ރާއްޖޭގެ ޖަންގަލިތައް

     މާރޗް މަހުގެ 21 ވަނަ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަ ކުރަމުން ދަނީ ބައިނަލް އަގުވާމީ ޖަންގަލިތަކުގެ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަސްތަކެއް ފާހަނގަ ކުރެވެނީ ކުރިން ކުރެވިފައިވާ ތަޖުރިބާތަކެއްގެ އަލީގައި އެއިން ރަނގަޅު ފިލާވަޅުތަކެއް ދަސްކޮށް ކުރިއަށް އޮތްތަނުގައި ކަންކަން ރަގަޅުކުރުމަށް އަޒުމްކަނޑައަޅައި، އެކަށީގެންވާ ފިޔަވަޅުތަކެއް  އެޅުމަށްޓަކައެވެ. އަދި ރަނގަޅު ކާމިޔާބީތަކެއް ހޯދައި ލިބުނު ދެރަތަށް ފޫބެއްދޭނެ ގޮތަކާއި ދޭތެރޭ ވިސްނުމަށްޓަކައެވެ.

     ބައިނަލް އަގުވާމީ ޖަންގަލިތަކުގެ ދުވަސް ފާހަގަކުރުމަކީ އަޅުގަނޑުމެން ދިވެހިން މާބޮޑު ސަމާލުކަމެއްދޭ ކަމެއްނޫނެވެ. މީގެ އެންމެ ބޮޑު ސަބަބަކަށްވަނީ ޖަންގައްޔަކީ އަޅުގަނޑުމެންގެ ގައުމުގައި ވާ އެއްޗެއްކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި ނެތުމެވެ. ޖަންގަލި މިބަހުން އަޅުގަނޑުމެންނަށް މާނަ ކުރެވެނީ ބޮޑެެތި ބިޔަ ގަސް ހެދިފައި ހުންނަ ތަންތަނެވެ. އަޅުގަނޑުމެންގެ މި ކުދި ރަށްތަކުގައި ހުންނަ ކުދި ވާތަކާއި ކުޅިތަކާއި ކަނޑޫފާ ތަކަކީ ޖަންގަލީގެ ގޮތުގައި ބަލައިގަނެވިފައި ނެތުމަކީ އަޅުގަނޑުމެން ދިވެހިން މިކަމަށް ލޯހުޅުވިފައިވާ މިންވަރާއިމެދު ސުވާލު އުފެދޭކަމެކެވެ.

