- ހިތްވަރު ހުރި ފިރިހެނެއް- ހަމަ މާދަމާވެސް ކާވެނީގެ ކަންތައް ހަމަޖައްސައިލާނަން-"

"ތިޔަ ދައްކަނީ ފިރިހެންވަންތަ ވާހަކަ-  ތިޔަ ވާހަކަ ތަކުގެ ސަބަބުން ހިތްވަރު އާލާވެއްޖެ- އަންނާނީ ކޮން އިރަކު-؟"

"މިރޭ ދިހަޔަކާއި އެގާރަޔާ ދެމެދުގެ ވަގުތެއްގައި ގުޅާފައި އަންނާނެ އިރެއް ބުނާނަން-"

"އިރު އޮއްސޭނީ ކިހާ އިރަކު-؟ މިހާރު އިންތިޒާރު މި ކުރަނީ ރޭގަނޑަށް- މި ވަގުތު މުޅި ދުނިޔެ ނިދާނެ ގޮތެއް ހަމަ ނުވާނެތަ-؟"

އަކްބަރު ހީނގަތެވެ. "ތިޔަ ކަހަލަ ކުލަ ހުވަފެން ދެކެން އިނދޭ- އިންތިޒާރުގެ ވަގުތުތައް ހަލުވިކޮށް ފާއިތު ވެގެން ހިނގައިދާނެ- އަހަރެން ދެން ދަނީ- މިގޭ ދޮށުގައި މާ ގިނަ އިރު ހުރުން ރަނގަޅެއް ނުވާނެ- ދިހައެއްގެ ފަހުން އަހަރެން ގުޅާނަން-"

"ކަނޑާލާ ހިތެއް ނުވޭ- އެކަމަކު ކީއްކުރާނީ-؟"

"ފީރޯޒާ- އަހަރެން މިހާރު ވޯކީޓޯކީގައި ތުންފަތް ޖައްސައިލަނީ..."

އޭނާގެ ހަށިގަނޑުގައި ފިނި ރާޅެއް ދަތުރު ކުރި ކަހަލައެވެ. އޭނާވެސް ވޯކީޓޯކީގައި ތުންފަތް ޖައްސައިލުމަށް ފަހު ލޯ މަރައިލިއެވެ. ވޯކީޓޯކީ ނިވިއްޖެއެވެ.

އޭނާ އިރުކޮޅެއް ވާންދެން ވޯކީޓޯކީ ހިފައިގެން އިނެވެ.

ކުއްލިއަކަށް އޭނާ ސިހިގެން ދިޔައީ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށެވެ. އޭނާ ތެދުވެގެން ގޮސް އަލަމާރި ހުޅުވައިލިއެވެ. އަދި ހެދުންތަކުގެ ތެރެއަށް ވޯކީޓޯކީ ލައި ފޮރުވައިފިއެވެ.

އަނެއްކާވެސް ދޮރުގައި ޓަކި ޖަހައިފިއެވެ.

"މަޑުކުރޭ- މި ހުޅުވަނީ-"

އޭނާ އަލަމާރީގެ ދޮރު ލައްޕައިލިއެވެ.

އަނެއްކާވެސް ޓަކި ޖަަހައިފިއެވެ. "މި އަންނަނީ- މަޑުކުރޭ... ކުޑައިރުކޮޅެއް..."

އޭނާ ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. އެ ވަގުތު ބޭރުން އިވުނީ މަންމަގެ އަޑެވެ. "ކަލޭގެ އިރުކޮޅަކީ ކިތައް ގަޑިއިރުތަ-؟ ދޮރު ހުޅުވޭނީ ކިހާ އިރަކުންތަ-؟"

އޭނާ ދޮރު ހުޅުވައިލިއެވެ. "ސާބަހޭ މަންމާ- ދޮރު ވައްޓައިނުލިޔަސް ހުޅުވާނަމެއްނު-؟ އަހަރެން ކުޑަދޮރުން ނުކުމެގެން ދަނީތަ-؟"

މަންމަ ކުޑަދޮރާ ދިމާއަށް ބަަލައިލިއެވެ. އޭރު އެ ދޮރު ހުރީ ހުޅުވައިފިއެވެ. މަންމަ ގޮސް ކުޑަދޮރުން ބޭރު ބަލައިލިއެވެ. އެ ދޮރރުގައި ހުރީ ދަނގަޑު ޖާއްޔެއްވެސް ލައްވައިފައެވެ. މީހަކު ބޭނުން ވިޔަސް އެ ކުޑަދޮރަކުން އެތެރެއަކަށް ނުވަދެވޭނެއެވެ. އަދި ބޭރަކަށްވެސް ނުނުކުމެވޭނެއެވެ. އެކަމަކު ކުޑަދޮރު ކައިރިއަށް އައިސް ވާހަކަ ދެއްކިދާނެއެވެ. އިރުއޮއްސޭން ކައިރި ވެފައި ވުމާއެކު އޮތީ ކުޑަކޮށް އަނދިރި ވެފައެވެ. އެހެންވީމާ މާ ދުރެއް ނުފެނެއެވެ.

