ވޯޓުފޮށިތައް މަރުކަޒުތަކަށް ފޮނުވަން ފަށައި

އިންތިޚާބެއްގައި މީހަކު ވޯޓު ލަނީ

އަންނަ އެޕްރީލް 6 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކަށް ވޯޓު ފޮށްޓާއި ކަރުދާސް ފޮނުވަން ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ މެމްބަރު އަދި ތަރުޖަމާނު އަޙުމަދު އަކުރަމް ވިދާޅުވީ ވޯޓު ފޮށްޓާއި ކަރުދާސްތަކާއި އެކަމަށް ބޭނުންވާ އެހެން ސާމާނު ވޯޓުލާ މަރުކަޒުތަކަށް ފޮނުވައި ނިންމަން ކަނޑައަޅައިފައިވާ ތާރީޚަކީ އެޕްރީލް 2 ކަމަށެވެ. އިއްޔެއިން ފެށިގެން މަރުކަޒުތަކަށް އެ ސަމާނު ފޮނުވުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް އޭނާ ވިދާޅިވިއެވެ. މިއަދު ވެސް 9 އަތޮޅަކަށް އެ ތަކެތި ހިފައިގެން ފުރާނެއެވެ.

އަކުރަމް ވިދާޅުވީ ވޯޓު ފޮށްޓާއި ކަރުދާސް މަރުކަޒުތަކަށް ގެންދާއިރު އެ ހިފައިގެންދާ ޓީމުގައި ހިމެނެނީ ފުލުހަކާއި އީސީގެ ދެ ބޭފުޅެއް ކަމަށެވެ. އެސާމާނު މަރުކަޒުތަކަށް ފޮނުވުމުގައި ބަލަނީ ދަތުރުފަތުރުގެ ފަސޭހައަށާއި އެންމެ އަވަހަށް ފޮނުވެންއޮތް ދިމާއަށް ފޮނުވުން ކަމަށެވެ. "އަޅުގަނޑުމެންގެ ބޭނުމަކީ ކަނޑައެޅިފައިވާ ތާރީޚަށް އެސާމާނު މަރުކަޒުތަކަށް ފޮނުވައި ނިންމުން،" އޭނާ ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބަށް ތައްޔާރުވުމުގައި ދިމާވި އެންމެބޮޑު ދަތިކަމަކީ އޮފިޝަލުން ހޯދުމަށް ދިމާވި މައްސަލައެވެ. އެމައްސަލަ ވެސް މިހާރު ވަނީ ޙައްލުވެފައެވެ.

އަކުރަމް ވިދާޅުވީ ދެތިން ރަށެއްފިޔަވައި ހުރިހާ ރަށެއްގެ ވޯޓުފޮށިތައް ކައިރީގައި ޙަރަކާތްތެރިވާނީ އެރަށަކަށް ނިސްބަތްވާ އޮފިޝަލުން ކަމަށެވެ. އެރަށްތަކަށް އެހެން ތަންތަނުން އޮފިޝަލުން ފޮނުވީ އެރަށްރަށުން ބޭނުންވާ ވަރަށް އޮފިޝަލުން ނުލިބިގެންނެވެ. ރިސޯޓުތަކަށް ވެސް އޮފިޝަލުން ފޮނުވަނީ އެރިސޯޓަކާ އެންމެ ކައިރީގައި އޮންނަ ރަށްރަށުންނެވެ. އެހެންނަމަވެސް ވޯޓުފޮށީގެ ވެރިންގެ ގޮތުގައި މީހުން ފޮނުވާނީ މާލެއިންނެވެ.

މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ވޯޓު ފޮށި ބަހައްޓާނެއެވެ. މި އިންތިޚާބުގައި 87 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 264،589 އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.