"ނިމޭ 19" ގެ ނަމުގައި ހިންގާ އޮޕަރޭޝަން ހުއްޓާލުމަށް އެމްޑީޕީ އިން ފުލުހުންނަށް ގޮވާލައިފި

މިމަހު 23 އިން 2020 ވަނަ އަހަރުގެ ޖެނުއަރީ 4 އަށް ފުލުހުން ކުރިއަށް ގެންދާ "ނިމޭ 19"  އޮޕަރޭޝަން ހުއްޓާލުމަށް އެމްޑީޕީން ފުލުހުންގެ މުއައްސަސާއަށް ގޮވާލައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް ޢަބްދުއްސައްތާރު ސޮއިކުރައްވައި ފުލުސް އޮފީހަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ "ނިމޭ 19" އަކީ އެމްޕާޓީގެ "އެޖެންޑާ 19" އާ އެއްގޮތް ނަމެއް ކަމުން ފުލުހުންގެ ނިމޭ 19 ގެ ސަބަބުން އެޖެންޑާ 19 އަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށެވެ. އެހެން ކަމުން ފުލުހުން ހިންގާ އޮޕަރޭޝަން ހުއްޓާލުމަށް އިލްތިމާސް ކުރައްވާ ކަމަށް އެސިޓީގައި ބުނެފައިވެއެވެ. އަދި އެހެން ނަމެއްގައި އެ އޮޕަރޭޝަން ފެށި ނަމަވެސް "މިޕާޓީގެ "އެޖެންޑާ 19" ނަމަށާއި އެ އޮނިގަނޑުގެ ދަށުން ހިންގާނެ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެކަމުގެ ސަބަބުން ނޭދޭވޭ އަސަރުކުރާނެތީ ފުލުހުންގެ އެ އޮޕަރޭޝަން ހިންގުން ހުއްޓާލުމަށް މިޕާޓީން އެދެމެވެ." އެމްޑީޕީގެ ސިޓީގައި ބުނެފައިވެއެވެ.

"އެޖެންޑާ 19" އަކީ އެޕާޓީން ނުހަނު ބުރަ މަސައްކަތްކޮށް ރައްޔިތުންގެ ރުހުން ހޯދާފައިވާ ނަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެޕާޓީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ވެސް ކުރުމަށް ހަމަޖެހިފައިވަނީ އެޖެންޑާ 19 ގެ ދަށުން ކަމުން ފުލުހުން ނިމޭ 19 ބޭނުން ކުރުމުން އެޖެންޑާ 19 އަށް ރައްޔިތުންގެ އިތުބާރު ގެއްލުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ސިޓީގައި ބުނެފައިވަނީ ފުލުހުން ހިންގާ އޮޕަރޭޝަނަކަށް އެނަން ކިޔުމުން އެ މުއައްސަސާ ސިޔާސީވެފައިވާތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. އެހެން ކަމުން ފުލުހުންގެ އޮޕަރޭޝަނަށް ނިމޭ 19 ކިޔަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ.

އެޖެންޑާ 19 އަކީ އެމްޑީޕީގެ ފިކުރީ މުދަލެއް ކަމަށާއި އެއީ މިއަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕޭނުގައި އެމްޑީޕީގެ ވައުދުތައް ހިމެނޭ އޮނިގަނޑަށް ކިޔާފައިވާނަން ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ. އެއީ އެ ޕާޓީއިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި، ނަމާއި އެނަމުގެ ލޯގޯ ފާސްކޮށް، ވަކި ކަންކަމެއް ރަމްޒުކޮށްދޭ މަފްހޫމަކަށް އެނަމާއި ލޯގޯ މިހާރުވަނީ ވެފައި ކަމަށް ވެސް ބުނެފައިވެއެވެ. އެއީ އެޕާޓީގެ ވަރަށްގިނަ މެމްބަރުންގެ މަސައްކަތުން ހާސިލް ކުރެވިފައިވާ ކަމެއް ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ.

ފުލުހުންގެ މުޢައްސަސާގައި ސިޔާސީ ކުލަ ނުޖެހޭ ގޮތަށް ހުރިހާ ކަމެއް އިންތިޒާމް ކުރުމަކީ އިލްތިމާސް ކުރައްވާ ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ. އެ މުއައްސަސާއަކީ ޤަދަރުވެރި އަދި ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހެދުމަކީ ވެސް ބޭނުންތެރި ކަމެއް ކަމަށް ވެސް އެސިޓީގައި ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.