ރައްޔިތުންގެ މަސްލަޙަތަށްޓަކައި އަޅުގަނޑަށް ގޮނޑި ދެއްވާ: ސަޢުދު

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފ. ބިލެތްދޫ ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވަން ނިންމަވައިފައިވާ އަޙުމަދު ސަޢުދަށް ވޯޓުދީ އޭނާއަށް އެގޮނޑި ކަށަވަރު ކޮށްދެއްވުމަށް ރައްޔިތުންގެ ކިބައިން އޭނާ އެދިވަޑައިގެންފިއެވެ.

ސަޢުދު ވިދާޅުވީ އޭނާއަށް އެދާއިރާގެ ގޮނޑިދޭންވީ ރައްޔިތުންނަށް ދެކޮޅަށް މަޖިޅިހުގައި އެއްވެސް ވޯޓެއް ނުދެއްވާނެތީއެވެ. "އަޅުގަނޑު ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ހޮއްވަވައި ދެއްވިޔަސް ބިލްތަކަށް ވޯޓުދޭއިރު އެންމެ އިސްކުރާނީ ރައްޔިތުންގެ މަސްލަޙަތު. ރައްޔިތުންނަށް އެންމެ ފައިދާވާނެ ކަމަށް ފެންނަގޮތް،" އޭނާ ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ ކޮންމެ ޕާޓީއަކުން ހުށަހެޅިޔަސް އެބިލަކުން ރައްޔިތުންނަށް ފައިދާވާނެ ކަމަށް ފެންނަ ކަމަށްވާނަމަ އެއަށް ވެސް ވޯޓުދެއްވާނެ ކަމަށެވެ. ރައްޔިތުން މަޖިލީހަށް އެ މީހުންގެ ނަމުގައި ނުވަތަ ދާއިރާގެ ނަމުގައި މެމްބަރުން އިންތިޚާބޔ ކުރަނީ މުޅިރާއްޖެއާއި ދާއިރާގެ ކަންކަން ސަރުކާރާ ހަމައަށް ގެންގޮސްދީ އެކަންކަން ޙާސިލް ކޮށްދިނުމަށް ކަމަށާއި އޭނާ ހުންނެވީ ރައްޔިތުންނަށް އެކަންކަން ކޮށްދެއްވާ ހިތުން ކަމަށް ވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެމްބަރު ކަމުގެ ފަސް އަހަރު ނިމޭއިރު ސަރުކާރުން ބިލެތްދޫ ދާއިރާއަށް ކޮންދޭންޖެހޭ ހުރިހާ ކަމެއް ކޮށްދިނުމަށް މެދުވެރިއެއްގެ ދައުރު ވަރަށް ފުރިހަމައަށް އަދާކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ސަޢުދުއަކީ ޖޭޕީގެ ކައުންސިލް މެމްބަރެކެވެ. އަދި އެޕާޓީގެ ކުރީގެ ރަޖިސްޓްރާ ވެސް މެއެވެ. އޭނާ ވަނީ އިންޑިއާ އިން ޑިގްރީއެއް ޙާސިލް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.