(17 އޯގަސްޓް 2016 ގައި ޝާއިޢުކުރި ބަޔާ ގުޅޭ)
"އަހަރެންގެ ފިރިމީހާގެ ވާހަކަ ނުދައްކާ- އަމިއްލަ ވާހަކަ ދައްކާ- ފީރޯޒާގެ ފަހަތުން އަޅައިގަނެގެން ތިޔަ އުޅެނީ ކީއް ވެގެން-؟ އަހަރެން ވަރި ކުރުވަން ރާވައިގެން އުޅެނީތަ-؟"
"ދައްތާ- ތިޔަހައި ރުޅި ގަދަ ވެގެން އުޅެނީ ކީއްވެގެން-؟ މިއީ އަހަރެންގެ ގެއެއް ނޫން- ދައްތަގެ އަސްލު ކުލަވަރު ނުދައްކާ- މިއީ ދައްތަގެ ފިރިމީހާގެ ގެޔާ ގުޅުން ހުރި ކަމެއްކަން އަހަންނަށް އެނގޭ- އެކަމަކު ބުނަންތަ-؟ ވެގެން އުޅޭ ގޮތަކީ އަބުރުވެރިކަމާއި، ތަހުޒީބުގެ ދާއިރާގެ ތެރޭގައި އަހަންނަށް އޭނާ ދެކެ ލޯބި ވެވުނީ- މި ކަމުގެ ސަބަބުން ދައްތައަކަށް އެއްވެސް ގެއްލުމެއް ވިޔަކަ ނުދޭނަން-"
"ކަލޭގެ ލޯބީގެ އެންމެ ފަހުގެ ފަރުދާއަކަށް ވާނީ ކޮން ކަމެއް-؟ އޭނާޔާ އިންނާނަންތަ-؟"
"އާނ- އޭނާ ފެނުނު ދުވަހުން ފެށިގެން އަހަންނަކަށް ހަމަޔަކަށް ނުއެއް ނިދޭ- އިންނާނަންކަން ގައިމު-"
"މިއީ އަހަރެމެންނާ އެއް ފެންވަރެއްގެ ޢާއިލާއެއް- ބޮޑެތި މީސްމީހުންގެ ފަރާތުން ފީރޯޒާގެ ކާވެންޏަށް އެދިގެން އެބަ އާދޭ- ޢާއިލާއަށް ބޮޑު ޠޫފާނެއް އަންނަ ކަހަލަ ކަމެއް ވާކަށް އަހަރެންގެ ބަފައިބެއެއް ނޭދޭނެ- އެކަހަލަ ވިޔާނުދާ ކަމެއް ކޮށްފިއްޔާ ދެން ކަލެއަކަށް މިގެއަކަށްވެސް ނުވަދެވޭނެ-"
"ދައްތާ- އަހަރެމެން މިއީ އިސްޓޭޖު ތަކަށް އަރައި ފޮނި ވާހަކަ ދައްކައިގެން ރިޝްވަތު ހިފާ މީސްމީހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ހަދާ ބައެއް- އެހެންވީމާ އަހަރެން ކަހަލަ ސެކަންޑް ހޭންޑް ފިރިއަކަށް މި ޢާއިލާގެ ތެރެއަށް ނުވަދެވޭންވީ ކީއް ވެގެން-؟"
ސަލްމާ ކަންބޮޑު ވެއްޖެއެވެ. "ކަލޭ ތިޔަ އުޅެނީ ބޮޑު ހައިޖާނެއް އުފައްދަން ދޯ-؟"
"މިހާރަކު ނޫން- ހައިޖާނެއް އުފެދޭނީ ބޭނުންވާ ކަންތައް ނުވީމައެއްނު-؟"
"އެކަން ކަލޭ ކުރާނީ ކިހިނެއް-؟"
'ފުރަތަމަ އަހަރެން ފީރޯޒާގެ ރުހުން ހޯދާނީ- އޭނާވެސް އަހަންނާ ގަޔާވާކަން އަހަންނަށް އެނގޭ-"
