މަސްބޯޓުގައި ޒަޚަމްކޮށްލި ދެމީހުންގެ ޙާލު އަންނަނީ ރަނގަޅުވަމުން: އެޗުއާރުއެޗު

ރާއްޖެއިން ބޭރުގެ މަސްބޯޓެއްގައި ހިނގި މާރާމާރީއެއްގައި ޒަޚަމްވެގެން ފަރުވާ ދިނުމަށް އައްޑޫ ސިޓީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އަށް ގެނައި ދެމީހުންގެ ޙާލު އަންނަނީ ރަނގަޅު ވަމުން ކަމަށް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހޮސްޕިޓަލުން ވިދާޅުވީ އެމީހުންގެ ޙާލު ރަނގަޅު ވަމުން އަންނަކަމަށާއި އެހެންނަމަވެސް ދޫކޮށްލާނެ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. "ޑޮކްޓަރުން އަދި ނުނިންމަވާ ދޫކޮށްލާނެ ދުވަހެއް. އެހެންނަމަވެސް އެމީހުންގެ ޙާލު މިހާރު ރަނގަޅު. ޑޮކްޓަރުން މިހާރުވަނީ އެމީހުންގެ އެޖެންޓާ ވެސް ވާހަކަ ދައްކައިފައި ކަމަށް މަޢުލޫމާތު ލިބިފައިވަނީ،" ހޮސްޕިޓަލުން ވިދާޅުވިއެވެ.

އެ ދެމީހުންނަށް ވަނީ ބޮޑެތި ޒަޚަމްތައް ލިބިފައެވެ. އަތާއި، މޫނާއި، ބޮލާއި ބުރިކަށި ވެސް ވަނީ ޒަޚަމްވެފައެވެ. ބައެއް ޒަޚަމްތައް ވަރަށް ފުންކަމަށް ވެސް ހޮސްޕިޓަލުން ކުރިން ވަނީ ވިދާޅުވެފައެވެ.

އެމީހުންނަށް ފަރުވާ ދިނުމަށް އެޗުއާރުއެޗަށް ގެނެސްފައިވަނީ ފެބުރުއަރީ 25 ވަނަ ދުވަހުގެ ރޭ 19:35 އެހައިކަންހާއިރުއެވެ.

މާރާމާރީގެ މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ފެބުރުއަރީ 20 ވަނަ ދުވަހުއެވެ. އޭރު އެ ބަސްބޯޓު ދަތުރުކުރަމުން ދިޔައީ ރާއްޖެއާ 760 މޭލު ބޭރުންނެވެ. އަނިޔާވި މީހުންނަށް އިމަޖެންސީ ފަރުވާ ދިނުމަށްޓަކައި އެބޯޓު ރާއްޖެއާ 50 މޭލަށް ކައިރި ކުރުމުން އެމީހުން ހިތަދުއަށް ގެނެސްދިނީ އެމްއެންޑީއެފްގެ ލޯންޗެއްގައެވެ. އެ ބޯޓު ރާއްޖޭގެ ސަރަޙައްދަށް ވަނީ ނަގަންޖެހޭ ހުއްދަތައްވެސް ނަގައިގެންނެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.