މިއަދު ފެލިވަރުގައި އިހްތިޖާޖު ކުރަމުންދިޔަ މަސްވެރިންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވައިފި ކަމަށް މިފްކޯގެ މެނޭޖިން ޑިރެކްޓަރ އިިސްމާޢީލް ފައުޒީ ވިދާޅުވެއްޖެއެވެ.
ފައުޒީ ވިދާޅުވީ މަސްވެރިންގެ ޝަކުވާތަކަށް ނިމުމެެއް ގެނެވޭނީ އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ މަސްރޫއުތަކުން ކަމަށެވެ. އެކަން އިހުތިޖާޖު ކުރަމުންދާ މސްވެރިންނާ ހިއްސާކޮށްފައިވާކަމަށެވެ. ފެލިވަރުގައި މަސްވެރިން އިހްތިޖާޖުކުރަން ފެށީ މައިގަނޑު ހަތަރު ޑިމާންޑް ނުވަތަ ޝަކުވާއަކާއެކުގައެވެ. އޭގެތެރޭގައި ހިމެނެނީ މަހުގެ އަގު 20 ރުފިޔާއިން ދަށް ނުކުރުމާއި، ފެލިވަރުގައި މަސްވެރިންނަށް ލުއި ފަސޭހަ ގޮތަކަށް އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ށ. ކީކިމިނި މިފްކޯގެ ބެލުމުގެ ދަށަށް ގެންގޮސް، އެތަން ބޭނުންކުރެވޭނެ ހާލަތަކަށް ގެންދިއުމުގެ އިތުރުން ދުވަހުން ދުވަހަށް މަސްކިރޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.
އެމްޑީ އިސްމާޢީލް ވިދާޅުވީ މިހާރުވެސް ކުންފުނިން މަސްގަންނަމުންދާ އަގަކީ ރާއްޖޭގެ ބާޒާރުގައި މަސްގަންނަމުންދާ އަގަށް ވުރެ ކިލޯ އަކުން ދެ ރުފިޔާ ބޮޑު އަގެއް ކަމަށެވެ. މިހާރު މިފްކޯއިން މަސް ގަންނަމުންދަނީ ކިލޯ 16 ރުފުޔާއަށެވެ.
އެމްޑީ އިސްމާއީލް ވިދާޅުވީ ފެލިވަރުގައި މިހާރު 750 ސްޓޯރޭޖް ކެޕޭސިޓީކަމަށެވެ. ފެލިވަރުގައި ފްރީޒިން ކެޕޭސީޓީ އެއްވެސް ވަރަކަށް އަދި ނެތްކަމަށެވެ. މަސްފްރީޒު ކުރަމުން ދަނީ މިފްކޯގެ ދެ މަސްބޯޓް ފެލިވަރު ބަނދަރުގައި ބާއްވައިގެންކަމަށެވެ. އެއިން ބޯޓެއްގައި ހުންނަނީ 90 ޓަނުގެ ފްރީޒިން ކެޕޭސިޓީއެވެ.
ފެލިވަރުގައި އައިސް އުފެއްދުމުގެ ކެޕޭސިޓީއަކީ 60 ޓަނުކަމަށް މިފްކޯއިންްވިދާޅުވިއެވެ. އަންނަ އަހަރަށް ރާވާފައިހުރި މަޝްރޫއުތަކުގެ ތެރޭގައި ފެލިވަރުގައި އިތުރު 100 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއް ޤާއިމްކުރުންވެސް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ފެލިވަރުގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުން ގަނޑުކުރާ މަސް ގެންދަންޖެހެނީ ކޫއްޑޫއަށެވެ. ނަމަވެސް އެއީ 36 ވަރަކަށް ގަޑިއިރުގެ ހޭދަވަނީ ކީކިމިނިގައި މަސްރައްކާކުރަމުންދާކަމަށް ވިދާޅުވިއެވެ. ކީކިމިންޏަކީ އަމިއްލަ ފަރާތަތަކަށް ސަރުކާރުން ދޫކޮށްފައިވާ ރަށެއްކަމުން އެރަށާމެދު މިފްކޯއަށް ވަކި އެއްޗެއް ވިދާޅުނުވެވޭނެކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ. ކީކި މިނީގައި މަސްރައްކާކުރަމުންދަނީ އެތަނުގެ ކަލެކްޝަން ސެންޓަރު ކުއްޔަށް ހިފައިގެންނެވެ. އެތަނުގައި ހުންނަނީ 1500 ޓަނުގެ ކެޕޭސިޓީއެވެ.
މަސްކިރުމާއި އައިސް ލިބުމުގެ ދަތިކަން ކުރިމަތި ވެފައި ވަނީ އުތުރަށް ނަމަވެސް ދެކުނުގައި މަސް ކިރޭނެ ކެޕޭސިޓީއާއި އައިސް ލިބޭނެ ކެޕޭސިޓީވެސް ހުންނާނެކަމަށް މިފްކޯގެ އެމްޑީ ވިދާޅުވިއެވެ.
ފެލިވަރު ބަނދަރުގައި މިއަދު ކުރިއަށް ދިޔަ މަސްވެރިން އިހްތިޖާޖުގައި ފަހުން މަސްވެރިން ބޭނުންވީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރުމަށެވެ. އަދި ފިޝަރީޒް މިނިސްޓަރ ޒަހާގެ އިސްތިއުފާއަށް ވެސް މަސްވެރިން ވަނީ ގޮވާލާފައެވެ.
ބަނދަރުގައި ތިިބި މަސްވެރިން ފަހުން ވަނީ ފެލިވަރުގައި ހުންނަ މިފްކޯ އޮފީސް ދޮރުމަތީގައި އިށީދެ ތިބެ އިހްތިޖާޖު ކޮށްފައެވެ. މިއިހްތިޖާޖުތަކާ ގުޅިގެން އިތުރުފުލުހުންވެސް ވަނީ ފެލިވަރަށް ގޮސްފައެވެ.