"އޭނާ ހީކުރަނީ ކަލެއަކީ ހުސްހަށިބައި މީހެއް ކަމަށް-"
"ހުސްހަށިބަޔަކަށް، ދެހަށިބަޔަކަސް ހިތުގައި ޖާގައެއް އުފެދިއްޖެއްޔާ އަންހެން ކުދިން ރުހި ގަބޫލު ވާނެ-"
"އަކްބަރް- ބުނަންތަ-؟ ކަންތައް ގޯސް ވެއްޖެއްޔާ އަހަރެންގެ ދުވަސް ދާނެ- އެކަން ހަނދާން ކުރާތި-"
"ދައްތަ އަހަރެންގެ ވާހަކަ ގަބޫލު ކުރޭ- ޖަވާދު ބޭބެ ރުއްސަން މަސައްކަތް ކުރަމުން ގެންދޭ- ގޭގެ ދެ ވޯޓު އޭރުން އަހަންނަށް ލިބުނީ- ތިން ވަނަ ވޯޓަކީ ފީރޯޒާގެ ވޯޓު- އެ ވޯޓު އަހަރެން ހޯދާނަން- ދައްތަގް މައިދައިތަ، ޖަވާދު ބޭބެ ދެކެ އިންތިހާއަށް ލޯބިވޭ- އެހެންވީމާ މަޑުމަޑުން ގޮސް ޖަވާދުބޭބެގެ ބަހަށް ބޯ ލަނބާނެ- ދެން ހުންނާނީ އެދުރުންގެ އެދުރު- ބަފާބެ- އޭނާގެ ކަންތައްވެސް އަހަރެން ހަމަ ޖައްސައިލާނަން-"
"އެންމެ ރަނގަޅު- އެކަމަކު އަދި އަހަރެން ކަލެޔާއި ފީރޯޒާގެ ވާހަކަ ޖަވާދު ގާތަކު ނުބުނާނަން- އެންމެ ފުރަތަމަ ފީރޯޒާ ކަލެޔާ ހިތާވާކަން އަހަންނަށް ދައްކައިދީ-"
"ތިޔަ ކަންތައް ވަރަށް އަވަހަށް ދައްތައަށް އެނގިދާނެ- އޭނާ ކޮލެޖަށް ދާން ގެއިން ނުކުންނަނީ ހެނދުނު ނުވައެއް ޖަހާއިރުކަން މިހާރު އަހަންނަށް ވަނީ އެނގިފައި- އެނބުރި ގެއަށް އަންނަނީ އެކެއް ޖަހާއިރު- އެހެންވީމާ މެންދުރު ފަހު ދޭއް ޖަހާއިރު މިގޭ ފޯނު ރަނގަބީލު ވާން ފަށައިފިއްޔާ ދައްތައަށް އެނގެން ވާނެ އަހަރެން ފީރޯޒާއަށް ގުޅަނީކަން- ކޮންމެވެސް ބަހަނާއެއް ދައްކައިގެން އޭނާ ލައްވައި ފޯނު ނަންގުވާ- ލޮލުގެ ޒަރީޢާއިން މިހާރު ހިތާ ހަމައަށް ހިނގައްޖައިން- ދެން އޮތީ ކަންފަތުގެ ޒަރީޢާއިން ހިތާ ހަމައަށް ދިއުން-"
