ރައްޔިތުންގެ މަޖިލީހަށް ވަންނާނީ ރައްޔިތުންގެ ތަނެއްކަން އެނގިހުރެ: ޢާދިލް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެނަމަ ރައްޔިތުންގެ މަޖިލީހަށް މެމްބަރެއްގެ ގޮތުގައި ވަދެވަޑައިގަންނަވާނީ އެއީ ރައްޔިތުންގެ ތަނެއް ކަމަށާއި އަދި އޭނާއަކީ އެތަނަށް ރައްޔިތުން ވައްދާ މަންދޫބެއް ކަން ހަނދާނުގައި ބަހައްޓަވައިގެން ކަމަށް ޢަލީ ޢާދިލް ވިދާޅުވެއްޖެއެވެ.

ޢާދިލް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވަނީ ގެމަނަފުށީ ދާއިރާއަށެވެ. ގެމަނަފުށްޓަކީ ޢާދިލްގެ އަމިއްލަ ރަށެވެ. އެދާއިރާއަށް އޭނާ ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައެވެ.

ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަޙުމަދުގެ ކޮއްކޮ އަދި ކުރީގެ ޑެޕިޔުޓީ ޔޫތު މިނިސްޓަރ ޢާދިލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބު ކޮށްދެއްވައިފިނަމަ ރައްޔިތުންނަށް މަޖިލީސް ތެރެއިން ކޮށްދޭންޖެހޭ ކަންކަން ކުރުމަށް ފަސްޖެހުމެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުގެ މަސައްކަތަކަށް ވާނީ ސަރުކާރު ޒިންމާދާރު ކުރުވުމާއި ރައްޔިތުންނަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް ހެދުން. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް ބޭނުންވާ ޤާނޫނުތައް ހެދުމަށް ފުރިހަމަ އެއްބާރުލުން ދޭނަން. ސަރުކާރަށް ރައްޔިތުންގެ އަޑު އިއްވައި ރައްޔިތުންގެ ލާބައަށް މަޖިލިސްތެރެއިން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަން،" ޢާދިލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނުފުއްދޭނެ ވަޢުދުތަކެއް ރައްޔިތުންނަށް ވުމަކީ އޭނާ ޤަބޫލު ކުރައްވާ ކަމެއްނޫން ކަމަށެވެ. ރައްޔިތުންނަށް ތަރައްޤީގެ މަޝްރޫޢުތައް ހުށަހަޅައި އެކަންކަން ތަންފީޒު ކުރައްވާނެ ކަމަށް ވިދާޅުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. "އެހެންނަމަވެސް ސަރުކާރުން ރައްޔިތުންނަށްޓަކައި ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ލަސްވާކަމަށްވާނަމަ އޭގެ ސަބަބު ހޯދައި އެކަންކަން އަވަސްކުރެވޭތޯ ސަރުކާރު ތެރެއިން އަޅުގަނޑު މަސައްކަތްކުރާނަން. ދާއިރާގެ ރައްޔިތުންގެ އަޑު ސަރުކާރަށް ފޯރުކޮށްދިނުމަށް އަޅުގަނޑު އެންމެ ސިކުންތަކަށް ވެސް މަޑެއް ނުކުރާނަން،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގައި ޢާދިލްވަނީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަން ކުރައްވައިފައެވެ. އެދުވަސްވަރު އޭނާވަނީ ޙަވާލު ކުރެއްވި މަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރައްވައި ރައްޔިތުންގެ އިތުބާރު ހޯއްދަވައިފައެވެ.

"މިނިސްޓްރީގައި ހޭދަކުރި ދުވަސްވަރުގައި ވަރަށް ގިނަމީހުންނާ ބައްދަލުވެ މީހުން ބޭނުންވާ ތަރައްޤީ އަޅުގަނޑަށްވަނީ އެނގިފައި. އެފަދަ އެތައް ކަމެއްގެ ތަޖުރިބާއާއެކު އަޅުގަނޑު މަޖިލީހަށް ކުރިމަތިލީ. ރައްޔިތުންނަށް ބޭނުންވާ ކަންކަން ރައްޔިތުންގެ މަޖިލީހުން ކުރުމަށް ސަރުކާރާ ގުޅިގެން ކުރިއަށްދާން އަޅުގަނޑު މިހުރީ ތައްޔާރަށް،" ޢާދިލް ވިދާޅުވިއެވެ.

ޢާދިލް މަޖިލީހަށް ވާދަކުރައްވަނީ ޖޭޕީގެ ޓިކެޓުގައެވެ. އެހެންނަމަވެސް ޕީޕީއެމާއި ޕީއެންސީން ވަނީ އޭނާއަށް ތާއިދު ކުރައްވަން ނިންމަވައިފައެވެ. އޭގެ އިތުރަށް ލޭބަރ ޕާޓީން އެދާއިރާއަށް ކުރިމަތި ލެއްވި އިލްހާމް ވެސް ވަނީ ޢާދިލަށް ތާއިދު ކުރުމަށް ނިންމަވައިފައެވެ.

ޢާދިލަކީ ސްކޫލް ދައުރުން ފެށިގެން ކުޅިވަރުގެ ތެރޭގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. އެންމެ ބޮޑަށް އޭނާ ފާހަގަކުރެވިފައިވަނީ ޖެހިލުން ކުޑަ ރެފްރީއެއްގެ ގޮތުގައެވެ.  ސްކޫލް ދައުރުން ފެށިގެން ރެފްރީކަންކޮށް އޭނާ ވަނީ ވަރަށް ޒުވާން ޢުމުރުގައި ފީފާގެ ބެޖު ވެސް ޙާސިލް ކުރައްވައިފައެވެ. އޭނާ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފުޓުބޯޅަ ދަނޑުތަކުގައި އެތައް މެޗަކަށް އިންސާފު ކޮށްދެއްވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.