    ޖަންގަލީ ނުވަތަ ފޮރެސްޓަކީ އެމާހައުލެއްގައި ގުދުރަތީގޮތުން ހެދިިފައިހުންނަ ގަސްގަހާގެއްސަށް ނިސްބަތްކޮށް ބޭނުންކުރެވޭ ބަހެކެވެ. ދުނިޔޭގެ އެކި ހިިސާބުތަކުގެ ޖަންގަލީގައި ހުންނަނީ އެކިސިފަތަކެވެ. އަޅުގަނޑުމެންގެ ރަށްތަކުގެ ހޭޅިފަށާއި ރަށުތެރެއިން ފެންނަ އެންމެހައި ބާވަތްތަކުގެ ގަސްގަހާގެއްސާއި އެމާހައުލުތަކުން ފެންނަ އެންމެހާ ދިރުމެއް ހިމެނެނީ އަޅުގަނޑުމެންގެ ޖަންގަލިތަކުގެ ގޮތުގައެވެ. މިހެން ބުނަންޖެހޭ ސަބަބަކީ މިއީ ކުޑަ ޖަޒީރާ ގައުމަކަށްވުމެވެ. މިބިމުގެ ވެއްޔަކީ ޕީއެޗް ވަރަށްމަތި ވެއްޔަށް ވުމުގެ ސަބަބުން މިތަނުގައި ހެދޭ ގަސްގަހާގެހި ވެފައިވަނީ ސޯލްޓް ރެސިސްޓެންޓް ނުވަތަ ލޮނުގެ އަސަރުހުންނަ ތަންތާގައި ހެދޭ ގަސްގަހާގެއްސަށެވެ. އެހެންކަމުން މި ދިރުންތަކަކީވެސް ބިޔަ ޖަންގަލިތަށް ފަދައިން ރައްކާތެރި ކުރެވި ހިމާޔަތް ކުރުމުގެ އިތުރުން އިންދައި އާލާކުރަންވެސް ޖެހޭދިރުންތަކެކެވެ. ދެންއުފެދޭ ސުވާލަކީ އަޅުގަނޑުމެންކަހަލަ ބިންކޮޅު އިންތިހާއަށް ކުޑަގައުމެއް ކިހިނެއްތޯއޭ މިފެހިކަން މިގޮތުގައި ބާއްްވައިގެން ތަރައްގީ ކުރާނީ؟ މީގެ އެތަށްމިސާލެއް އަޅުގަނޑުމެންނަށް ދުނިޔޭގެ އެކިހިސާބުތަކުން މިހާރު ފެންނަން އެބަހުއްޓެވެ. އަޅުގަނޑުމެން ކުރަން ޖެހިފައި އޮތްކަމަކީ ބިން ތަރައްގީކުރާއިރު މިމާހައުލުގައިވާ ގަސްތަށް ހިމަނައިގެން މިކަން ކުރެވޭނެގޮތެއް ހޯދުމެވެ. ތަންތަން ފަރުމާކުރުމުގައި ގަސްގަހާގެހި ހިމެނުމެވެ. މިފަދަ ކުޑަ ބަދަލަކުންވެސް އަޅުގަނޑުމެންނަށް ޖައްވުނުސާފުވުމާއި މޫސުމީ ބަދަލުތަކުގެ ސަބަބުންލިބޭ ގެއްލުން ކުޑަކުރެވިދާނެއެވެ. ދުނިޔޭގެ ފެންވަރުގައި ގައުމުތަކުގެ ހިތްގައިމުކަންޑައަޅަނީ އެތަނެއްގައި ހުންނަ ގަހުގެ ނިސްބަތަށް ކަމަށްވުމުން އަޅުގަނޑުމެންގެ ގެދޮރަކީވެސް ދިރިއުޅެން ހިތްގައިމު ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ގަސްގަހާގެހީގެ ދައުރު ވަރަށް މުހިންމެވެ. ގަސްގަހާގެހީގެ ސަބަބުން ވައިސާފުކޮށްދީ ރަށްގިރުންފަދަ އެތަށްކަމަކުން ރައްކާތެރިކަން ލިބެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ސުނާމީގައިވެސް އެންމެ ބޮޑެތި ގެއްލުން ލިބިފައިވަނީ ހޭޅިފަށުގެ ގަސްތަށްމަދު ރަށްތަކަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ރަށްތަށް ތަރައްގީކުރުމުގައި އަޅުގަނޑުމެން ބަލަންވީ ގުދުރަތީގޮތުން ހެދިފައި ހުންނަގަސްގަހާގެހި ހިމަނައިގެން މަޝްރޫއުތަށް ހިންގުމަށެވެ. އަދި މީގެ އިތުރުން ބެންބޫ ނުވަތަ އޮނު ފަދަ ކާރިސާތަކުންލިބޭ ގެއްލުން ކުޑަކޮށްދޭ ގަސްގަހާގެހި އަޅުގަނޑުމެންގެ މާހައުލަށް ތައާރަފް ކުރެވޭތޯ ބެލުމަކީވެސް އެހާމެ މުހިންމުކަމެކެވެ.

     އަޅުގަނޑުމެންގެ ކާބަފައިން ވަނީ ރާއްޖޭގެ މާހައުލުން ލިބޭ ހުރިހާ ބާވަތެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްފައެވެ. މީގެ އެންމެ ބޮޑު އެއްމިސާލަކީ ދިވެހިބޭސްވެރިކަމެވެ. ދިވެހި ބޭސްވެރިކަމަކީ ޔޫނާނީ ނުވަތަ އަޔުރުވެދިކް ބޭސްވެރިކަމުން އައިސްފައިވާ އެއްޗެއްނޫންކަން ސާބިތުވަނީ ދިވެހި ބޭހުގައި އޭރު ލިބެންހުރި ހުރިހައި ފަތްޕިލާވެލީގެ ބާވަތްތަށް ބޭނުންކޮށްފައި ވުމެވެ. ނަމަވެސް މިއިލްމު އެނގޭ މީހުން މިހާރު ނެތުމާއި މިކަމަށް ބޭނުންކުރެވުނު ފޮތްތަށް ނެތިގެން ދިއުމުގެ ސަބަބުން މިހާުރު މިކަންވަނީ ރާއްޖެއިން ގާތްގަނޑަކަށް ނެތިގެން ގޮސްފައެވެ.

     ޒަމާނުއްސުރެ ރާއްޖޭގައި މީހުން ގަސްހައްދާ އުޅެނީ އެކިވައްތަރުގެ ގަސް އެއްތަނެއްގައެެވެ. މިގޮތަށް ގަސްހެއްދުމަށް އިންގިރޭސިން ކިޔައި އުޅެނީ އެގްރޯފޮރެސްޓްރީ އެވެ. އަދި މިިގޮތަށް ގަސް ހެއްދުމުން ވައިނިވަލަކަށް ވުމާއި، ބިންމުއްސަނދި ވުމާއި، ދިރޭތަކެތީގެ ނަސްލު މުއްސަނދިވުމާއި، ސަރަހައްދުގެ ރީތިކަން އިތުރުވުމާއި، ރަށްގިރުމުން ސަލާމަތްވުން ފަދަ އެތަށް ފައިދާއެއް ލިބިގެން ދެއެވެ. ދިވެހި ގަސްކަރަ ދާއިމީގޮތެއްގައި ދެމެހެއްޓުމަށްޓަކައި މިކަމަކީ އެއިން މަންފާލިބޭ ކަމަކަށް ހަދަންޖެހެއެވެ. އަޅުގަނޑުމެންފަދަ ޖަޒީރާ ގައުމަކަށް މިކަމުގެ މުހިންމުކަން ވަރަށްބޮޑެވެ.

