ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް އަލަށް އަހައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދެއްވައިފިއެވެ.
ޕާޓީ އުފެއްދެވުމުގެ ހުއްދައާ މައުމޫންގެ ފަރާތްޕުޅުން ޙަވާލުވެ ވަޑައިގެންނެވީ ޕާޓީގެ މުއައްސިސް މިނިސްޓަރއޮފް ހަޔަރ އެޑިއުކޭޝަން އިބްރާހީމް ޙަސަނެވެ.
މިއީ ރައީސް މައުމޫނަށް އެމަނިކުފާނުގެ ކުރީގެ ޕާޓީ ލިބިވަޑައިނުގަންނަވާނެކަން އެނގިވަޑައިގެންނެވުމުން އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅު ރަސްމީކޮށް ކުރެއްވުމަށް އުފައްދަވާ ޕާޓީގެ އެކެވެ. އެމަނިކުފާނުނު މިވަގުތު ސިޔާސީ މަސައްކަތްޕުޅު ކުރައްވަނީ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ނަމުގައެވެ. ޕާޓީގެ މުޢައްސިސް ޑރ. އިބްރާހީމް ޙަސަން ބައެއް ނޫސްތަކަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އެމްއާރުއެމްގެ އެއް މަޤުސަދަކީ މިހާރުއޮތް ރައީސް އިބްރާހީމް މުޙައްމަދުގެ ކޯލިޝަން ސަރުކާރުން ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުން ކަމަށެވެ.
އެމްއާރުއެމް އިން ވިދާޅުވީ ޕާޓީ އުފައްދަން ހުއްދަލިބުމުން 3000 މީހުންގެ ސައްޙަ ސޮއި ހޯދުމުގެ މަސައްކަތް ފަށްޓަވައިފައިވާ ކަމަށެވެ. އެމަސައްކަތް ވެސް ފުރިހަމަ ކޮށް އީސީއަށް ހުށަހަޅަން މާދުވަހެއް ހޭދަވާނެ ކަމަށް ނުބެލެވޭ ކަމަށް އެމްއާރުމުން ވިދާޅުވިއެވެ.
ރައީސް މައުމޫން އިސްވެ ހުންނަވައިގެން މީގެ ކުރިންވަނީ ޑީއާރުޕީއާއި ޕީޕީއެމް އުފައްދަވައިފައެވެ. އެ ދެޕާޓީއާ ވެސް އެމަނިކުފާނު ދުރަށްޖެހިވަޑައިގަންނަވަން ޖެހިވަޑައިގެންފައިވަނީ ޚިޔާލު ތަފާތުވުންތައް ބޮޑުވެގެންނެވެ.