ރިޓަޔާ ކުރެއްވުމަށް ފަހު އުފަންރަށުގައި ދިރިއުޅުއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ފޮޓޯ: ރައީސް އޮފީސް

ރިޓަޔާ  ކުރެއްވުމަށްފަހު އުފަންރަށް، ހިންނަވަރަށް ދިރިއުޅުއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހާ ގުޅިގެން ދިވެހިރާއްޖޭގެ އަޑުގެ "ބާއްޖަވެރި ހެނދުނެއް" ގައި އެހުންތެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރައީސް ވިދާޅުވީ ހިންނަވަރުގައި އެމަނިކުފާނުގެ އަމިއްލަފުޅު ގޯއްޗެއް ވެސް އޮންނަ ކަމަށެވެ. އަދި ގޯތި ނުހަދާ އޮަތް ނަމަވެސް ރިޓަޔާ ކުރައްވަން ވާއިރަށް ކޮންމެވެސް ވަރަކަށް ޢިމާރާތް ކުރައްވާނެކަމަށެވެ. އެމަނިކުފާނު ވިސްނުންފުޅު ހުުރީ ރިޓަޔާ ކުރެއްވުމަށްފަހު ކޮންމެ އަހަރަކުވެސް ވަކި މުއްދަތެއް އުފަންރަށުގައި ދިރިއުޅުއްވަން ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނާއި، އެމަނިކުފާނުގެ އާއިލާއާއި އުފަންރަށާ ވަރަށް ގާތްގުޅުމެއް އޮންނަ ކަމަށެވެ. ކުރިން އަހަރަކު  ދެފަހަރު ތިންފަހަރު އުފަން ރަށް، ހިންނަވަރަށް ވަޑައިގަންނަވާ ކަމަށެވެ. 

"އަޅުގަނޑުގެ ވިސްނުމެއް، ހިތުގައި އަބަދުވެސް އޮންނަ ކަމެއް އަޅުގަނޑު ރިޓަޔާކުރާ ދުވަހު. އަޅުގަނޑުމެން ކޮންމެވެސް ދުވަސްވަރެއް ރަށުގަ ހޭދަކުރާނަމޭ. ރަށުގައި އޮވޭ އަޅުގަނޑުގެ ގޯއްޗެއް އެކަމު އަދިއެއް ނުހެދޭ. އެެހެންނަމަވެސް ރިޓަޔާމަންޓަށް ދާންވާއިރަށް ގެއެއްވެސް ކޮންމެވެސް ވަރަކަށް ހަދާނަން. ކޮންމެ އަހަރެއްގެ ވެސް ބައެއް، ރަށުގައި ދިރިއުޅެން ވިސްނައިގެން އަބަދުވެސް ދައްކާ ވާހައެއް އެއީ. އުފަން ރަށާ ދޭތެރޭގައި އަބަދުވެސް ޚާއްޞަ ގުޅުމެއް އޮވޭ." ރައީސް ވިދާޅުވިއެވެ. 

ދިވެހި ރާއްޖޭގެ އަޑުގެ މިއަދުގެ "ބާއްޖަވެރި ހެނދުނު" ގައި ރައީސް ވަނީ އެމަނިކުފާނު ތުއްޕުޅު އިރު، އުފަން ރަށުގައި އުޅުއްވި ދުވަސްވަރުގެ ބައެއް ވާހަކަތައް ވެސް ހިއްސާ ކުރައްވައިފައެވެ. އެގޮތުން އެންމެ ހަނދުމަފުޅު ހުންނަ ކަންކަމުގެ ތެރޭގައި މޫދަށް ވަޑައިގެންނެވުން ފާހަގަ ކުރެއްވިއެވެ. އެމަނިކުފާނަށް މޫދަށް ވަޑައިގެންނެވުމުގެ ހުއްދަ އޮންނަނީ ހަފްތާއަކު ދެދުވަހު ކަމަށް ވިދާޅުވިއެވެ. އެއީ ހުކުރު ދުވަހާއި ހޯމަ ނޫނީ އާދީއްތަ ދުވަސް ކަމަށް ވިދާޅުވިއެވެ. ގެ ހުންނަނީ މޫދާ ވަރަށް ކައިރީގައިކަން ފާހަގަ ކުރައްވައި މޫދަށް ވަޑައިނުގެންނެވޭ ދުވަސްދުވަހު ވެސް ކުދިން މޫދުގައި އުޅޭ އެމަންޒަރު ބައްލަވަން ހުންނަވާކަމަށް ވިދާޅުވިއެވެ. އޭރުގައި އެކީގައި އުޅުއްވި ރަޙްމަތްތެރިންނާ މިހާރުވެސް ގުޅުން އޮންނަކަން ފާހަގަކުރެއްވިއެވެ. 

ރައީސް މާލެ  ވަޑައިގެންނަވަން ޖެހިވަޑައިގެންނެވީ ކިޔަވައި ވިދާޅުވުމަށްކަން ފާހަގަ ކުރައްވާ އޭރު ޢުމުރުފުޅަކީ  10 އަހަރުކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.