މަންމަ އެނބުރި ފީރޯޒާއާ ދިމާއަށް ބަލައިލިއެވެ. "ދޮރު ނުހުޅުވާ ލަސްކުރީ އޭނާއަށް ފިލައިގެން ދެވެންދެން ދޯ-؟"

"ދަރިންނަށް އެހައި އިތުބާރު ކުޑަ ކުރާކަށް ނުވާނެ- ކެތް ނުކުރެވޭ ވަރަށް ހަރުކަށި ވީމާ ދަރިން ނުލަފާ ވެދާނެ-"

"ހަޔާތް ކެނޑުނީމާ ނުލަފާ ވާހަކަށް ލަހެއް ނުވާނެ- ސީދާ ތެދަށް ބުނޭ- އޭނާ ކުޑަދޮރު ކައިރިއަށް އައިތަ-؟ އަހަރެން އައީމާ ފޮނުވައިލީތަ-؟"

"މަންމަ ތިޔަ ވާހަކަ ދައްކާ ގޮތުން ހީވަނީ މަންމަވެސް އަހަރެންގެ އުމުރުގައި އެކަހަލަ ކަންތައް ކޮށް އުޅުނީހެން-"

މަންމަ އޭނާގެ ކަންކަށިމަތީގައި އެތިފަހަރެއް ޖަހައިފިއެވެ. "ލަދު ހަޔާތްކުޑަ- މުސްކުޅިވީ ދުވަހު މަންމަގެ ބޮލުގައި ގޮތްކުޑަ އިލްޒާމު އަޅުވަނީތަ-؟"

"ރަނގަޅު އަންހެން ދަރިއަކު މައެއްގެ ބޮލުގައި ނުބައި އިލްޒާމެއް ނާޅުވާނެ- އަހަރެން ހަމައެކަނި ކެރޭކަން ދައްކައިލީ-"

"މާނައަކީ ކަލޭ އަދި ތިޔަށްވުރެވެސް ނުލަފާ ވާނަމޭތަ-؟ ހަޔާތް ކުޑަ ވާނަމޭތަ-؟"

"އަހަރެން ބުނެފީމެއްނު-؟ ކެތް ނުކުރެވޭ ވަރަށް ހަރުކަށި ވެގެން ނުވާނެއޭ-"

މަންމަ ރުޅި އައިސް ފުފިގެން ހުރެ ކޮޓަރިން ނުކުންނާން ހިނގައިގެންފިއެވެ. އެކަމަކު ދޮރުމަތީގައި ހުއްޓި ހުރެ ކުއްލިއަކަށް ކޮޓަރި ތެރެއަށް ބަލައިލިއެވެ. ކޮޓަރި ތެރޭގައި ހުރި އިރު އޭނާގެ ލޮލުގައި އަޅައިގަތް އެއްޗަކާ ދިމާއަށް ބަލައިލިއެވެ. އަލަމާރީގެ ދޮރު ހުރީ ލެއްޕިފައެވެ. އެކަމަކު އަލަމާރި ތެރޭގައި ހުރި އަންނައުނުގެ ތެރެއިން ހެދުމެއްގެ ތަންކޮޅެއް ބޭރަށް ނުކުމެފައި ހުއްޓެވެ.

މަންމަ އެ ދިމާއަށް ބަލައިލީމާ ފީރޯޒާވެސް ބަލައިލިއެވެ. އަދި އަވަސް އަވަށް ގޮސް އެ ހެދުން އެތެރެކޮށްލިއެވެ. އަދި އަލަމާރީގެ ދެ ދޮރުފަތްވެސް ތަންމިނަށް ހުޅުވައިލިއެވެ. "ދުރުގައި ހުރެގެން ބަލަނީ ކީއްކުރަން-؟ ކައިރިއަށް އައިސް ބަލައިލާ- ޝައްކު ފިލާނީ އޭރުން- އަހަރެން ކަންފަތްމަތީގައި އަނެއް އެތިފަހަރު ޖަހާނޭ ސަބަބެއް ފެނިދާނެ-"

އަލަމާރި އެހެރީ ހުޅުވާފައެވެ އޭގެ ތެރެއަކުން އެއްވެސް އެއްޗެއް ނުފެނެއެވެ.

މަންމަ ފުން ނޭވައެއް ލިއެވެ. "އަހަރެން ވިހެއީ ކަލެއެއް ނޫން- ކަލޭ ވިހެއީ އަހަރެން- އަހަންނަށް ވިިހެވިފައި މިހިރީ ފިސާރި އަންހެނެއް- އަލަމާރި ލައްޕާ-"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.