ފީރޯޒާ ކޮލެޖަށް ދަނީ އޭނާގެ ބައްޕަ، ޢިނާޔަތު ޙުސައިނާ އެކީ ކާރުގައެވެ. ޢިނާޔަތު އޭނާ ކޮލެޖަށް ލާފައި އޮފީހަށް ދަނީއެވެ. އެކެއް ޖަހަން ވާއިރަށް އޭނާ ބަލައި އަންނަނީވެސް ބައްޕައެވެ. ގެއަށް ގެނެސް ލާފައި، މެންދުރު ކައިގެން އަނެއްކާވެސް އޮފީހަށް ދަނީއެވެ. މިއީ ކޮންމެ ދުވަހަކުވެސް ކަންތައް ހިނގާ ގޮތެވެ. އެހެންވީމާ ފީރޯޒާއާ ގެއިން ބޭރުގައި ބައްދަލު ކުރާނޭ ފުރުސަތެއް އަކްބަރް ޢަލީ އަކަށް ނުލިބެއެވެ. އެންމެ ފުރަތަމަ އޭނާ ލޯބީގެ ވާހަކަތައް ދެއްކީ ފޯނު ކޮށްގެންނެވެ. ވާހަކައިގެ ތެރެއިން އަކްބަރް ޢަލީއާ ބެހޭ ބައެއް މަޢުލޫމާތު ފީރޯޒާއަށް ލިބުނެވެ. އަދި އެހެން ގޮތްގޮތުންވެސް ބައެއް ކަންތައްތައް އެނގުނެވެ. އެނގުނު ކަންތައްތަކުގެ ތެރޭގައި އޭނާގެ އަތްނބަކު އިންނަ ކަމާއި، ދެ ދަރިން ތިބޭކަން ހިމެނެއެވެ. ޢައިލީ ގޮތުން އެހައި ބޮޑު ގުޅުމެއް އޮތިއްޔާ، ކަންތައްތައް ސިއްރު ވެފައެއް ނޯންނާނެއެއް ނޫން ހެއްޔެވެ؟ ފީރޯޒާ އޭނާގެ ފަހަރި، ސަލްމާޔާ ސުވާލު ކުރިއެވެ. "ފަހަރި އެކަންތައް އަހަންނަށް ސިއްރު ކޮށްފައި ބޭއްވީ ކީއް ވެގެން-؟"
ސަލްމާ ބުންޏެވެ. "ފީރޯޒާ އަހަންނަކާ ސުވާލެއް ނުކުރަމެއްނު-؟ އެހެންވީމާ ނުބުނީ- ސުވާލު ކުރި ނަމަ ތެދަށް ބުނީމުސް-"
"ފަހަރި އަކީ މިހާރު މިގޭ މީހެއް- އެހެންވީމާ ޢައިލާގެ އެހައި މުހިއްމު ވާހަކައެއް އަމިއްލައަށް ނުބުނެ އޮވެގެން ނުވާނެ- މަންމައާއި ބައްޕަ ތިޔަ ގެއަށް ގޮސް ފަހަރީގެ ވާހަކަ ދެއްކި އިރުވެސް، ޞަފޫރާ ނަމަކަށް ކިޔާ މީހަކު ތިޔަ ގޭގައި އުޅޭ ކަމެއްވެސް ނޭނގޭ- އަޖައިބެއް ކަހަލަ ކަމެއްނު-؟ ކާވެނި ޕާޓީގައިވެސް އެ ފަކީރު ބައިވެރިއެއް ނުކުރޭ- އެ ދެ ކުދިންވެސް ނުއެއް ފެނޭ- އެހައި ބޮޑު ސިއްރަކަށް އެކަން ހަދައިގެން އުޅެނީ ކީއްވެގެން-؟"
"އެއީ ސިއްރެއް ނޫން- ސިއްރަކަށް ހަދައިގެން އުޅެނީއެއްވެސް ނޫން- ޞަފޫރާ، އަކްބަރާ އިނީ ވިޔަފާރި މުޢާމަލާތެއްގެ ގޮތުގައި- އެއީ އެހައި ރީތި ކުއްޖެއް ނޫން- އަދި އުޅުން ހުންނަނީވެސް މީހުންގެ ތެރެއަށް ނުކުމެ އުޅޭ ފަދަ ގޮތަކަށް ނޫން- އެހެންވީމާ ޕާޓީތަކަށް ނުނެރެނީ- އަނެއްކޮޅުން އަކްބަރް އަބަދުވެސް ބޭނުން ވަނީ އޭނާ ރުހޭ، ހިތާވާ މީހަކާ އިންނަން- އެހެންވީމާ އަހަރެމެން އޭނާގެ ކާވެނީގެ ވާހަކަ ދައްކައި އިޝްތިހާރުކޮށް ނުހަދަނީ-"
