ތިމާވެށި ނުސާފުކުރަމުން ދިޔަ ރަތުލޯ ފެކްޓަރީއެއް ބަންދުރުމަށް ގޮވާލައި އިންޑިޔާގެ ދެކުނުގައި އިހުތިޖާޖުކުރަމުން ދިޔަ އެތައް ހާސް ބައެއްގެ ތެރެއަށް ފުލުހުން ބަޑިޖެހުމުގެ ސަބަބުން 12 މީހުން މަރުވެއްޖެއެވެ.
މައުދަނު ނަގާ އިނގިރޭސި ބިޔަ ކުންފުނި ވެޑަންޓާ ރިސޯސަސް އިން ޓެމިލްނާޑޫގައި ހިންގާ ފެކްޓަރީ ބަންދުކުރުމަށް ގޮވާލައި އެތައް ގަޑިއިރެއް ވަންދެން މީހުން މުޒާހަރާކުރަމުން ގޮސްފައި ވެއެވެ.
"ބަޑިޖެހުމުގެ ސަބަބުން 12 މީހުން މަރުވިކަން އަހަރުމެންނަށް ވަނީ ޔަގީންކުރެވިފައި. މަރުވިމީހުން އިތުރުވުމުގެ ކަންބޮޑުވުން އަދި އެބައޮތް" ނޫސްވެރިންނާ ވާހަކަދެއްކި ފުލުސް އޮފިސަރަކު ބުނެފައި ވެއެވެ.
ޗެންނާއީ (މެޑްރާސް) ގެ ދެކުނުން 600 ކިލޯމީޓާރު ދުރުގައި އޮންނަ ޓުޓިކޮރިން (ސޫތުކުޅި) ގައި ފުލުހުންނާ، އިހުތިޖާޖުކުރާ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 20 މީހުން ޒަޚަމުވެފައި ވެސް ވެއެވެ. ބަޑިޖެހުމުގެ މިހާދިސާއަށް ފަހު ގިނަ ބަޔަކު ދަނީ ރުޅިވެރިކަމުގެ ޝުއޫރު ފާޅުކުރަމުންނެވެ. އިދިކޮޅު ކޮންގްރެސްޕާޓީގެ ޒައީމު ރާހުލް ގާންދީ ވިދާޅުވީ "ދައުލަތުން ޓެރަރިޒަމް ހިންގަނީ" ކަމުގައެވެ.
ރަތުލޯ ވިރުވާ ފެކްޓަރީ ކުރިމަތީގައި ބައްދަލުވުމެއް ބޭޭއްވުމުގެ ހުއްދަ ނުދިނުމުން، އިހުތިޖާޖުކުރަމުން ދިޔަ މީހުން ވަނީ ފެކްޓަރީގެ އިދާރީ އޮފީހަށް ވަދެ އެތަން ރޯކޮށްލާފައެވެ.
ނޫސްވެރިންނާ ވާހަަކަ ދެއްކި ފުލުސް އޮފިސަރު ބުނީ މުޒާހަރާކޮށް ގާއުކަމުން ދިޔަ 5 ހާހަށްވުރެ ގިނަ މީހުން މައިތިރިކުރަން ލަޓިބުރި ބޭނުންކުރުމަށް ފަހު، ކަރުނަ ގޭސް ޖަހައިގެން ވެސް މައިތިރި ނުވުމުން ބަޑި ޖެހީ ކަމުގައެވެ. އެހެން އޮފިސަރަކު ބުނި ގޮތުގައި 4 ގަޑިއިރަށްވުރެ ގިނައިރަށް ދެމިގެން ދިޔަ މުޒާހަރާތަކުގައި 110 އަށް ވުރެ ގިނަ އުޅަނދުގައި ރޯކޮށްލާފައި ވެއެވެ. ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު އެޑައްްޕަޑީ ކޭ. ޕަލަނިސްވާމީ ވަނީ ހާދިސާ ތަހުގީގުކުރުމަށް އަމުރުކުރައްވާފައެވެ. އެހެންނަމަވެސް އޭނާ ވަނީ ފުލުހުން ދިފާއުކުރައްވައި ވާހަކަފުޅުދައްކަވާފައެވެ.
މަރުވި ކޮންމެ މީހެއްގެ އާއިލާއަށް 1 މިލިއަން ރުޕީސް (14700 ޔޫއެސް ޑޮލަރު) ބަދަލުގެ ގޮތުގައި ސަރުކާރުން ދޭނެކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އިންޑިޔާގެ ބިލިއަނަރެއް ކަމުގައިވާ ކުލްދީޕް ކުމާރު ކައުރާ ލަންްޑަނުގައި ހިންގާ ވެޑަންޓާ ރިސޯސަސް ކުންފުނިން މަސައްކަތް ކުރަނީ މިހާރު އަހަރަކު 4 ލައްކަ ޓަނު ރަތުލޯ އުފައްދާ ފެކްޓަރީ އިތުރަށް ބޮޑުކުރުމަށެވެ. އެކަމާ ދެކޮޅަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން އިހުތިޖާޖުކުރާތާ އެތައް މަހެއް ވެއްޖެއެވެ.