އިންޑިޔާއަށް އަސްކަރީ މަތިންދާބޯޓުތަކެއް ގަންނަން ފްރާންސާއެކު ވެވުނު އެއްބަސްވުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާތާ ދުވަސްތަކެއް ވެއްޖެއެވެ. އެ އެއްބަސްވުމުގައި ކޮރަޕްޝަން ހިމެނޭކަން ދޭހަވާ ގޮތަށް ފްރާންސްގެ ކުރީގެ ރައީސު ފްރާންސުވާ އޮލާންދް އިއްޔެ ވާހަކަފުޅު ދެއްކެވުމާ ގުޅިގެން އެފަދަ ކަމެއް ހިނގާފައިވާ ކަމަށް މިހާރު ވަރަށް ބޮޑަށް ބެލެވެން ފަށައިފިއެވެ. އޮލާންދް ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގެ ދަށުން އިޚްތިޔާރުކުރަން ޖެހޭ ކުންފުނި އިޚްތިޔާރު ކުރުމުގައި އިންޑިޔާ ސަރުކާރުން ނުރަނގަޅު ނުފޫޒު ބޭނުންކޮށްފައިވާ ކަމުގައެވެ. މި މައްސަލައިގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީ އިސްތިއުފާދެއްވުމަށް ގޮވާލައި އުފުލާ އަޑުތައް ދަނީ އިތުރުވަމުންނެވެ.
އިންޑިޔާގެ އަސްކަރިއްޔާއަށް ފްރާންސުގައި އުފައްދާ 'ރަފާއެލް' މަރުކާގެ 36 އަސްކަރީ މަތިންދާބޯޓު ގަތުމަށް 2016 ވަަނަ އަހަރު ދެގައުމުގެ ދެެމެދުގައި ވެވުނު 8.7 ބިލިއަން އެމެރިކާ ޑޮލަރުގެ އެެއްބަސްވުމުގައި ވާގޮތުން، އެ ބޯޓު އުފައްދާ ދަސޯ އެވިއާސިއޯން ކުންފުނިން އިންޑިޔާގެ ބައިވެރިއަކަށް ނަގާފައި ވަނި ރިލަޔަންސް ގްރޫޕެވެ.
މި އެއްބަސްވުމުގައި ސޮއިކުރި ހިސާބުންވެސް އިންޑިޔާގެ އިދިކޮޅު ޕާޓީތަކުން ދިޔައީ އެެއްބަސްވުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ސަބަބަކީ ވައިގެ ދަތުރުފަތުރާ ބެހޭ އުފެއްދުންތައް އުފައްދާ ސަރުކާރުގެ ކުންފުނި، ހިންދުސްދާން އެއަރޯނޯޓިކްްސް ލިމިޓެޑް އޮއްވާ، އެ ދާއިރާގައި އެެއްވެސް ތަޖުރިބާއެެއް ނެތް އަމިއްލަ ކުންފުންޏަކާ އެކަން ހަވާލުކުރުމެވެ. އިިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި ގޮތަށް އެެއްބަަސްވުން އެކުލަވާލާފައި ވަނީ ރިލަޔަންސުން ސަރުކާރުގެ އިސްފަރާތްތަކަށް ނުހައްގު ފައިދާތަކެއް ހޯދުމުގެ ބޭނުމުގައެވެ.
މަތިންދާބޯޓު ގަތުމުގެ އެއްބަސްވުމުގައި ސޮއިކުރި އިރު ފްރާންސްގެ ރައީސަކަށް ހުންނެވި އޮލާންދް ވަނީ އިއްޔެ ފަރަންސޭސި ނޫހަކާ ވާހަކަފުޅު ދައްކަވަމުން މި ތުހުމަތުތަކަށް ބާރުލިބޭ ފަދަ ތަފްސީލުތަކެއް ދެއްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި ދަސޯ އެވިއާސިއޯންގެ އިންޑިޔާގެ ބައިވެރިޔާ އިޚްތިޔާރު ކުރުމުގައި އިންޑިޔާއިން އިތުރު އިޚްތިޔާރެއް ދީފައި ނުވެއެވެ.
"އަހަރުމެންނަށް އިތުރު އިޚްތިޔާރެއް ނެތް. އަހަރުމެން ނެގީ އަހަރުމެންނަށް ހުށަހެޅުނު ބައިވެރިޔާ." އޭނާ ވިދާޅުވެފައި ވެއެވެ.
އިންޑިޔާގެ ގާނޫނު ބުނާ ގޮތުގައި އެގައުމުން އަސްކަރީ ސާމާނު ގަންނައިރު ބޭރުގެ ކުންފުނިން އިންޑިޔާގައި އެއްބަސްވުުމުގައި ހިމެނޭ އަދަދުގެ %30 އިންޑިޔާއި އިންވެސްޓުކުރަން ޖެެހެެއެވެ. އަދި އެކަމަށް އިންޑިޔާގެ ކުންފުންޏެއް އިޚްތިޔާރުކުރަން ޖެހެއެވެ.
މޯދީ ޖީ އެވެ! މަނިކުފާނު ވަނީ އަހަރުމެންެގެ ޝަހީދުންގެ ލޭގެ ހުރުމަތް ކަނޑުއްވާފައެވެ. މަނިކުފާނަށް ލަދުވެތިކަން ހުއްޓެވެ. މަނިކުފާނު އިންޑިޔާގެ ރޫހަށް ޚިޔާނާތްތެރިވެވަޑައިގެންފީމުއެވެ." ބޮޑުވަޒީރު ނަރެންދްރަ މޯދީއާ މުޚާޠަބުކުރައްވައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީ ކުރެއްވި ޓްވީޓެެއްގައި ވެއެވެ.