2019 ގެ އާއްމު އިންތިޚާބުގައި މޯދީ ސަރުކާރު ބަލިވުމުގެ ފުރުސަތު އެބައޮތް: ޚިޔާލު ހޯދުމުގެ ސާވޭ

އިންޑިޔާގައި މިހާރު އާއްމު އިންތިޚާބު ބާއްވައިފިނަމަ 543 ގޮނޑީގެ ލޯކް ސަބާ (އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ) ގައި އަޣުލަބިއްޔަތޮ ހޯދުމަށް ބޭނުންވާ 272 ގޮނޑި މިހާރު ވެރިކަން ކުރާ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އަށް ނުލިބޭނެކަމަށް އިންޑިޔާ ޓީވީއާއި ސީއެންއެކްސް ގުޅިގެން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސާވޭއިން ދައްކައިފިއެވެ. އެންޑީއޭ އަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ގިނަ ސަރަހައްދީ ޕާޓީތަކެއް ގުޅިގެން އުފައްދާފައިވާ ކޯލުޝަނެކެވެ.

ފާއިތުވި އަހަރުގެ ޑިސެންބަރު މަހުގެ 15 އިން 25 އަށް ކުރިޔަށް ގެންދިޔަ ސާވޭއިން ދެއްކި ގޮތުގައި އެންޑީއޭއަށް ކާމިޔާބުކުރެވޭނީ 257 ގޮނޑިއެވެ. އެއީ ސާފު އަޣުލަބިއްޔަތަށް 15 ގޮނޑި މަދު އަދަދެކެވެ. އެންޑީއޭ އަޣުލަބިއްޔަތު ނުލިބޭއިރު އިދިކޮޅު ކޮންގްރެސް ހިމެނޭ ކޯލިޝަން ޔުނައިޓެޑް ޕީޕަލް އެލަޔަންސް (ޔޫޕީއޭ) އަށްވެސް ލިބޭނީ، އެ ސާވޭއިން ދެއްކި ގޮތުގައި، 146 ގޮނޑިއެވެ. ބާކީ ހުރި ގޮނޑިތައް ކާމިޔާބުކުރާނީ އެހެނިހެން ޕާޓީތަކުންނެވެ. 'އެހެނިހެން' ގެ ތެރޭގައި ހިމެނެނީ ސަމާޖްވާދީ ޕާޓީ، ބީއެސްޕީ، އޭއައިއޭޑީއެމްކޭ، ތުރިނަމޫލް ކޮންގްރެސް، ތެލަންގާނާ ރާޝްޓްރަ ސަމީތީ، އަދި އާމް އަދްމީ ޕާޓީ ފަދަ ޕާޓީތަކެވެ.

އިންޑިޔާގައި މިހާރު ވެރިކަންކުރާ އެންޑީއޭ ކޯލިޝަންގައި ބީޖޭޕީގެ އިތުރަށް ހިމެނޭ މައިގަނޑު ޕާޓީތަކަކީ ޝިވްސެނާ، އަކާލީ ދަލް، ޖޭޑީ(ޔޫ). މިޒޯ ނޭޝަނަލް ފްރަންޓް، އަޕްނާ ދަލް، އަދި ސިއްކީމް ޑިމޮކްރެޓިކް ފްރަންޓެވެ.

ޚިޔާލުހޯދުމުގެ މި ސާވޭކޮށްފައި މިވަނީ ފާއިތުވި ނޮވެންބަރު މަހުގެ ތެރޭގައި 5 ސްޓޭޓެއްގައި ސްޓޭޓް އެސެންބްލީއަށް މެންބަރުން ހޯދުމަށް ބޭއްވި އިންތިޚާބުގައި ބީޖޭޕިއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ. އޭގެ ތެރެއިން ތިން ސްޓޭޓެއްގައި ކޮންގްރެސް ޕާޓީ ވަނީ ކާމިޔާބު ހޯދާފައެވެ.

ސާވޭއިން ދެއްކި ގޮތުގައި 2019 ވަނަ އަހަރުގެ އާއްމު އިންތިޚާބަށް ފަހު ސަރުކާރު އެކުލަވާލެވޭނީ އެހެނިހެން ޕާޓީތަކުގެ އެހީގައެވެ. އެހެނިހެން ޕާޓީތަކުން 140 ގޮނޑި ހޯދާނެކަމަށް ވެއެވެ.

މި ސާވޭއަކީ އިންޑިޔާގެ އެކި ކަންކޮޅުތަކުން 54 ހާހަށްވުރެ ގިނަ މީހުންނަ ސުވާލުކޮށްގެން ހަދާފައިވާ ސާވޭއެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.