ސްޓެފައިލޯކޮކަސް އޯރިއަސް-އިންސާނާގެ ދުޅަހެޔޮކަމަށް ހުރި ނުރައްކަލެއް

ބެކްޓީރިއާ އަކީ އިންސާނުންގެ ލޮލަށް ފެންނަ ވަރަށް ވުރެ ކުދި ދިރޭ އެއްޗެހީގެ ބާވަތެކެވެ. މިބާވަތުގެ ތެރޭގައި އިންސާނުންގެ ހަށިގަނޑަށް ފައިދާ ކުރަނިވި ބެކްޓޭރިއާ އާއި އިންސާނުންނަށް ތަފާތު ބަލިތައް ޖައްސާ ޖަރާސީމުތައްވެސް ހިމެނެއެވެ. މިގޮތުން ސްޓެފައިލޯކޮކަސް އޯރިއަސް ބެކްޓީރިއާ އަކީ ތަފާތު ހަމުގެ ބަލިތަކާއި، ނިއުމޯނިއާ އާއި ލޭގެ ތަފާތު ބަލިތަކަށް މަގުފަހިކޮށްދޭ ބެކްޓީރިއާ އެކެވެ. މިހާތަނަށް ހަދާފައިވާ ދިރާސާތަކުން ދައްކާގޮތުގައި ސްޓެފައިލޯކޮކަސް އޯރިއަސް ބެކްޓީރިއާ ގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު ދަނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.

ސްޓެފައިލޯކޮކަސް އޯރިއަސް ބެކްޓީރިއާ އަކީ އިންސާނާގެ ހަށިގަނޑަށް އެތެރެވުމާއެކު އޭގެ ވިހަ މާއްދާތައް ހަށިގަނޑުގެ ތަފާތު ގުނަވަންތަކުގެ ތެރެއަށް ފަތުރައިދޭ ބެކްޓީރިއާއެކެވެ. މި ވިހަ މާއްދާތަކަކީ އިންސާނާގެ ދިފާއީ ނިޒާމް ބަލިކަށިކޮށްލާ މާއްދާތަކެކެވެ. މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާގޮތުގައި އެކި ބެކްޓީރިއާ މިވިހަ މާއްދާ އުފައްދަނީ އެކިމިންވަރަށެވެ. މީގެ ސަބަބުން އިންސާނާގެ ހަށިގަނޑަށް ކުރާ އަސަރު ވެސް ތަފާތުވެގެންދެއެވެ. މިގޮތުން އިންސާނާގެ ހަށިގަނޑަށް އެންމެ ބޮޑަށް ގެއްލުން ދެނީ މިވިހަ މާއްދާ އެންމެ ގިނަ މިންވަރަށް އުފައްދާ ބެކްޓީރިއާއެވެ.

ދާދި ފަހުން ޖަރުމަނުގެ ދެ ޔުނިވަރސިޓީއެއް ކަމަށްވާ ޓެކްނިކަލް ޔުނިވަރސިޓީ އޮފް މީނެކް އަދި ޔުނިވަރސިޓީ އޮފް ޓޫބިންގަން އިން ވަނީ ސްޓެފައިލޯކޮކަސް އޯރިއަސް ބެކްޓީރިއާ އިން އުފައްދާ ވިހަ މާއްދާތަކުގެ ސަބަބުން އިންސާނާގެ ދިފާއީ ނިޒާމް މަސައްކަތްކުރާ މިންވަރަށް އަންނަނީ ކޮންކަހަލަ ބަދަލުތަކެއްތޯ ބެލުމަށް ދިރާސާއެއްކޮށްފައެވެ. މައިގަނޑު ގޮތެއްގައި މިދިރާސާގައި ބަލާލައިފައިވަނީ މިވިހަ މާއްދާތައް އިންސާނާގެ ދިފާއީ ނިޒާމްގެ މަސައްކަތް އިތުރުކޮށްދޭ މިންވަރަށެވެ. އިންސާނާގެ ދިފާއީ ނިޒާމްގެ މަސައްކަތް މާބޮޑަށް އިތުރުވެއްޖެނަމަ އޭގެ ސަބަބުން ހަށިގަނޑަށް ވަރަށް ގިނަ ގެއްލުންތައް ކުރިމަތިވެއެވެ. މިދިރާސާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައިފައިވަނީ އިންސާނާގެ ދިފާއީ ނިޒާމްގައި ހިމެނޭ ސެލްތަކެއް ކަމަށްވާ މައިލޮއިޑް ޑިރައިވްޑް ސަޕްރެސަރ ސެލްސް އަށް މިވިހަ މާއްދާތަކުގެ ސަބަބުން ކުރާ އަސަރު ތަކަށެވެ. މައިލޮއިޑް ޑިރައިވްޑް ސަޕްރެސަރ ސެލްސް އަކީ އިންސާނާގެ ދިފާއީ ނިޒާމް އޭގެ އެންމެ ފުރިހަމަ ގޮތުގައި މަސައްކަތް ކުރުމަށް އެހީތެރިވެދޭ ސެލްތަކެކެވެ. މިސެލްތަކުގެ މައިގަނޑު މަސައްކަތަކީ ދިފާއީ ނިޒާމް މަސައްކަތް ކުރަންޖެހޭ މިންވަރަށްވުރެ އިތުރަށް މަސައްކަތްކުރުން ހުއްޓުވުމެވެ.

