އިންޑިޔާގެ މަދްޔަޕްރަދޭޝް ސްޓޭޓުގައި އޮންނަ ސަޓްނާ ޑިސްޓްރިކްޓްގައި ހިންދޫންގެ ބަޔަކު ނުކުމެ މުސްލިމަކު ތަޅާ މަރާލައިފިއެވެ. ރިޔާޒު ނަމަކަށް ކިޔާ 45 އަހަރުގެ މީހާ މަރާލާފައި ވަނީ އޭނާ ގެރިއެއް ކަތިލިކަމަށް ބުނެއެވެ. އޭނާގެ 38 އަހަރުގެ އެކުވެރިޔާ ޝަކީލުއަށް ބޮޑެތި އަނިޔާތަކެއް ލިބި މިހާރު އަންނަނީ ޖަބަލްޕޫރު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފެހުމުގެ މަސައްކަތްކުރާ ރިޔާޒާއި އޭނާގެ އެކުވެރިޔާ ގައިގާ ލަޓިބުރިން ތަޅައިގެންފައިވަނީ އެމީހުން ދިރިއުޅޭ މައިހާރު އަވަށާއި 28 ކިލޯމީޓަރު ދުރުގައި އޮންނަ އަމްގާރާ އަވަށުގައެވެ.
ހިންދުސްތާން ޓައިމްސް ނޫހުން ޚަބަރުދޭ ގޮތުގައި މުސްލިމަކު މަރާލި ހާދިސާއަށް ފަހު މަދްޔަޕްރަދޭޝްގެ ވެރިރަށް ބޯޕާލުގެ އިރުއުތުރުން 485 ކިލޯމީޓަރު ދުރުގައި އޮންނަ ސަޓްނާގައި ހިންދޫންނާއި މުސްލިމުންގެ މެދުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އަދި ފުލުހުން މިހާރު ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އިންޑިޔާގެ ދާޚިލީ ވަޒީރު ރާޖްނާތު ސިންގ އެސަރަހައްދަށް ޒިޔާރަތް ކުރެއްވުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.
ރިޔާޒު މަރުވީ އޭނާއަށް ދެވުނު ހަމަލާއަށް ފަހު ސަޓްނާ ޑިސްޓްރިކްޓް ހޮސްޕިޓަލުގައި ފަރުވާދެވެމުން ދަނިކޮށެވެ.
ފުލުހުންނަށް ހުށަހެޅި ޝަކުވާގައި ޝަކީލުވަނީ އޭނާ ގެރިއެއް ކަތިލިކަމަށް އިންކާރުކޮށްފައެވެ. އަދި އޭނާ ބުނެފައިވަނީ އޭނާގެ މަރުވި އެކުވެރިޔާ ރިޔާޒުވެސް ގެރިއެއް ކަތިލާފައި ނުވާކަމުގައެވެ.
ފުލުހުން ވަނީ މީހަކަށް ގަސްތުގައި ހަމަލާދީ މަރާލުމުގެ ކުށުގައި އަމްގާރާ އަވަށުގެ 4 މީހަކު ހައްޔަރުކޮށްފައެވެ.
1.3 ބިލިއަން މީހުން ދިރިއުޅޭ އިންޑިޔާގެ އާބާދީގެ %80 އަކީ ހިންދޫންނެވެ. ގެރިއަކީ ހިންދޫން މުޤައްދަސް އެއްޗެއް ކަމަށް ބަލައި އަޅުކަން ކުރާ ޖަނަވާރެކެވެ. އިންޑިޔާގައި ދިރިއުޅޭ 154 މިލިއަން މުސްލިމުން (އާބާދީގެ %14) ގެ އާބާދީއަކީ ޣައިރު މުސްލިމް ގައުމެއްގައި ދިރިއުޅޭ މުސްލިމުންގެ އެންމެ ބޮޑު އާބާދީއެވެ.
މަދްޔަޕްރަދޭޝްގެ ގާނޫނު ބުނާ ގޮތުން ގެރި ކަތިލުމަކީ 7 އަހަރުގެ ޖަލު ހުކުމެއް ހައްގުވާ ކުށެކެވެ. އިންޑިޔާގެ ބައެއް ސްޓޭޓްތަކުގައި ގެރި ކަތިލުމުގެ ކުށަށް އުމުރަށް ޖަލަށް ލުމުގެ އަދަބުވެސް ކަނޑައެޅިފައި ވެއެވެ.