ރާއްޖޭގެ މަސްވެރިންގެ އަތުން މިހާރު މަސްގަންނަމުން ދަނީ ފައިސާ ދީފައި ކަމަށް މިފްކޯ އިން ވިދާޅުވެއްޖެއެވެ.
އެކުންފުނީގެ ސީއީއޯ އިސްމާޢީލް ފައުޒީ ވިދާޅުވީ މިހަފްތާގެ މިހާތަނަށް ވެސް މަސްވެރިންގެ އަތުން މަސް ނަގާފައިވާނީ ފައިސާ ދީފައި ކަމަށެވެ. "އިރާދަ ކުރެއްވިޔާ މި ބަލަނީ މަސްވެރިންނަށް ފަހުން ފައިސާދޭ ގޮތަށް މަސްނެގުން ނިމުމަކަށް އައީ ކަމަށް. އެހެންނަމަވެސް ދުވާލަކު 350 ޓަނު މަސް ގަންނަން ވެއްޖެނަމަ ފައިސާ އުފުލުމުގައި މައްސަކަތަކެއް ދިމާވުމުގެ ފުރުސަތު އޮވެދާނެ،" އޭނާ ވިދާޅުވިއެވެ.
ފަހުން ފައިސާދޭ ގޮތަށް މަސްވެރިންގެ އަތުން މަސް ނެގުމުން މަސްވެރިންނަށް ވަރަށް ބޮޑަށް ދަތިވަމުންދާ ކަމަށް އެމީހުން ބުނެއެވެ. "މަސްވެރިންނަކީ އިތުރު މަސައްކަތެއް ކުރެވޭނެ ބައެއްނޫން. ކަނޑުމަތީގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހު ލިބެންވާ ފައިސާ ނުލިބި ލަސްވުމަކީ ހިތްވަރު އެލޭ ކަމެއް. އުންމީދު ކުރަނީ މިފްކޯ ކަހަލަ މަސްވެރިންނާ ގުޅުންބޮޑު ކުންފުންޏަކުން މަސްވެރިންގެ މިފަދަ ކަންކަން ޙައްލުކޮށްދެއްވާނެ ކަމަށް،" މަސްވެރިއަކު ބުންޏެވެ.
މިފްކޯގެ ސީއީއޯ އިސްމާޢީލް ވެސް ވިދާޅުވީ އެކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ މަސްވެރިންގެ ކަންކަން ވީހާ ވެސް ރަނގަޅަށް ކޮށްދެއްވުމަށް ކަމަށެވެ. ފައިސާގެ މައްސަލަތައް ވެސް ދާއިމީ ގޮތެއްގައި ޙައްލުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭގައި ވެސް މިފްކޯއަށްވަނީ 350 ޓަނު މަސް ކިރުވައިފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ މިއަހަރު ނިމެންވާއިރަށް މިފްކޯއަކީ އަމިއްލަ ބާރުގައި ހިނގާނެ ކުންފުންޏަކަށް ހައްދަވާނެ ކަމަށެވެ.