އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް މުވައްޒަފުން ހޯދަނީ

އައްޑޫސިޓީ ހުޅުމީދޫގައި މިފްކޯއިން ތަރައްގީކޮށްފައިވާ "އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް" އަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އެކުންފުނިން އިއުލާން ކުރައްވައިފިއެވެ.

އެކުންފުނީގެ ހިޔުމަން ރިސޯސް ޑިޕާޓްމެންޓުގެ ހެޑު ސަލާހު ވިދާޅުވީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ހުޅުވާއިރު މިވަގުތަށް ބޭނުންވަނީ ގާތްގަޑަކަށް 85 މުވައްޒަފުން ކަމަށެވެ. މިވަގުތަށް އެއްދަދަށް މީހުން ނެގިޔަސް އެތަނުގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ޕައުޗު ޕްލާންޓަށްފަހު މުވައްޒަފުން އިތުރު ވެގެންދާނެއެވެ.

އެތަނަން މުވައްޒަފުން ނަގާ ދާއިރާތަކުގެ ތެރޭގައި، އެޑްމިނިސްޓްރޭޓިވް، ޓެކްނިކަލް، އެކައުންޓްސް، ކޮލިޓީ ކޮންޓްރީލްގެ އިތުރަށް އަދިވެސް އިތުރު ވަޒީފާތައް ހިމެނެއެވެ.

ވަޒީފާތަކަށް މީހުންނެގުމަށްޓަކައި މައުލޫމާތު ދިނުމަށް ބާއްވާ އޯޕަންޑޭއެއް މިމަހު 20 ވަނަ ދުވަހު ހުޅުދޫގައި އޮންނާނެއެވެ. އަދި 22 ވަނަ ދުވަހު ދެވަނަ އޯޕަންޑޭ ހިތަދޫގައި އޮންނާނެއެވެ. އޭގެ އިތުރަށް 23 ވަނަ ދުވަހު ފުވައްމުލަކު ސިޓީގައި ތިންވަނަ އޯޕަންޑޭ ބާއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

މިފްކޯއިން ބުނެފައިވަނީ އައްޑޫފިޝްރީޒް ކޮމްލެކްސްއަށް މުވައްޒަފުން ނެގުމަށް ދިވެހިންނަށް އިސްކަން ދެއްވާ ކަމަށެވެ. މި ކޮމްޕްލެކްސް މި ހުޅުވެނީ ކުރިން ތާވަލްކުރި މުއްދަތަށްވުރެ ވަރަށް ބޮޑަށް ލަސްކޮށްނެވެ. އެކަން އެހެންވީ ތަފާތު ސަބަބުތައް ކުރިމަތިވެގެން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބުންގައު އަޅައިފައިވަނީ 2016 ވަނަ އަހަރު ޖެނުއަރީ 9 ގައި ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ އެވެ.

އެތަނުން މަސްވެރިންނަށް ބޭނުންވާ ތެލާއި ފެން ލިބެން ހުންނާނެއެވެ. އެގޮތުން 200 ޓަނުގެ ތެލާއި 250 ޓަނުގެ ފެން ރައްކާކުރުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިފައެވެ. އަދި ދުވާލަކު 100 ޓަނުގެ މަސް ގަނޑުކުރެވޭގޮތަށް 1500 ޓަނުގެ ކޯލްޑު ސްޓޯރޭޖެއްވެސް ވަނީ ގާއިމް ކޮށްފައެވެ. އޭގެ އިތުރަށް 50 ޓަނުގެ އައިސްޕްލާންޓެއްވެސް ވަނީ ގާއިމްކޮށްފައެވެ.

މިފްކޯއިން މަސައްކަތް ކުރައްވަނީ އަންނަ ޖުލައިމަހު އައްޑޫ ފިޝަރީޒް ކޮމްލެކްސް ހުޅުވުމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.