މިދިރާސާގައި އެސިސްޓެންޓް ޕްރޮފެސަރ ޑރ.ނިކޮލޮސް ރީބަރ އާއި އޭނާގެ ޓީމުން ވަނީ ސްޓެފައިލޯކޮކަސް އޯރިއަސް ބެކްޓީރިއާގެ ގާތްގަނޑަކަށް ތަފާތު ވިހި ވައްތަރު ޓެސްޓްކޮށްފައެވެ. މީގެ ތެރޭގައި ބެކްޓީރިއާ މެރުމަށް ޙާއްސަ ކޮށްފައިވާ ބޭސްތައް ކަމަށްވާ އެންޓިބަޔޮޓިކްސް އަށް ނުގުޑާ ބެކްޓީރިއާ ވެސް ހިމެނެއެވެ. އެންޓިބަޔޮޓިކްސް އަށް ނުގުޑާ މިބެކްޓީރިއާގެ ސަބަބުން ބަލިތައް ޖެހިފައިވާ މީހުންގެ ދިފާއީ ނިޒާމް އިތުރަށް ބަލިކަށިކޮށްލައެވެ. އެހެންކަމުން މިފަދަ ބެކްޓީރިއާއެއް ހޮސްޕިޓަލްތަކުގައި ފެތުރިގެން ގޮސްފިނަމަ އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމަކާވެސް ކުރިމަތިލާންޖެހިދާނެއެވެ.

މައިލޮއިޑް ޑިރައިވްޑް ސަޕްރެސަރ ސެލްސް އަށް ސްޓެފައިލޯކޮކަސް އޯރިއަސް ބެކްޓީރިއާގެ ވިހައިގެ ސަބަބުން ކުރާ އަސަރު ދެނެގަތުމަށްޓަކައި، ސްޓެފައިލޯކޮކަސްގެ ތަފާތު ވައްތަރުތައް ވަނީ މިދިރާސާގައި ބޭނުންކޮށްފައެވެ. މިގޮތުން މިތަފާތު ވައްތަރުތައް ވަނީ ޓެސްޓްކުރުމަށްޓަކައި އެއްރޭވަންދެން ފިނިހޫނުމިން ވަރަށް ދަށް ( 80- ޑިގްރީ ސެލްސިއަސް) މާހައުލެއްގައި އެތަކެއްޗަށް ބޭނުންވާ އެންމެ ފުރިހަމަ ކާނާ އާއިއެކު ރައްކާކޮށްފައެވެ. އެއަށްފަހުގައި މިބެކްޓީރިއާތައް ވަނީ ލެބޯޓެރީގައި އަމަލުކުރާ އާންމު އުސޫލުތަކުގެ ދަށުން މިދިރާސާގައި ބޭނުންކުރުމަށް ބޭނުންވާ މިންވަރަށް ތައްޔާރުކޮށްފައެވެ. އަދި މިތައްޔާރު ކުރި ބެކްޓިރިއާތައް ވަނީ 20- ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށްފަހު ޓެސްޓްކޮށްފައެވެ.

މިދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި ސްޓެފައިލޯކޮކަސް އޯރިއަސް ބެކްޓީރިއާ އުފައްދާ ވިހަ މާއްދާގެ މިންވަރު އިތުރުވާ މިންވަރަކަށް މައިލޮއިޑް ޑިރައިވްޑް ސަޕްރެސަރ ސެލްސްގެ މަސައްކަތަށް ހުރަސްއެޅެއެވެ. މީގެ ސަބަބުން އިންސާނާގެ ދިފާއީ ނިޒާމަށް އެތަކެއް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އެހެންނަމަވެސް މިދިރާސާގައި ވިހަ މާއްދާތަކުން މައިލޮއިޑް ޑިރައިވްޑް ސަޕްރެސަރ ސެލްސްއަށް ކުރާ ސީދާ އަސަރު ދެނެގަނެވިފައެއް ނުވެއެވެ. ވުމާއެކު ސީދާ މިސެލްސްތައް މަދުވަނީ ކަމެއް ނުވަތަ މަރުވަނީ ކަމެއް ދެނެގަތުމަށް މިދިރާސާ ވަނީ ނުކުޅެދިފައެވެ.

ޑރ.ނިކޮލޮސް ރީބަރ ފާހަގަ ކުރައްވާފައިވާ ގޮތުގައި، ސްޓެފައިލޯކޮކަސް އޯރިއަސް ބެކްޓީރިއާ އުފައްދާ މި ވިހަ މާއްދާތަކަކީ ކެންސަރާއި ދެކޮޅަށް ހަނގުރާމަ ކުރަން ނުކުޅެދިފައިވާ ދިފާއީ ނިޒާމްގެ ބާރު އިތުރަށް ވަރުގަދަ ކޮށްދީ ކެންސަރ ނެތިކޮށްލުމަށް އެހީތެރިވުމުގެ ބާރު ލިބިގެންވާ މާއްދާތަކެކެވެ. އެހެންކަމުން މިދިރާސާ ވެގެންގޮސްފައިވަނީ ކެންސަރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މީހުންގެ އުއްމީދުތަކަށް އަލިކަމެއް ގެނެސްދޭނެ އަލިދަންމަރެއް ކަމުގައެވެ.

ލިޔުނީ: އެމް.އެން.ޔޫގެ ބެޗްލަރ އޮފް ސައިންސްގެ ދަރިވަރުން

    ސައުޝަން އަޙްމަދު

    އާމިނަތު ރައްޔާ

    އާމިނަތު ލުބްނާ

ދިރާސާ :

http://dx.doi.org/10.3389/fcimb.2018.00321

ފޮޓޯ:

https://goo.gl/images/AsGmMT

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.