އިންޑިއާއިން ބަހައްޓައިދޭ ރާޑަރުތައް ބަލަހައްޓާނީ ދިވެހި ސިފައިން

އިންޑިއާއިން ރާއްޖޭގައި ބަހައްޓައިދޭ 10 ރާޑަރު ބަހައްޓައި ނިމުމަށްފަހު އެ ބަލަހައްޓަން އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

ކޯސްޓްގާޑު ބިލްޑިގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފްއޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ރާޑަރު ބެހެއްޓުމުގެ މަސައްކަތަކީ 2005 ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ކަމެއް ކަމަށެވެ. އެހެންނަމަވެސް ތަފާތު ސަބަތުތަކާހެދި އަދިވެސް އެކަން އެއްކޮށް ނިންމާލެވިފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ރާޑަރުތައް ބަހައްޓައި ނިމުމުން އެބަލަހައްޓަން އިންޑިއާ ސިފައިން ނުތިބޭނެ ކަމަށާއި އެކަމާ ޙަވާލުވާނީ ސީދާ ދިވެހި ސިފައިން ކަމަށެވެ. އެ ރާޑަރުތައް ބަހައްޓާނެ ސަރަޙައްދުތައް ވެސް ކަނޑައެޅީ އެމްއެންޑީއެފްގެ ޓެކްނިކަލް ބޭފުޅުން ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އިތުރުން ފެށިގެން ދެކުނާ ހަމައަށް އެކި ސަރަޙައްދު ތަކުގައި ރާޑަރުތައް ބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާކަނޑުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި އެރާޑަރުތައް ބެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްކުރަންޖެހޭ ކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ. އެއީ މިސަރަޙައްދުގައި ފަހަކަށް އައިސް އަންނަނީ ޤާނޫނާ ޚިލާފުކަންކަން އިތުރުވަމުން ކަމަށް ވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފު ވިދާޅުވީ އިންޑިއާ ސަރުކާރުން މިހާރު ބަހައްޓައިދީފައިވާ ރާޑަރުތައް ބަހައްޓައި ދިނުމަށްފަހު އޮޕަރޭޓް ކުރުމާއި މަރާމާތުކުރުމުގައި ވެސް އިންޑިއާ ސިފައިން ނުތިބޭނެ ކަމަށެވެ.

ޝަމާލް ވިދާޅުވީ ރާއްޖޭގެ ސަރަޙައްދުގައި ހިނގާ ޤާނޫނާ ޚިލާފު ކަންކަމުގެ އިތުރަށް ދިވެހި މަސްވެރިންނަށް ކަނޑުމަތީގައި ދިމާވާ ކަންކަމަށް ވެސް ރާޑަރުތަކުގެ ސަބަބުން ޙައްލެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.