"ފަހަރި އަހަރެން ގާތު އެވާހަކަ ތިޔަ ބުނީ އަހަރެން އަކްބަރް ދެކެ ލޯބިވާން ފެށީމާ ދޯ-؟"
"ކާވެނީގެ ކުރީން ފީރޯޒާއަށް ހުރިހައި ވާހަކައެއް ކިޔައި ދޭނަމޭ އަކްބަރް އޮތީ ބުނެފައި- ތިޔަ ދެ ކުދިން އެކަކު އަނެކެއްގެ ސިއްރުތައް ދަނެގަނެ، އެކަކު އަނެކަކާ ރުހި ގަބޫލު ވީމާ މަންމަޔަށާއި ބައްޕައަށް އެކަން އަންގާނީ-"
"ފަހަރީގެ ލޯބިވާ ކޮއްކޮ ގާތު ބުނޭ އަހަރެން ގަބޫލެއް ނޫނޭ- މީގެ ފަހުން ފޯނަކުންވެސް އޭނާގެ މަކަރުވެރި ވާހަކަތަކެއް އަޑެއް ނާހާނަން-"
"ތިޔަ ވާހަކަ ފީރޯޒާ އަމިއްލައަށް އޭނާ ގާތު ބުނޭ-"
"އޭނާޔާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫން-"
"ވާހަކަ ކުރިއަށް ގެންދިޔައީ ފީރޯޒާ- އަންހެނަކު ހިތްވަރު ނުދީފިއްޔާ ފިރިހެންމީހާ ފަހަތަށް ޖެހޭނެ- އިތުރަށް ކުރިއަށް ގެންދާކަށް ނުކެރޭނެ- އޭނާ ފަހަތަށް ޖެހިޔަ ނުދިނީ ފީރޯޒާ- އަބަދުވެސް ކުރިއަށް ދާނެ މަގު ދެއްކީ-"
"އޭނާ އުޅެނީ އޭނާގެ އަސްލު ސިފަ ފޮރުވައިގެން ކަމެއް އަހަންނަކަށް ނޭނގޭ-"
"އިނުމުގެ ކުރީން ފީރޯޒާ ގާތު ހުރިހައި ވާހަކައެއް އޭނާ ބުނެފި- އެއްވެސް ކަމެއް ސިއްރު ކޮށްފައި ނުބޭއްވީ އޭނާގެ ރަނގަޅު ކަމުން- އޭނާ މަކަރެއް ނުހަދާ- އެކަމަކުވެސް ފީރޯޒާ ތިޔަ ބަލަނީ އެއީ މަކަރުވެރިއެއް ކަމުގައި-"
ސަލްމާގެ ވާހަކަތަކާއި ހުއްޖަތުގެ ސަބަބުން ފީރޯޒާގެ ދޫ ބަންދު ވެއްޖެއެވެ. އަކްބަރް ޢަލީ އޭނާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ގަބޫލު ކޮށްފިއެވެ. އަދި މަކަރެއްވެސް ނުހަދާ ކަމަށް ގަބޫލު ކޮށްފިއެވެ. މީހަކާ އިނދެގެން އުޅޭކަން ނާންގައި، އޭނާޔާ އިނުމަށް ފަހު އެކަން އެނގުނު ނަމަ އޮތީހީ މާ ބޮޑަށް ލަސް ވެފައެވެ. އަކްބަރް ޢަލީ އެހެން ހެދިނަމަ އޭނާއަކަށް ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެއެވެ.
