އަމާޒަކީ ދައުލަތުގެ ރިޒާވް އެއްބިލިއަން ޑޮލަރަށް އިތުރުކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ވެރިކަމުގެ މިދައުރު ނިމޭއިރު ދައުލަތުގެ ރިޒާވް، އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް މިއަދު އިއްވަމުން ވިދާޅުވީ "މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެންނަށް އެކަން ޙާޞިލުކުރެވޭނެ." ކަމަށެވެ.

މިދިޔަ އަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި ހުރީ، 757.8 މިލިއަން އެމެރިކާ ޑޮލަރުކަމަށާއި މި އަހަރު ނިމޭއިރު ރާއްޖޭގެ ރަސްމީ ރިޒާވް ގާތްގަނޑަކަށް 803.4 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެއްވޭ ކަމުގައި އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވިއެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 281 މިލިއަން އެމެރިކާ ޑޮލަރުކަމަށާއި، އެއީ، ގާތްގަނޑަކަށް ތިން މަސްދުވަހުގެ އިމްޕޯޓަށް ފުދޭވަރުގެ ރިޒާވް ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިހާރުގެ އިޤްތިޞާދީ މިންގަނޑުތަކަށް ބަލާއިރު، ރާއްޖޭގެ އިޤްތިޞާދީ ދުވެލި، މިއަހަރު ގާތްގަނޑަކަށް 7.6 އިންސައްތައިގައި ހިފެހެއްޓޭނެކަމަށް ލަފާކުރެވޭ. އަދި އެވްރެޖް އިންފްލޭޝަން ރޭޓް 1.3 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް  308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ. އެއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް އެރި ފުރަތަމަ ފަހަރުކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިދިޔަ އަހަރު ނިމުނުއިރު، ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިއަން ރުފިޔާ އެވެ. އަދި 25.5 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށާއި، މިދިޔަ އަހަރު ނިމުނުއިރު، ބަޖެޓު އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައިކަމުގައި ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރު ދައުލަތުގެ ޖުމްލަ ދަރަނީގެ މިންވަރަކީ 47.9 ބިލިއަން ރުފިޔާކަމަށެވެ. އަދި އެއީ ޖީ.ޑީ.ޕީގެ ނިސްބަތުން 58 އިންސައްތަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖޭގެ އިޤްތިޞާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި، ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު، 7.8 އިންސައްތަ އިތުރު މިންވަރެއް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ ކަމަށާއި، އެމަނިކުފާނުގެ އިޤްތިޞާދީ އަމާޒަކީ، މި ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރެއްވުން ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ރިޔާސީ ބަޔާނުގައި، ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމެންޓްތަކެއް، މި އަހަރުގެ ތެރޭގައި ތަޢާރުފް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން "ނޫ އިޤްތިޞާދު"ގެ ތަޞައްވުރަކީ ޢުމްރާނީ ތަރައްޤީއަށް ކުރާ ހޭދަ ކުޑަނުކޮށް، މިހާރު ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިންމައި، އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ، އިޤްތިޞާދީ އައު މަޝްރޫޢުތަކަށްވެސް ޖާގަދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.