ދުނިޔޭގެ އާބާދީގެ ކޮންމެ ސަތޭކަ އަކުން 40 މީހުންނަކީ އެބައި މީހުންނަށް އެނގޭ ބަހަކުން ނުވަތަ ވާހަކަ ދައްކައިއުޅޭ ބަހުން ތަޢުލީމު ޙާސިލް ކުރުމުގެ ފުރުސަތު ލިބިފައިނުވާ މީހުން ކަމަށް ޔުނެސްކޯއިން ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ވިހިވަނަ މާދަރީބަހުގެ ދުވަސް ފާހަ ކުރުމުގެ ގޮތުން ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯޑްރޭ އަޒޯލޭ މިއަދު ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ އުނގެނޭ ނުވަތަ ކިޔަވާ ކުދިން، މަދު ޙާލަތެއްގައި މެނުވީ އުނގެނުމަށްޓަކައި އެކުއްޖެއްގެ މާދަރީ ބަސް ބޭނުން ނުކުރާކަމަށެވެ.
ސްކޫލުގެ ފުރަތަމަ 4 އަހަރު ނިމިގެން ދަނީ އެކަންކަން އެ ޙާލަތުގައި އޮއްވައި ކަމަށް ވެސް ޚިތާބުގައި ވިދާޅުވެފައިވެއެވެ. މިކަން މިގޮތަށް ދިމާވެފައިވަނީ އެމީހެއްގެ މާދަރީބަހުގެ ޢިލްމު އެނގިފައިވުމީ ޢާއްމު އުނގެނުމަށް އެހީތެރިވެދޭ ކަމެއްކަން ދިރާސާއަކުން އަންގައިދީފައި ވަނިކޮށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެތަނެއްގެ އަހުލުވެރިން އަބަދުވެސް އެމީހުންގެ ބަހުން ތަޢުލީމް ޙާސިލް ކުރުމަށް ބޭނުންވާ ކަމަށް ޤައުމުތަކުގައި ދިރިއުޅޭ އަޣުލަބިއްޔަތުގެ ޙިއްސާގައި ޝާމިލްވުން ނުލިބޭ މީހުންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމާބެހޭ އދ. ގެ ޤަރާރުގައި ބަޔާން ކުރައްވައިފައިވާ ކަމަށް ޚިތާބުގައި ވިދާޅުވެފައިވެއެވެ.
އެ ޚިތާބުގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ދިރިއުޅޭ ވެހީން (އެތަނެއްގެ އަހުލުވެރީން) 370 މިލިއަން މީހުންނާއި އެބައިމީހުން ވާހަކަ ދައްކައި އުޅޭ ބަސްބަހަކީ ދުނިޔޭގައި ދިރިއޮތް 7000 ބަހުގެ ތެރެއިން އެއްބައި ކަމަށެވެ. އެފަދަ މީހުންގެ ތެރެއިން ގިނަމީހުންނަކީ އެކަހެރި ކުރުމާއި ތަފާތު ކުރުމުގެ ހިތްދަތުކަން ތަޙައްމަލް ކުރާ މީހުން ކަމަށާއި އެމީހުން ދިރިއުޅެނީ ވަރަށް ފަޤީރު ޙާލަތުގައި ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ. އެމީހުންނަކީ އިންސާނީ ޙައްޤުތަކުން މަޙުރޫމްވެސް ވެފައިވާ މީހުން ކަމަށާއި ވެހި އާބާދީއަކަށް އެބައި މީހުންގެ މާދަރީބަހުން އެބައިމީހުންގެ ދަރިންނަށް ތަޢުލީމް އުނގެނުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. "މިހެން ވުމުން ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަހު ޔުނެސްކޯގެ މެމްބަރު ދައުލަތްތަކަށާއި އަޅުގަނޑުމެންގެ ބައިވެރިންނަށާއި އުނގަނައިދިނުމުގެ މަސްލަޙަތުވެރިންނަށް އަޅުގަނޑު ދަޢުވަތު މިއަރުވަނީ ވެހި ނަސްލުތަކުގެ މީހުންގެ ޙައްޤުތައް ލިބިދިނުމަށްޓަކައި އެކަން ފާހަގަކުރައްވައި އަޑު އުފުއްލަވައި ބާރު އެޅުއްވުމެވެ.
ކޮންމެ މާދަރީބަހަކަށް ވެސް ހުރިހާ ދާއިރާއަކުން އެބަހަކަށް ދޭންވާ ސަމާލުކަން ދޭންޖެހޭ ބަހެއް ކަމަށް ޔުނެސްކޯއިން ދެކެވަޑައިގްނަނަވާ ކަމަށާއި، އެހެނަސް ކަންތައްހުރީ އެގޮތަށް ނޫންކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޔުނެސްކޯގެ ޑިރެކްޓަރ ޖެނެރަލް އޯޑްރޭ އަޒޯލޭ ގެ ޚިތާބުގައި ވިދާޅުވެފައިވަނީ ކޮންމެ މާދަރީބަހަކީ ޤައުމީ ބަހެއްގެ ގޮތުގައި ބަލައިގެންފައިވާ އަދި ރަސްމީ ބަހެއްގެ ދަރަޖަ ދީފައިވާ ބަހެއްވެސް ނޫންކަމަށެވެ. މިއ ބާދަރީބަހެއްގެ އަގު ނެތުމުން އެންމެފަހުން ގޮސް ބަސްވެސް ނެތިގެން ހިނގައިދާނެ ޙާލަތު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެހެން ކަމުން ކޮންމެ ބަހަކީ ވެސް މުހިންމު ބަހެއްކަމަށް ވިދާޅުވެފައިވެފައިވެއެވެ. އޭގެ އިތުރަށް ކޮންމެ ބަހަކީ ސުލްޙަ ޤާއިމް ކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ވެސް މުހިންމު ބަހެއް ކަމަށެވެ.