ބަންގްލަދޭޝްގައި ހިންގާ ހަތަރު ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު އެމްއެންޑީއެފުން ހުޅުވާލައިފި

ބަންގްލަދޭޝް ނޭވަލް އެކެޑަމީ އާއި ބަންގްލަދޭޝް އެއަރފޯސް އެކެޑެމީން ހިންގާ ހަތަރު ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި ހަތަރު ކޯސް ކުރިއަށްދާނީ 2020 ވަނަ އަހަރުގެ ޖުލައި އިން 2024 ވަނަ އަހަރުގެ ޖޫންއަށެވެ. މި ކޯސްތަކުގައި ހިމެނެނީ ބަންގްލަދޭޝް ނޭވަލް އެކެޑަމީން ހިންގާ ޕްރީ ކޮމިޝަނިންގ ކޯހާއި ބީއެންއޭ ބޭސިކް ކެޑޭޓް އެންޑް ޓްރޭނިންގ އާއި އޮފިސަރސް ބޭސިކް ޓްރޭނިންގ ކޯހެވެ. މިއިން ކޮންމެ ކޯހެއްގައިވެސް 2 ޖާގަ ވަނީ ހުޅުވާލާފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެ އިތުރުން ބަންގްލަދޭޝް އެއަރފޯސް އެކެޑެމީން ހިންގާ އެއަރވިންގ ކެޑޭޓް ޓްރޭނިންގ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.  މި ކޯހަށް ފުރުޞަތު ހުޅުވާލާފައިވަނީ 1 ޖާގައަށެވެ.

މި ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި އޭލެވެލް 03 މާއްދާއިން ފާސްވެފައިވުން (ދިވެހި އިސްލާމް ނުހިމަނާ) ނުވަތަ ޑިގްރީ ފެންވަރުގެ ކޯހެއް ފުރިހަމަކޮށްފައިވުމުގެ އިތުރުން 01 ޖުލައި 2019 އަށް 22 އަހަރު ނުފުރޭ މީހެއް ކަމުގައިވުމާއި ހަށިހެޔޮކަމުގެ އިމްތިހާނުން ފާސްވެފައިވުން ހިމެނެއެވެ. އަދި ޒަވާޖީ ހަޔާތެއް ފަށާފައިވާ މީހެއްކަމުގައި ނުވުންވެސް ހިމެނެއެވެ.

މި ކޯސްތަކަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި އެމްއެންޑީއެފް ސްކޮލަރޝިޕް އެޕްލިކޭޝަން ފޯމް އާއި އެ ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއި ތަޢުލީމީ ސެޓްފިކެޓްތަކާއި ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ ގައި އަސްލާއި އެއްގޮތްކަމަށް ބަޔާންކޮށް، ސަރުކާރުގެ އޮފީހަކުން، ލޯ ފާމަކުން ނުވަތަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ތައްގަނޑު ޖެހި އަސްލު ހުށަހަޅަންވާނެއެވެ.

އަދި މި ސްކޮލަރޝިޕްގެ ދަށުން ތަޢުލީމު ހާސިލްކުރުމަށްފަހު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ޚިދުމަތްކުރަން އެއްބަސްވާކަމަށް ކެނޑިޑޭޓް ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަންވާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. މި ކޯސްތަކަށް އެދި ހުށަހަޅާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމަންޓެއް ހަމައަށް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ޑިސްކޮލިފައި ކުރެވޭނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި ކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށްފަހު، 2019 ޑިސެމްބަރު 08 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެމްއެންޑީއެފުން އެދިވަޑައިގަންނަވައެވެ.  "އަދި ފޯމް ހުށަހަޅަން ދުރުވެ 9871235 ނަންބަރަށް ގުޅުއްވުމަށްވެސް އެދެމެވެ." މިކޯސްތަކާ ބެހޭ އިތުރު މަޢުލޫމާތުވެސް އެނަމްބަރަށް ގުޅުމުން ލިބޭނެއެވެ.

ކޯސް އެޕްލިކޭޝަން ފޯމް އެމްއެންޑީއެފް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. "މި ކޯސްތަކަށް ހޮވިލައްވާ ފަރާތްތައް އެމްއެންޑީއެފްގެ ވަޒީފާއަށް ވެއްދޭނެއެވެ. އަދި ކޯސް ފުރިހަމަކުރުމުން ކަމިޝަން ކުރެވި، ސިފައިންގެ އޮފިސަރެއްގެ ގޮތުގައި އެބޭފުޅަކު ހަމަޖެހިގެންދާނެއެވެ."

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.