މާދަރީ ބަހުގެ ދުވަހަށް ޚާއްސަ ހޭޝްޓެގްތަކެއް ތަޢާރަފް ކުރައްވައިފި

މިއަހަރު ފާހަގަކުރާ ދުނިޔޭގެ މާދަރީ ބަހުގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ޚާއްސަ ހޭޝްޓެގްތަކެއް ތަޢާރަފް ކުރައްވައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ މާދަރީބަހުގެ ދުވަހަށް  ޖުމްލަ 7 ހޭޝްޓެގް ތަޢާރަފް ކުރައްވައިފައިވާނެ ކަމަށެވެ. އެގޮތުން ރަސްމީ ހޭޝްޓެގެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ނިންމަވައިފައިވަނީ #މާދަރީބަހުގެދުވަސް2019 މި ޓެގެވެ. މައިޓެގެއްގެ ގޮތުގައި މިއަހަރު ބޭނުން ކުރެއްވުމަށް އެކެޑަމީން ނިންމަވާފައިވަނީ #ވެހިބަސް މި ޓެގެވެ. ދިވެހި ބަހުރުވަތަކަށް ޚާއްސަ ފަސް ޓެގެއްވެސް އެކެޑަމީން ވަނީ ތަޢާރަފް ކުރައްވައިފައެވެ. އެއީ  #ރަށިބަސް #ރަށިބަހަ #ރަޓުބަހަ #ރަށުބަހަ #ރަށުބަސް މި ފަސް ޓެގެވެ.

މި ޓެގުތަކުގެ ތެރެއިން އެ ބަޔަކު ނިސްބަތްވާ ސަރަޙައްދަށް ޚާއްސަ ޓެގު ބޭނުން ކުރައްވައިގެން އެކެޑަމީއަށް ޓްވީޓު ކުރެއްވުމަށް އެކެޑަމީގެ ރައީސް އެދިވަޑައިގެންނެވިއެވެ. އެކެޑަމީގެ ޓްވިޓަރ އެކައުންޓަކީ DhivehiEkedamee@ އެވެ.

ޓްވީޓް ކުރައްވާއިރު އެސަރަޙައްދަކަށް ނުވަތަ އެރަށަކަށް ޚާއްސަ ކަންކަމާއި، ބަހުރުވައިގެ ޚާއްސަ ލަފުޒުތަކާއި ޢާއިލީ ނަންނަމާއި، ދިވެހި ބޭސްވެރިކަމާއި، ނަކަތްތެރިކަމާއި، ފަންޑިތަވެރިކަމާއި މަސައްކަތްތެރިކަން ފަދަ ސަޤާފީ މާނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ވެހިކަންކަމުގެ ކަންކަން ޙިއްސާ ކުރައްވަމުން ގެންދެވުމަށް އެކެޑަމީން އެދިވަޑައިގެންނެވިއެވެ.

ޔުނެސްކޯއިން ވަނީ މި ހިނގާ 2019 ވަނަ އަހަރު ވެހި ބަސްބަހުގެ އަހަރުގެ ގޮތުގައި ޚާއްސަ ކުރައްވައިފައެވެ.

އެކެޑަމީން ވިދާޅުވެފައިވަނީ ވެހި ބަސްބަހަކީ މާނަވީތަރިކައިގެ މުހިންމު ބަހާއެއް ކަމުގައެވެ. މިއަހަރުގެ މާދަރީބަހުގެ ޝިޢާރެއްގެ ގޮތުގައި ޔުނެސްކޯއިން ހަމަޖައްސަވައިފައިވަނީ "ތަރައްޤީއަށާއި އަމަންއަމާންކަން ޤާއިމް ކުރުމަށާއި ސުލްޙައަށްޓަކައި ވެހި ބަސްބަސް ވަރަށް މުހިންމު" މި ޝިޢާރެވެ.

ދުނިޔޭގެ މާދަރީބަހުގެ ދުވަހަކީ ފެބުރުއަރީ 21 ވަނަ ދުވަހެވެ. ދުނިޔޭގެ މާދަރީބަހުގެ ދުވަހުގެ ގޮތުގައި އެދުވަސް ފާހަގަކުރަން ޔުނެސްކޯއިން ނިންމެވީ 1999 ވަނަ އަހަރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.