ރިޔާސީ އިންތިހާބު: މިހާތަނަށް ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒު

ރިޔާސީ އިންތިހާބުގައި މިހާތަނަށް ގުނި ގިނަ ވޯޓުފޮށި ތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅުއްވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒުއެވެ.

އެގޮތުން މާލެ ސިޓީގެ މިހާތަނަށް ގުނާފައިވާ ހުރިހާ ފޮއްޓަކުން ވެސް މުއިއްޒު ކުރި ހޯއްދަވަމުން އަންނައިރު، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީ އިން ވެސް މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން މަދު ފޮއްޓެއް ފިޔަވާ ކުރި ހޯއްދަވާފައިވަނީ ޑރ. މުއިއްޒުއެވެ.

މީގެ އިތުރުން ރ.އަލިފުށި ދާއިރާއާއި އައްޑޫ މީދޫ ދާއިރާ ތައް ބޮޑު ތަފާތަކުން ނަގާފައިވަނީ ވެސް ޑރ.މުއިއްޒުއެވެ.

ރާއްޖޭގައި މަލްޓިޕާޓީ ސިސްޓަމަށް ވެރިކަން ކުރަން ފެށިފަހުން އެއްވެސް ޕާޓީއަކަށް ފުރަތަމަ ބުރުން ކާމިޔާބު ކުރެވިފައި ނުވިނަމަވެސް، ބައެއް ފަރާތްތަކުން ބުނަމުން ދަނީ  ޑރ. މުއިއްޒު މިފަހަރުގެ އިންތިހާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އަދި ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިފަހަރުގެ އިންތިޚާބުގައި ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާއި ނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފައެވެ.

މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. އަދި 65 ރިސޯޓަކާއި 5 ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.