އިންޑިޔާ ސަފައިންގެ އަދަދު މަދުކުރަން ވިސްނަނީ

އިންޑިޔާ ސިފައިންގެ 1.3 މިލިއަން މީހުންގެ މުސާރައާއި، ޕެންޝަނަށް ކުރަންޖެހޭ ޚަރަދު ބޮޑުވެ ދިފާއީ ބަޖެޓަށް ބާރުބޮޑުވުމުގެ ސަބަބުން، އަސްކަރިއްޔާ ޒަމާނީކުރުމަށް ހޭދަކުރާނެ ފައިސާ މަދުވަމުން ދާތީ، ސިފައިންގެ އަދަދު މަދުކުރަން އިންޑިޔާއިން ނިންމައިފިއެވެ.

އަސްކަރިއްޔާގެ ސައިޒުކުޑަކުރުމަށް ރޭވިފައިވާ ގޮތުން  ސިފައިންގެ ތެރެއިން 1 ލައްކަ 50 ހާސް މީހުން މަދުކުރެވޭނެއެވެ. މި ފިޔަވަޅުގެ ސަބަބުން ދިފާއީ ބަޖެޓުން އަހަރަކުން 5 ބިލިއަން ރުޕިސްއާ 7 ބިލިއަން ރުޕީސް އާ ދެމެދުގެ އަދަދެއް ސަލާމަތްކުރެވޭނެއެވެ.

މިކަމާ ބެހޭގޮތުން ހެދި މިނިވަން ހަތަރު ދިރާސާއެއްގެ ނަތީޖާ، ސިފައިންގެ އެންމެ މަތީ ހަތް ކޮމާންޑަރުންނާއެކު އިންޑީޔާ ސިފައިންގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު މިއަދު ބާއްވަވާ ބައްދަލުވުކަށް ހުށަހަޅައި އެއާމެދު ބުހުސުކުރާނެއެވެ.

"ވިސްނުން ހުރީ އަންނަ މަހު ބާއްވާ ސިފައިންގެ ކޮމާންޑަރުންގެ ކޮންފަރެންސަށް މި ދިރާސާތައް ހުށަހަޅައި އެއަށް އަމަލުކުރާނެ ގޮތްތަކެއް ކަނޑައަޅައި ނޮވެންބަރު ނުވަތަ ޑިސެންބަރުގައި އެކަމަށް އަމަލީ ސިފަ ގެނައުމަށް." ބައެއް ނޫސްތަކަށް މައުލޫމާތު ދިން ދިފާއީ މަސްދަރުން ބުނެފައި ވެއެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ސިފައިންގެ އަދަދު މަދުކޮށް ނިމޭ އިރު ދިފާއީ ބަޖެޓުގެ ކެޕިޓަލް ޚަރަދުގެ %20 ސަލާމަތްކުރެވޭނެކަމަށް ވެއެވެ.

ސިފައިން އަދަދު މަދުކުރުމުގެ އިތުރަށް ބްރިގޭޑިއާގެ ރޭންކް އުވާލައި ބްރިގޭޑް ހެޑްކުއާޓާތައް އުވާލުމަށްވެސް ސިފައިންގެ އިސްވެރިން ދަނީ ވިސްނަމުންނެވެ. މީގެ ސަބަބުން މައިދާނުގައި ޑިއުޓީ އަދާކުރުމަށް ފޮނުވާނެ ސިފައިން އިތުރުކުރެވޭނެއެވެ. ސިފައިންގެ ހެޑްކުއާޓަރުގައިވެސް ފުށުއަރާ މަސައްކަތްތައް ކުރާ ޑިޕާޓްމަންޓުތައް އުވާލައި، އެތަނުގެ މަސައްކަތްތަކަށްވެސް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ.

މީގެ ކުރިންވެސް ސިފައިންގެ އަދަދު މަދުކުރުމަށް އެތައް ފަހަރަކު މަސައްކަތްކޮށް އެކަން ވަނީ ނުވެފައެވެ. އެހެންނަމަވެސް، މިފަހަރު އެކަންކުރަން އުޅެނީ ވަރަށް ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށް ފަހު ބޮޑެތި ބަދަލުތަކެއް ގެނެސް ނިންމާގޮތަށް ކަމަށް ދިފާއީ މަސްދަރުން މައުލޫމާތު ދެއެވެ.

މި ގޮތަށް ސިފައިން މަދުކޮށް ގެންނަ ބަދަލުގެ ސަބަބުން ސިފައިންގެ އިސް އޮފިސަރުންނަށް ލިބޭ ޕްރޮމޯޝަންވެސް މަދުވެގެން ދާނެއެވެ. މިހާރު ކޮންމެ އަހަރަކު މޭޖާ ޖެނެރަލްގެ ރޭންކުން ލެފްޓިނެންޓް ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓުކުރާ 14 އޮފިސަރުންގެ ބަދަލުގައި ދެން ޕްރޮމޯޓުކުރާނީ 10 އޮފިސަރުންނެވެ.

ސިފައިންގެ ކޮމާންޑަރުން ދެކޭގޮތުގައި، މިގެންނަ ބަދަލުގެ ސަބަބުން، އިންޑިޔާގެ އަސްކަރިއްޔާއަށް 21 ވަނަ ގަރުނުގެ ޓެކްނޮލޮޖީއާ ފައިހަމަކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.