ފާނައިގެ މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލިފައިވާ މީހާ ހޯދުމަށްޓަކައި އޭނާ ގެއްލުނު ސަރަހައްދުގެ ކަނޑާއި ކަނޑުގެ އަޑި ބަލަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނުބުރީ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ ކައިރީ ފާނަ މަސްވެރިކަން ކުރަން އުޅުނު "ޓާގެޓް" ދޯނިން އެމާހާ ކަނޑަށް ވެއްޓިގެން ހޯދުމުގެ މަސައްކަތް ފަށައިފައިވަނީ އިއްޔެއެވެ.
އެމިހާ ކަނޑަށް ވެއްޓުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 2:39 އެހައިކަންހާއިރުއެވެ. އޭނާ ހޯދުމުގެ މަސައްކަތް އިއްޔެ ފެށި ގޮތަށް މިއަދުވެސް ގެންދަނީ ކުރަމުންނެވެ. އެ މަސައްކަތުގައި ވިލަމެންދޫ ރިސޯޓުގެ ޑައިވިންގް ދޯންޏާއި،ލިލީ ބީޗުގެ ލޯންޗަކުން ކޯސްޓުގާޑުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
ކަނޑަށް ވެއްޓިފައިވަނީ ފ. ބިލެތްދޫ، އުތުރުގޭ، އުމުރުން 58 އަހަރުގެ އަބްދުﷲ ނަސީރު ކަމަށް އެމްއެންޑީއެފުން އިއްޔެވެސް ވަނީ ވިދާޅުވެފައެވެ. އެމީހާ ވެއްޓުނު އިރު ލައިގެންހުރީ ކަޅު ކުލައިގެ ޓީޝާޓަކާއި މުށި ކުލައިގެ ފަޓުލޫނެއް ކަމަށް ވެސް އެމްއެމްޑީއެފުން ވިދާޅުވިއެވެ. އެމީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ ލަސް ނުކުރައްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅައި މަޢުލޫމާތު ހިއްސާކުރުމަށްވެސް އެމްއެންޑިއެފުން އެދިވަޑައިގެންފައެވެ.