އެއަށް ފަހު ފޯނުން ވާހަކަ ދައްކައި އަކްބަރް ޢަލީވެސް އޭނާ މައިތިރި ކޮށްފިއެވެ. އޭނާގެ ދިރިއުޅުމުގެ ހިތާވެރި ވާހަކަތައް ކިޔައި ދީގެން ފީރޯޒާ ރޮއްވައިފިއެވެ. އޭނާގެ ދެކެ ލޯބިވާ މީހަކު މި އުޑުހިޔާ ދަށަކު ނެތޭ، ޞަފޫރާއާ އިނީ މަޖުބޫރު ވެގެންނޭ ކިޔައި، އަސަރު ގަދަ ވާހަކަތައް ދައްކައިގެން ވަރަށް ރަނގަޅަށް ފީރޯޒާ ގޯނި ފުލަށް ލައިފިއެވެ.
ފީރޯޒާ ފޯނުން ވާހަކަ ދެއްކީ ހަރުކަށި ކަމާއި، މަލާމާތުގެ ރާގަކަށެވެ. އެހެން ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އޭނާގެ ހިތް އޮތީ މަޑު ކަފަކޮޅެއް ހެންނެވެ. އަކްބަރްގެ އަޑު އިވުނީމާވެސް އޭނާއަށް އާދަޔާ ޚިލާފު އަސަރެއް ކުރެއެވެ. މޫސުމް މުޅީން ބަދަލު ވެގެން ދެއެވެ. ޖަޒުބާތުގެ ހޫނު ވައި ރޯޅިތައް އަންނަ، ނާންނަ ތަނެއް ނޭނގި، ޖެހެން ފަށައެވެ. އަކްބަރް އެދެމުން ދިޔައީ ގެއިން ބޭރުގައި، ކޮންމެވެސް ތަނެއްގައި އޭނާޔާ ބައްދަލު ކުރާށެވެ. އެހެން ހަމަ ބުނުމާއެކު ފީރޯޒާ ފޯނު ބާއްވައިފިއެވެ. ދެވަނަ ފަހަރު އެެހެން ބުނެފިއްޔާ، ޖަޒުބާތުގެ އޮއިވަރުގައި ޖެހި، އާނއެކޭ ބުނެވިދާނެތީއެވެ.
ލޯބީގައި ދީވާނާ ވީމާ އާނއެކޭ ބުނުން ނޫން ކަމެއް ނުކުރެވެއެވެ. ވިސްނައި ފިކުރު ކުރުމަށް ފަހު ޖަވާބެއް ދެވޭނީ ހަމަ ހޭގައި ހުރެގެން ނޫން ހެއްޔެވެ؟ ޖަވާބެއް ނުދީ ފޯނު ބޭއްވީ އެހެން ވެގެންނެވެ. މީހުންގެ ފިރިންނާ ހިތާވާ މީހުން ދެކެ އޭނާ ރުޅި އާދެއެވެ. އޭނާ ދެކެނީ އެއީ ގޮތެއް ފޮތެއް ނެތް ބައެއްގެ ގޮތުގައެވެ. އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. އަމިއްލަ ނަފްސު ދެކެ ރުޅި އައުމަކީ ހާދަހާވާ އުނދަގޫ ކަމެކެވެ. ޚުދު ތިމާގެ ގޮތެއް ފޮތެއް ނެތް ކަމަށް ކަނޑައަޅާނީ ކިހިނެއް ހެއްޔެވެ؟ ހިތާއި ސިކުނޑިއަށް ވެރި ވެގެންފައިވާ މީހަކު ނަގައި ބޭރަށް އެއްލައި ލެވޭނީ ކިހިނެއް ހެއްޔެވެ؟
