ހާލުގައި ޖެހުނު ލަންކާ ބޯޓުގެ މީހުން މާލެ ގެންގޮސްފި

ހާލުގައި ޖެހިފައިވަނިކޮށް ރާއްޖޭގެ ސަރަހައްދުން ފެނުނު ސްރީލަންކާގެ މަސް ބޯޓު "ސިންދޫރް 2" ދަތުރު ކުރި 7 މީހުން މިއަދު އިރުއޮއްސުނު ގަޑީގައި މާލެ ގެންގޮސްފިއެވެ.

އެމީހުން މާލެ ގެންގޮސްފައިވަނީ އެމްއެންޑީއެފް ނޫރައްދީން ލޯންޗުގައެވެ. އެމީހުންނަށް މާލެ ދެވިފައިވަނީ އިރުއޮއްސި 6:18 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

އެބޯޓު ހާލުގައި ޖެހިފައި އޮއްވައި ފެނުގެން ބޯޓު ދޫކޮށްލުމަށްފަހު އެމްއެންޑީއެފް ކޯސްޓު ގާޑުން ވަނީ އޭގައި ތިބި 7 މީހުން ރޭ ގދ. ތިނަދުއަށް ގެނެސްފައެއެވެ. އެމީހުން މާލެ ގެންދިޔައީ ތިނަދޫން ފުރައިގެންނެވެ.

އެބޯޓު ހާލުގައި ޖެހިފައި އޮއްވައި ފެނުނީ ގއ.ވިލިނގިލީގެ އިރު އުތުރުން 43 ނޯޓިކަލް މޭލު ބޭރުންނެވެ.

އެމީހުން ދަތުރުކުރި ބޯޓު ހުވަދޫ އަތޮޅާއި ލ.އަތޮޅާ ދޭތެރޭ ހުޅަނގުން މިހާރުދަނީ އޮހާ ބެހެމުންނެވެ. އެހެން ކަމުން އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކުރައްވައިފައެވެ. އަދި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އެމްއެންޑީއެފުން އެދިވަޑައި ގަންނަވައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.