މަގުމަތީގައި ސިޔާސީ ހަރަކާތް ހިންގަން އެމްޑީޕީއަށް ފުރުސަތެއް ނެތް !

MDP

ދަތުރުފަތުރުގެ ނިޒާމަށް ބުރޫއަރައި ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ދަތިތައް ކުރިމަތިވެ އެކަމުގެ ޝަކުވާ ހުށަހެޅެމުން ދާތީ މަގުމަތީގައި ސިޔާސީ ޙަރަކާތްތައް ހިންގަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭން މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމާފައިވާކަން މޯލްޑިވިއަން ޑިމޮކްރެޓިޕް ޕާޓީއަށް އަންގައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްއިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް އެކަން އަންގާފައިވަނީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ 11 ވަނަ އަހަރީ ދުވަހާއި ގުޅިގެން މިމަހުގެ 11 ވަނަދުވަހުގެރޭ މާލޭގެ މަގުތަކުގައި އެޕާޓީން އިންތިޒާމުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ހިނގާލުމާއި، މި ހިނގާލުން ކުރިޔަށްދާ ވަގުތު ބައެއް ސަރަޙައްދު ދަކުގައި އެޕާޓީން ޝުޢޫރު ފާޅުކުރަން ބޭނުންވާތީ އެކަމާ ގުޅިގެން މަޝްވަރާ ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ބައިވެރިވި ބޭފުޅުން ވަނީ އެޕާޓީގެ 11 ވަނަ އަހަރީ ދުވަހާއި ގުޅިގެން 2016 ޖުލައި 11 ވަނަ ދުވަހުގެރޭ 21:00 ން 00:00 އަށް މާލޭގެ ބައެއް މަގުތަކުގައި ހިނގާލުން ބާއްވައި ބައެއް ސަރަޙައްދުތަކަށް މަޑުކޮށް ޝުޢޫރު ފާޅު ކުރުމުގެ ޙަރަކާތްތަކެއް ހިންގަވަން ރާއްވަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިޙަރަކާތްތައް ފައްޓަވާނީ ހެންވޭރު އާޓިފިޝަލް ބީޗްކައިރީގައި ހުންނަ އެޕާޓީ ހަރުގެއިން ކަމަށާއި ނިންމާނީވެސް އެސަރަޙައްދަށް ކަމަށް މިބައްދަލުވުމުގައި އެޕާޓީން ވަނީ ފުލުހުންނަށް މަޢުލޫމާތު ދެއްވާފައެވެ. މިކަމުގެ އެސް.އެމް.އެސް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުއްވާފައިވާނެކަންވެސް މި ބައްދަލުވުމުގައި އެޕާޓީން ވަނީ ހާމަކުރައްވާފައެވެ.

މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް އަންގާފައިވަނީ މާލޭގެ މަގުތަކަކީ ކާރުބާރު ބޮޑު މަގުތަކަކަށްވެފައި، ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރުމުން ހިނގާ ބިނގާވާ މީހުންނާއި ޒަރޫރީ ބޭނުންތަކަށް އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންނާއި މަގުމަތީގައި ކުރެވޭ ދަތުރުތައް ހުއްޓި އެތައް ބައެއްގެ ޙައްޤު އޭގެ ސަބަބުން ގެއްލިގެންދާތީ މޯލްޑިވްސް ޕޮލިސް ސާވިސްއިން ނިންމާފައިވަނީ ސިޔާސީ ޙަރަކާތްތައް މަގުމަތީގައި ހިންގަން ފުރުޞަތު ނުދޭން ކަމަށެވެ. އެހެންވީމާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން އެދިފައިވާ ގޮތަށް 2016 ޖުލައި 11 ވަނަ ދުވަހުގެރޭ 21:00 ން 00:00 އަށް މާލޭގެ މަގުތަކުގައި ސިޔާސީ ޙަރަކާތްތައް ހިންގަން ފުރުޞަތު ނުދޭނެ ކަމަށާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ނިންމުމާ ޚިލާފަށް އެފަދަ ޙަރަކާތެއް ކުރިޔަށް ގެންދާނަމަ އެ ޙަރަކާތެއް ހުއްޓުވާނެކަންވެސް މިބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓިއަށް އަންގާފައެވެ.

އިއްޔެ އޮތް މި ބައްދަލުވުމުގައި މޯލްޑިއަން ޑިމޮކްރެޓިކް ޕާޓީގެ ސެކެޓްރީޖެނެރަލް އާއި އިތުރު 2 މެމްބަރުން ބައިވެރިވިއެވެ. މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން މިބައްދަލުވުމުގައި ޑެޕިއުޓީ ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓާއި ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓާއި ގަލޮޅު ޕޮލިސް އާއި މާފަންނު ޕޮލިސްގެ ވެރިން ބައިވެރި ވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.