ދިވެހި ބަހުގެ ޤަދީމީ ޙަޤީޤަތަކީ ކޮބައިކަން ހޯދަންޖެހޭ: ރައީސް

މާދަރީ ބަހުގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ޖަލްސާއަށް ރައީސް ވަޑައިގެންނެވުމުން މަރުޙަބާ ދަންނަވަނީ: ފޮޓޯ ރައީސް އޮފީސް

ދިވެހި ބަހުގެ ޤަދީމީ ޙަޤީޤަތަކީ ކޮބައިކަން ހޯދަންޖެހޭ ކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ވިހިވަނަ މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެކަން ކުރެވޭނީ ތަޢުލީމީ މަރުޙަލާތަކުގައި ދިވެހި ބަހަށް އިސްކަމެއް ދީގެން ޤަދީމީ ދިވެހި ބަސް ދިރާސާކޮށްގެން ކަމަށެވެ. ދިވެހި ބަހުގެ ޤަދީމީ ޙަޤީޤަތް ހޯދައިގެން ޒަމާނީ ދުނިޔެއަށް ހޭނިފައިވާ ދިވެހިބަހަކަށް ބޭނުންވާ އައު ލަފުޒުތައް އޭރުން އުފެއްދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިފަދަ ޙަޤީޤަތްތައް ހޯދާކަމަށްވާނަމަ ތަޢުލީމީ މަރުޙަލާތަކުގައި ދިވެހިބަހަށް އިސްކަން ދިނުމަކީ ވަރަށް ބޭނުންތެރި އެހާމެ މުހިންމު ކަމެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ދިވެހިބަސް ކުރިއަރުވައި ތަރައްޤީ ކުރުމާބެހޭ ގޮތުން ރައީސް ވިދާޅުވީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް ޚާއްޞަ ކޮށްގެން ވާހަކަފޮތް ލިޔުމުގެ ޤައުމީ މުބާރާތް ބޭއްވުމާއި، ބަހުގެ އަދަބުގެ ޢިލްމު އުނގެނޭނެ ފޮތްތައް އުފެއްދުމާއި، ރާއްޖޭގެ އެކި ބަހުރުވަތަކުގެ އަދަބީ ބަސް ފޮތްތައް އެކުލަވައިލުމަކީ ވެސް ކުރެވިދާނެ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.