ރިޔާސީ އިންތިޚާބުގެ ކުރިން ރައްޔިތުން ބޮޑުނިންމުމެއް ނިންމަންޖެހޭ: ޝިފާޒު

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރައްޔިތުން ބޮޑު ނިންމުމެއް ނިންމަން އެބަޖެހޭ ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ އެނިންމުމަކީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ދުރު ކުރެއްވުމާއި ބެހެއްޓެވުމާ ދެމެދު ނިންމަވަންޖެހޭ ނިންމުމެއް ކަމަށެވެ.

ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަވައިގެން ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތްކަމަށް ޝިފާޒު ވިދާޅުވިއެވެ. އަދި އިންތިޚާބެއް ބޭއްވުނަސް އިންސާވެރިކަމާއި ހަމަހަމަ ކަމާއެކު އިންތިޚާބު ނުބޭއްވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެނގޭހާ ވެސް ކަމަކީ މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އޮވެގެން އިންސާފުވެރި ކަމާއެކު އިންތިޚާބެއް ނުބޭއްވޭނެކަން. އެކަމަށް ތައްޔާރު ވުމަށް ޝަރީފް އިލެކްޝަނަށް ގެނެސްފައި އެހުންނެވީ. ދެންހުންނެވީ ރައީސް ޔާމީނަކީ ވަރުގަދަ ޚުދުމުޚުތާރު ވެރިއެއް. އެވަރުން މިނިވަން އިންތިޚާބެއް ބޭއްވޭނެ ކަމާމެދު އެއްވެސް ޔަގީންކަމެއްނެތް،" ޝިފާޒު ވިދާޅުވިއެވެ.

ރާއްޖޭގައި ޚުދުމުޚުތާރު ވެރިއަކު ހުންނަވަނިކޮށް ރިޔާސީ އިންތިޚާބު ބޭއްވުމުން އެމަނިކުފާނުގެ ބާރާއި ނުފޫޒު އޭގެ ތެރެއަށް ނުވަދެ ނުދާނެ ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ.

އެފަދަ ވެރިއަކު ހުންނަވަނިކޮށް އެންމެކުޑަ މިނުން ރިޔާސީ އިންތިޚާބެއް އިއުލާން ކުރައްވާނެ ކަމަށް ގަބޫލުވެސް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ވޯޓު ކަރުދާސް ކޮޅުވެސް އަތަށް އެރީމައި ނޫނީ އެކަމެއް ގަބޫލެއް ނުކުރެވޭ ހާލަތުގައި ގައުމު މިއޮތީ. ސިޔާސީ ހުރިހާ ވާދަވެރިން އެތިބީ ޖަލުގައި. އެހެންވެ ރައްޔިތުން އެބަޖެހޭ އިންތިޚާބުގެ ކުރިން ގޮތް ނިންމަން،" ޝިފާޒު ވިދާޅުވިއެވެ.

ގުޅިފައިވާ ޕާޓީތަކުން ބުނެފައިވަނީ އިންތިޚާބަށްދާނީ ރައީސް ޔާމީން ވެރިކަމުން ދުރުކުރައްވައި އިލެކްޝަންސް ކޮމިޝަން މިނިވަން ކުރައްވައިފައި ކަމަށެވެ. އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ނެރޭނީވެސް އެހިސާބުން ކަމަށެވެ. އިންތިޚާބުގެ ކުރިން ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ ފުރުސަތު ސިފައިންނާއި ފުލުހުންގެ ފަރާތުންވެސް ލިބިގެންދާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ. މިވެރިކަން މިހާރުވެސް މި ހިފަހައްޓައިދެނީ ސިފައިން ކަމަށް ގުޅިފައިވާ ޕާޓީތަކުންވަނީ ބުނެފައެވެ. ސިފައިންނާއި ފުލުހުންވެސް ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަވާ ހިސާބުން މިވެރިކަން ނިމުމަކަށް އަންނާނެ ކަމަށްވެސް ގުޅިފައިވާ ޕާޓީތަކުން ވަނީ ބުނެފައެވެ.

ޝިފާޒު ވިދާޅުވީ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ޓައިމްލައިނާ އެއްގޮތަށް ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށްދާ ކަމަށެވެ. ކެންޑިޑޭޓް އިއުލާން ކުރުންވެސް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.