ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރަކު މާޔޫސް ވިޔަނުދޭނަން: ސަޢުދު

ޖުމްހޫރީޕާޓީގެ އެއްވެސް މެމްބަރަކު މާޔޫސް ވިޔަ ނުދެއްވާނެ ކަމަށް އެޕާޓީގެ އައު ނާއިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިހާރުވެސް މާލެއާއި ބައެއް ރަށްރަށުގައި ޕާޓީގެ ބައެއް މެމްބަރުން މާޔޫސްވެފައި އެބަތިބި ކަމަށެވެ. އެހެންނަމަވެސް އެ މީހުންގެ ކިބައިން އެ މާޔޫސްކަން ފިލުވައި ކަންކަން ހަމައަކަށް އަޅުވަން ވަރަށްބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ އޭނާ އެންމެ ބޮޑަށް މަސައްކަތްކުރައްވާނީ ޕާޓީއަކީ މިހާރަށްވުރެ ވެސް ޑިމޮކްރަޓިކް އުސޫލުން ހިނގާ ޕާޓީއަކަށް ހެދުމަށް ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް ހުރިހާ މެމްބަރުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މެމްބަރުންނަށް ވެސް އޮންނާނެ އެމީހުން ބޭނުންވާ ޚިޔާލު ފާޅުކޮށް ކަންކަން ރަނގަޅު ކުރުމަށްޓަކައި ވާހަކަ ދެއްކުމުގެ ފުރުސަތު. ވާހަކަ ދައްކައިގެން ކަންކަން ޙައްލުކޮށްގެން އިރާދަކުރެއްވިޔާ ކުރިއަށްދާނީ،" ސަޢުދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު މަސައްކަތް ކުރައްވަނީ ޕާޓީގެ މެމްބަރޝިޕް އިތުރު ކުރުމަށް ކަމަށެވެ. އެކަމަށްޓަކައި ޓީމުތައް މިހާރުވެސްވީ ބައެއް ރަށްރަށަށް ފުރާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.