އިންޑިޔާގެ ރައީސުކަމަށް ޑްރޯޕަދީ މުރްމޫ ހޮވިވަޑައިގެންފި

އިންޑިޔާގެ އާ ރައީސު ޑްރޯޕަދީ މުރްމޫ

އިންޑިޔާގައިި އާ ރައީސަކު ހޮވަން މިއަދު ނެގި ވޯޓު ވެރިކަންކުރާ ޕާޓީގެ ކެންޑިޑޭޓް ޑްރޯޕަދީ މުރްމޫ ކާމިޔާބުކުރައްވައިފިއެވެ. އޭނާއަކީ ގަބީލާއަކުން ރައީސުކަމަށް ވަޑައިގަތް ބޭފުޅާއެވެ، އަދި އިންޑިޔާގެ ދެވަނަ އަންހެން ރައީސެވެ.

ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީީ) ގެ އިސް ބޭފުޅެއް ކަމުގައިވާ ޑްރޯޕަދީއަކީ އޮޑީޝާ އަށް ނިސްބަތްވެވަޑައިގަންނަވާ، އިންޑިޔާގެ އިރު އުތުރުގައި ދިރިއުޅޭ މައިމަދު ގަބީލާއެއް ކަމަށްވާ ސަންޓަލް ގަބީލާގެ ބޭފުޅެކެވެ. އޭނާ ވަނީ 2015 އިން 2021 އަށް ޖާރްކަންޑް ސްޓޭޓްގެ ގަވަރުނަރުކަން ކުރައްވާފައެވެ.

އުމުރުފުޅުން 64 އަަހަރުފުޅުގެ ޑްރޯޕަދީ މުރްމޫއަކީ ވެރިކަންކުރާ ބީޖޭޕީ ހިމެނޭ ކޯލިޝަން، ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސްގެ ކެންޑިޑޭޓެވެެ. އޭނާއާއި ވާދަކުރެއްވީ ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކެންޑިޓޭޓް ޔަޝްވަންތު ސިންހާއެވެ. މިއަދު އޮތް ވޯޓުގެ ރިޓާނިންގ އޮފިސަރ އަދި ރާޖިޔާ ސަބާގެ ސެކްރެޓަރީ ޖެނެރަލް ހާމަކުރެއްވި ގޮތުގައި ޑްރޯޕަދީ 2161 ވޯޓު ހޯއްދަވާފައި ވާއިރު، ޔަޝްވަންތު ސިންހާއަށް ލިބިވަޑައިގަތީ 1058 ވޯޓެވެ.

ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގާ އިންޑިޔާގައި ރައީސުކަމުގެ މަގާމަކީ ވެރިކަން ހިންގުމުގެ ބާރު ލިބިފައި ނުވާ ރަމްޒީ މަގާމެވެ. އެ މަގާމަށް ބޭފުޅަކު ހޮވަނީ އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމުގައިވާ ރާޖިޔާ ސަބާ (މަތީ ގެ) އާއި، ލޯކް ސަބާ (ދަށު ގެ) އާއި، ސްޓޭޓްތަކާއި ޔުނިއަން ޓެރިޓަރީތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ މެންބަރުން ހިމެނިވަޑައިގަންނަވާ އިލެކްޓޯރަލް ކޮލެޖަކުންނެވެ.

ޑްރޯޕަދީ މުރްމޫ ރައީސުކަމުގެ ހުވައިކުރައްވައި މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރުގެ ރައީސު ރާމްނާތު ކޯވިންދްގެ ދައުރު ހަމަވުމުން، މި ޖުލައި މަހުގެ 25 ވާ ހޯމަދުވަހުއެވެ.

ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިތުރުން އިދިކޮޅު ލީޑަރު ރާހުލް ގާންދީއާއި، އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޔަޝްވަންތު ސިންހާވެސް ވަނީ ޑްރޯޕަދީއަށް މަރުހަބާ ވިދާޅުވެފައެވެ.

ފުރަތަމަ މުދައްރިސެއްގެ ގޮތުގައިި މަސައްކަތްކުރެއްވި ޑްރޯޕަދީ ސިޔާސީ ދާއިރާއަށް ވަދެވަޑައިގަތީ އޭނާގެ އުފަން ސްޓޭޓުގައެވެ. އޭނާގެ ބައްޕާފުޅާއި، ކާފާފުޅު ވަނީ އޮޑީޝާގެ މޭރުބާނީ ޑިސްޓްރިކްޓްގެ ބައިޑާޕޯސީ އަވަށުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްޕުޅުކުރައްވާފައެވެ.

ޑްރޯޕަދީ މުރްމޫއަކީ އިންޑިޔާގައި ރައީސުކަން ކުރައްވާ ދެވަނަ އަންހެން ބޭފުޅާއަށް ވާއިރު، އެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅަކީ 2007 އިން 2012 އަށް އިންޑިޔާގެ ރައީސުކަން ކުރެއްވި ޕްރަތީބާ ޕާޓިލްއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.