ޖޭޕީގެ އެސްޖީ އަކަށް ޙުސައިން ރަޝީދު

ޖުމްހޫރީޕާޓީ (ޖޭޕީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައު ބޭފުޅަކު ހަމަޖައްސަވައިފިއެވެ.

އެ މަޤާމަށް އަލަށް ހަމަޖެއްސެވީ ހެލްތު މިނިސްޓްރީގެ ކުރީގެ ސްޓޭޓު މިނިސްޓަރު ޙުސައިން ރަޝީދެވެ. އޭނާގެ ނާއިބަކަށް އައްޔަން ކުރައްވައިފައިވަނީ މޫސާ މުޝާތާގެވެ.

ޙުސައިން ރަޝީދު ސްޓޭޓު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ފެބުރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުއްވި ޙުކުމަށްފަހުގައެވެ.

ޖޭޕީގެ އެސްޖީ ކަމާ ޙަވާލުވެވަޑައިގެންނެވުމަށްފަހު ޙުސައިން ރަޝީދު ވިދާޅުވީ ޕާޓީގެ ކުރިމަގު އުޖާލާކޮށް އިތުރު ކާމިޔާބާއި ކުރިއެރުން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. "މިފަދަ ޒިންމާދާރު މަޤާމަކާ ޙަވާލުވާނީ ޕާޓީ ކުރިއަރުވައި އިތުރު އާރޯކަމާއި ރޯޝަނީކަން ގެނެސްދިނުމަށް. އިރާދަކުރެއްވިއްޔާ އެކަން ކުރުމަށް މަސައްކަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.

އޭނާ އެމަޤާމަށް ހަމަޖެއްސެވީ ޖޭޕީގެ ކުރީގެ ސެކްރެޓަރީޖެނެރަލް އަޙުމަދު ސަމީރު އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ގިނަ ދުވަސްތަކަށް އެމަޤާމުގައި ހުންނެވުމަށްފަހު އޭނާ އިސްތިއުފާ ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު ކަން ލިބިވަޑައިގެން މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ކުރައްވަމުން ދުވަހުން ދުވަހަށް ޖޭޕީގެ ކަންކަން ކުރައްވަން ދަތިވާތީ ކަމަށް މަޢުލޫމާތ ލިބިފައިވެއެވެ.

ސަމީރަކީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.