ނަސްރުގެ ދުވަހު ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއް ނެތި ލޯބިވުމުގެ މުހިންމުކަން: ރައީސުލްޖުމުހޫރިއްޔާ

ނަސްރުގެ ދުވަހުން އަޅުގަނޑުމެންނަށް ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއް ނެތި، ލޯބިވުމުގެ މުހިންމުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، މި އަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ނެރޭ "އައްޑަނަ" މަޖައްލާގެ 28 ވަނަ އަދަދުގައި ހިމެނުމަށް ފޮނުއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތެއްގެ ބަޔަކު ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި ޢުދުވާން ސިފަކުރައްވާފައި ވަނީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި ޢަމަލުތަކެއްގެ ގޮތުގައެވެ. އަދި ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މި ބިމަށް އޮހޮރުވައިލި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ ޢަމަލުތަކެއްގެ ގޮތުގައެވެ.

އެ މަނިކުފާނު ވިދާޅުވެފައި ވަނީ އެ ދުވަހުގެ ހަނދާންތައް އައުކުރަނީ، އެ ދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަންނަމުންކަމަށާއި، އެ ހާދިސާއިން ޢިބްރަތް ހާސިލުކުރަމުން ކަމުގައެވެ. އަދި، އިސްލާމް ދީނާއި ދިވެހި ގައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވެ ވަޑައިގެންނެވި ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ޤުރުބާނީއިން ދޭހަ ވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި ގައުމާ މެދު އޮންނަ ޚާލިސް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމުގައެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހި ގައުމުގެ ދިފާޢީ އައްޑަނަ ކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރަކީ، އޭރު ވެސް އަދި މިހާރު ވެސް، ގައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެކެވެ. އަދި، ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާއިން ދިވެހި ގައުމު ހިމާޔަތްކުރުމުގައި ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކު ވެސް ދިވެހިންގެ ހަނދާނުން ފުހެވިގެން ނުދާނެކަމަށާއި، އެ ނުރައްކާތެރި ވަގުތުގައި ދިވެހި ރައްޔިތުން އިސްކުރި އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އައުވެ އާލާވަމުން އަންނަ ގައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެއް ކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ނޮވެންބަރު 3 ގެ ޢުދުވާނު ނާކާމިޔާބު ކޮށްލުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ދިވެހި ދައުލަތަށް ލިބިގެން ދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެ ދުވަހުގެ އެ ޢުދުވާނާ ދެކޮޅަށް ޙަރަކާތްތެރިވި އެންމެހައި ޢާންމު ރައްޔިތުންނާއި، ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް އަވައްޓެރި އިންޑިޔާ ސަރުކާރުން ޢަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް ވެސް ޝުކުރު ދަންނަވާފައެވެ.

ޚަބަރު: ރައީސް އޮފީސް

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.