މޯދީ ފޭލް ވެއްޖެކަން މާކުރިން ވެސް އެނގޭ: ކުރީގެ ޗީފް މިނިސްޓަރ ފާރޫޤް ޢަބްދުﷲ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ފޭލު ވެއްޖެކަން މާކުރިން ވެސް އެނގިވަޑައިގެންފައިވާކަމަށް ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ ފާރޫޤް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ މީޑިއާއާ ވާހަކަދައްކަވަމުން ފާރޫޤް ޢަބްދުﷲ ވިދާޅުވީ މޯދީއަކީ ކުރިން ވެސް، މިހާރު ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ހިންދޫން އަޅުކަންކުރަންޖެހޭ ކަނލާންގެއެއްްނޫންކަން މޯދީއަށް އެނގިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

"ޕާލަމެންޓު ތެރެއިން އަޅުގަނޑުމެންނަށް މާކުރިން އެނގިއްޖެ މޯދީ ޕާކިސްތާނާއި ހަނގުރާމަ ކުރައްވާނޭކަން." ފާރޫޤް ޢަބްދުﷲ ވިދާޅުވިއެވެ. "ބޮޑު ވަޒީރު މޯދީ ވަނީ ގައުމުގައި ބިރުވެރިކަމުގެ މާހައުލެއް އުފައްދަވާފައި. ގައުމުގެ ހާލަތު ވަނީ ނުރައްކާތެރި ދަރަޖައެއްގައި."

ފާރޫޤް ޢަބުދުﷲ ވިދާޅުވީ ޕާކިސްތާނާއި ހަނގުރާމައެއް ފަށައި އިންޑިއާގެ ރައްޔިތުންނަށް މޯދީ ދައްކަވަން ބޭނުންފުޅު ވަނީ އޭނާއާ ނުލައި އިންޑިއާއަށް ރައްކާތެރިކަމެއް ނުލިބޭނޭކަމަށެވެ.

"އެއީ ވަރަށް ބޮޑު ކުށްހީއެއް." ފާރޫޤް ޢަބްދުﷲ ވިދާޅުވިއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހު ކަޝްމީރުގެ ޕުލްވާމާގައި ބަހެއްގައި ދަތުރުކޮށްފައި ދިޔަ އިންޑިއާގެ ސިފައިންނަށް ކަޝްމީރުގެ ޒުވާނަކު ޖާނުންފިދާވެގެން ދިން ހަމަލާގައި އިންޑިއާ ސިފައިންގެ 42 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވި ހާދިސާއާ ގުޅިގެން އިންޑިއާއިން ވަނީ ޕާކިސްތާނަށް ވައިގެ ހަމަލާތަކެއްދީފައެވެ. އެކަމާ ގުޅިގެން ހިނގި ކުރިމަތިލުމެއްގައި ޕާކިސްތާނުގެ ވައިގެ ސިފައިންގެ ހަމަލާތަކެއްގައި އިންޑިއާގެ ހަނގުރާމަމަތީ ދެ ޖެޓު ޕާކިސްތާނުން ވަނީ ވައްޓާލާފައެވެ. އެ ހާދިސާތަކަށްފަހު ދެ ގައު ހަނގުރާމައެއް ނުފަށައި ސަލާމަތްވީ ކިރިޔާއެވެ.

އިންޑިއާގެ އިދިކޮޅުފަރާތްތަކުން ބުނާ ގޮތުގައި ޕަކިސްތާނަށް އިންޑިއާއިން ހަމަލާދިނީ ބޯމަތިވަމުން އަންނަ އިންތިޚާބު ކާމިޔާބު ކުރުމަށް ބޮޑު ވަޒީރު މޯދީގެ ސަރުކާރުން ރާވާފައިވާ ނުރައްކާތެރި ރޭވުމެއްގެ ދަށުންނެވެ. ނަމަވެސް އިންޑިއާއިން ޕާކިސްތާނަށް ދިން ވައިގެ ހަމަލާގައި ޕާކިސްތާނަށް ގެއްލުމެއް ނުލިބުގެ އިތުރަށް އިންޑިއާގެ ދެ ޖެޓު ޕާކިސްތާނުން ވައްޓާލުމުން އިންޑިއާއަށް ލިބުނީ ވަރަށް ބޮޑު ނާކާމިޔާބީއެއްކަމަށް ބުނެ އިންޑިއާގެ އެތައް މިލިއަން ބަޔަކު ވަނީ މޯދީއަށް ފާޑުކިޔައި މަލާމާތްކޮށްފައެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.