     އަޅުގަނޑުމެންފަދަ ބިންތިރި ގައުމުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދުނިޔެ ހޫނުވުމުގެ މައްސަލައެވެ. މިކަން ހައްލުކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ގިނައިން ގަސް ހެެއްދުމެވެ. ޖައްވުގައި ހިމެނޭ ގްރީންހައުސް ގޭހެއްކަމަށްވާ ކާބަންޑައި އޮކްސައިޑްގެ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމުގައި ގަސްގަހާގެހިން ވަަރަށްމުހިންމު ރޯލެއްއަދާ ކުރެއެވެ. ޙާއްސަކޮށް ކުޅިތަކުގައި ހެދޭ ގަސްތަކަކީ ކާބަން ސީކުއެސްޓޭޝަން ނުވަަތަ ޖައްވުގައި ހިމެނޭ ކާބަން ބިމުގައި ރައްކާކުރުމަށް އޮތް އެންމެ އެކަށީގެންވާ ވަސީލަތެވެ. މިފަދަ ގަސްތަކުގެ މުލަކީ ފެނުގެ އަޑީގައި ހުންނަބަޔަކަށް ވުމުން ކާބަން ޖައްވުގެތެރެއަށް ގެއްލިގެން ދިއުން ހުއްޓުވައެވެ. އެހެންކަމުން ކުޅިތަށް ގިނަވުމަކީ ކާބަން ބިމުގައި މުއްސަދިވެގެން ދާނެ ކަމެކެވެ.

     މޫދުވިނައަކީވެސް އަޅުގަނޑުމެންގެ އިކޯސިސްޓަމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ގަހުގެ ބާވަތެކެވެ. ނަމަވެސް ފަތުރުވެރިކަން ކުރިއެރުވުމުގެ ނަމުގައި ބައެއް ހިސާބުތަކުން މުޅިންހެން ނައްތާލެވިފައިވާ ބާވަތެކެވެ. މީގެ ނަތީޖާއަކަށް ވެގެންދަނީ އެތަންތާގައި ދިރިއުޅޭ އެތަށް ދިރުމެއް ނެތިގެން ދިއުމެވެ. މިހާ ނާޒުކު ތިމާވެއްޓަކަށް މިފަދަ އެންމެ ދިރުމެއް ނެތިގެން ދިއުންވެސް ވެގެން ދަނީ ނުހަނު ބޮޑު ގެއްލުމަކަށެވެ. ދެންއޮތް އަނެއްކަންބޮޑުވުމަކީ ރާއްޖެއިން ބޭރުން ގަސް އެތެރެކުރުމުގެ ސަބަބުން އަޅުގަނޑުމެންގެ ގަސްގަހާގެއްސަށް ލިބެމުންދާ ގެެެއްލުން ތަކެވެ. އެތެރެކުރެވޭ ގަސްތަށް ކަރަންޓީންކުރެވޭނެ ރަގަޅު ނިޒާމްތަކެއް ގާއިން ކުރެވިގެން މެނުވީ މިކަން ހައްލެއް ނުކުރެވޭނެއެވެ. މީގެ އިތުރުން އެއްރަށުން އަނެއްރަށަށް ގަސް ބަދަލުކުރެވުމުގެ ސަބަބުންވެސް އެކިއެކި ދިރުންތަށް ނެތިގެން ދެއެވެ. ގަސްގަހާގެހީގެ އެންމެ ފުރިހަމަ މައުލޫމާތު ލިބިފައިވާ މީހުން ތަމްރީން ކުރުމަކީވެސް އެހާމެެ މުހިންމުކަމަކަށް މިވަނީ ވެފައެވެ. މިނިސްޓަރ އޮފް އެންވިރޮންމެންޓް އެނަރޖީ ވިދާޅުވެފައި ވަނީ ތިމާވެެށި ހިމާޔަތް ކުރުމަށް ބޭނުންވާ ބަޖެޓް ހަމަޖައްސައި ގަސްގަހާގެހި ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުން އަންނަ ކަމަށެވެ. އަޅުގަނޑުމެންގެ އުންމީދަކީ ވީހާވެސް އަވަހަކަށް އެފަދަ ދުވަހެއް ފެނިގެން ދިއުމެވެ.

ލިޔުނީ: ސައީދު އިބްރާހިމް (ބެޗްލާރ އޮފް ސައިންސްގެ ދަރިވަރު)

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.