ގައުމު މިހިސާބަށްއައީ ގާނޫނުއަސާސީގައި ބުނާ މިންގަނޑަށް ޝަރުއީ ދާއިރާ ނުގެނެވުނީމައި: އަލީ ހުސައިން

ގައުމުގެ ކަންކަން މިހިސާބަށްއައީ ގާނޫނު އަސާސީގައި ބުނާ މިންގަނޑަށް ޝަރުއީ ދާއިރާގެ ކަންކަން ނުގެނެވުމުން ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީ އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ދިގުތާރީޚުގައިވެސް ދިވެހިންނަށް އަދުލު އިންސާފު ލިބުނު ދުވަހެއް ތާރީޚުން ފެންނަން ނެތްކަމަށެވެ.  "އެހެންނަމަވެސް ރައްޔިތުން 2008 ގައި ނިންމި ނިންމުމެއްމީ ތާއަބަދަށް އަޅުގަނޑުމެން މިބޭނުންވާ ގޮތަށް ވަކިފަރާތަކަށް ނުޖެހޭ އަޅުގަނޑުމެން ނިސްބަތްވާ ރަށަށް ނުވަތަ އަޅުގަނޑުމެން ނިސްބަތްވާ އަތޮޅަށް ނުވަތަ އަޅުގަނޑުމެން ނިސްބަތްވާ އާއިލާއަށް ނުވަތަ ބާރުވެރިކަމަށް ނުފޫޒަށް، މުއްސަނދިކަމަށް، ފަގީރުކަމަށް މިއިން އެއްވެސް ކަމަކަށް ބެލުމެއްނެތި ހަމަހަމަކަމާއި އިންސާފާއެކީގައި އަދުލަށް ހުކުމްކުރާނެ ފަނޑިޔާރުގެއެއް ހޯދުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އުންމީދެއް 2008 ގައި ގާނޫނު އަސާސީ ގެނައި އިރުގައި،" އޭނާ ވިދާޅުވިއެވެ.

އެފަދަ އެގާނޫނު އަސާސީއާއެކު "އަދުލު އިންސާފަށް ގެންނަންޖެހުނު ބަދަލުތައް އަޅުގަނޑުމެންނަށް ނުގެނެވުނު. ސަބަބުތައް އެނގޭ އަޅުގަނޑުމެންނަށް. ގާނޫނު އަސާސީގައި އެބުނާ މިންގަނޑަށް ޝަރުއީދާއިރާ ނުގެނެވުނީމައި ހަގީގަތުގައި މިހާހިސާބަށް ގައުމުގެ ކަންތައްތައް މިދިޔައީ،" އަލީ ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވެރިކަމަށް ވަޑައިގެން އޭނާ ބޭނުންފުޅުވާ އެތައްކަމެއް ކުރައްވަން އުޅުއްވި ކަމަށެވެ. އެހެންނަމަވެސް ފެޑެރަލް ކޯޓެއްގައި އިންނަވާ އެންމެ ފަނޑިޔާރަކު ކޮންމެފަހަރަކު މުޅިއެތި ހިފަހައްޓަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެއިން އެނގިގެންދަނީ އަދުލު އިންސާފުގެ ނިޒާމް ރަނގަޅުވެފައި، ފަނޑިޔާރަކީ ވަކިފަރަތަކަށް ނުޖެހޭ ވަކިފަރާތެއްގެ ބިރަކަށް ބެލުމެއްނެތި ވަކިފަރާތެއްގެ ނުފޫޒެއްނެތި ވަކިފަރާތަކަށް ލެނބުމެއްނެތި ހަމަހަމަކަމާއި އިންސާފުން ހުކުމްކުރާ ފަނޑިޔާރަކަށްވީމާ ރައްޔިތުންނަށް ވަރަށްބޮޑު ރައްކާތެރިކަމެއް ލިބިގެންދާކަން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.