އޭނާގެ ހިތަށް އެރިއެވެ. މިކަހަލަ ކަމެއް ކުރާ މީހަކަށް މި ދުނިޔޭގައި އުޅެނީ އަހަރެން އެކަންޏެއް ނޫނެވެ. އަހަރެން ކަހަލަ އެތައް ބަޔަކު މި ރަށުގައިވެސް އުޅޭނެއެވެ. ބާޒާރަށް ނުކުމެ ހިތް ގަނެ ވިއްކައި އުޅޭ މީހުންވެސް މަދެއް ނުވާނެއެވެ. އެހްވީމާ އަހަރެން މިކުރާ ކަމަކީ އެހައި ބޮޑު ކަމެއް ނޫނެވެ. އޭނާ ވިސްނަމުން ދިޔައެވެ. އޭނާޔާ ދިމާއަށް އަހަރެންގެ ހިތް ލެނބެމުން މިދަނީ ކީއް ވެގެން ހެއްޔެވެ؟ އޭނާގެ ކިބައިގައި ހުރީ ކޮން ކަހަލަ ދަމާ ބާރެއް ހެއްޔެވެ؟ މީހަކަށް، މީހަކު ރަނގަޅު ވާ ސަބަބު ތަކަކީ ކޮބައި ހެއްޔެވެ؟ މީހަކު ފެނުނީމާ ފުރަތަމަ ކުރެވޭ އިޙްސާސަކީ ކޮބައި ހެއްޔެވެ؟ ފެނުމާއެކު އެންމެ ފުރަތަމަ ލޯތްބެއް ނުވެއެވެ. އެކަމަކު ކޮންމްވެސް ކަހަލަ ގޮތެއް ވެއެވެ. އޭގެ ފަހުން މަޑު މަޑުން އެމީހަކު ރަނގަޅު ވަމުން ގޮސް، ލޯބިވެސް ވަނީއެވެ.
ލޯބީގެ ކަންތަކުގައި ހިތަކީ ވަރަށް މޮޔަ އެއްޗެކެވެ. މީހެއްގެ ލޯ ރީތި ވެއްޖެއްޔާ، ލޮލާ ބެހޭ ގޮތުން ޅެން ހަދަން ފަށައެވެ. މީހެއްގެ ތުންފަތާއި، ކޮލުގެ ވާހަކަ ދައްކާފައި މާނޭވާ ލާން ފަށައެވެ. މީހެއްގެ އަޑުގެ ޖާދޫގައި ޖެހުނީމާ އެމީހެއްގެ އަތު ތެރެއަށް ހިތް އެކީގައި ދޫކޮށްލެވެއެވެ. ފީރޯޒާގެ ހިތުގެ އަޑިން އަޑެއް ނުކުތެވެ. "ތިޔައީ ވަރަށް ބޮޑު ތެދެކެވެ." އޭގެ ފަހުން އެއްވެސް އަޑެއް ނީވެއެވެ. އެކަމަކު ހަމަ އެކަނި އެ ޖުމްލަ އޭނާގެ ކަންފަތުގައި ގުގުމާލަ ގުގުމާލާ އެތައް އިރަކު ހުއްޓެވެ.
އޭނާގެ ޢާއިލާގައިވެސް ފިރިހެނުން މަދެއް ނޫނެވެ. ގާތް ތިމާގެ މީހުންގެ ތެރޭގައިވެސް ފިރިހެނުން ވަރަށް ގިނައެވެ. އެކަމަކު އެއިން އެކަކަށްވެސް އޭނާގެ ހިތާ ކުޅެލެވިފައެއް ނެތެވެ. އެއިން މީހެއްގެ އަޑަކުން އޭނާއަކަށް އަސަރެއް ނުކުރެއެވެ. ހުރިހައި އަޑެއްގެ މައްޗަށް އިވެނީ އަކްބަރް ޢަލީގެ އަސަރު ގަދަ އަޑެވެ. ސެކަންޑް ހޭންޑް މީހެއްގެ އުރަށް ވެއްޓިގަންނަން އޭނާ ތައްޔާރުވީ އެހެން ވެގެންނެވެ.
(ނުނިމޭ)