ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުނުކުރުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި

big_1ggQw5vc2xRU37P

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަށް ހުއްޓާލުމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ނުވަތަ އިދިކޮޅު ކޯލިޝަން ގޮވާލައިފިއެވެ.
އެކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު، ދިވެހި ތާރީޚުގައިވެސް ހީނަރުނުވާ މިންވަރަށް މިޙާރު ހީނަރުވެ، ހަމަހަމަކަމާއި، ޢަދުލުއިންސާފު ގެއްލި، ޝަރުޢީ ނިޒާމާ މެދު ދިވެހި ރައްޔިތުންނާއި އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިތުބާރު މުޅިން ގެއްލިފައިވާކަމަށެވެ. އެހެންކަމުން މިދަނޑިވަޅުގައި އިންސާނުންގެ ފުރާނަ ހިފުން ފަދަ ބޮޑެތި ޙުކުމްތައް ދިވެހި ސަރުކާރުން ތަންފީޒުކުރުމަށް ފޫގަޅާފައިވާކަމީ (މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން) އިން އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ. އަދި އެކަން ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ރާއްޖޭގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް، ކުރިން ގޮވާލެއްވި، އަދި ޚާއްސަކޮށް ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށްވެސް ގޮވާލާ، އެކަމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތައްވެސް ކުރިން ކުރައްވާފައިވާ ކުރީގެ ނައިބުރައީސް ޑރ.މުޙަންމަދު ޖަމީލަކީ މިބަޔާން ނެރުނު ކޯލިޝަނުގެ ލީޑަރެވެ. އަދި އިސްލާމްދީން ކުރިއަރުވައި ދިނީ ޙުކުމްތައް ޤާއިމުކުރުމަށް ގޮވާލާ އުފައްދައި ހިންގަމުންދާ ޢަދާލަތުޕާޓީއަކީވެސް މި ކޯލިޝަނުގެ މެމްބަރެކެވެ.

އެހެންނަމަވެސް ކޯލިޝަނުގެ އެންމެ އިސް މޭސްތިރިއާ ކުރީގެ ރައީސް މުޙަންމަދު ނަޝީދަކީ އިސްލާމީ ޝަރިޢަތް ޤާއިމުކުރުމާ ކުރިންވެސް ދެކޮޅުހައްދަވާ ބޭފުޅެކެވެ.

" ސީދާ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުއްﷲ ޔާމީން އިސްނަންގަވައިގެން ވަކިވަކި ސިޔާސީ ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލޭނެކަމަށާއި، ޙުކުމްތައް އަންނާނެކަމަށް އެކިއެކި ސިޔާސީ ބައްދަލުވުންތަކުގައި ވާހަކަދެއްކުމާއިގުޅިގެން، އެފަދަ ދަޢުވާތައް އުފުލި އިންސާފުގެ މިންގަޑުން އެއްކިބާވެފައިވާ ބޮޑަތި ޙުކުމްތައް އަވަސް ސްޕީޑެއްގައި މިފަދަ މައްސަލަތައް އުފަންވަމުންދާ ދަނޑިވަޅެއްގައި، އިންސާނެއްގެ ފުރާނަ ޙައްގެއްނެތި، އިންސާފު ގާއިމް ނުކުރެވި ސިޔާސީގޮތުން ނަގާލެވުމުގެ ބިރުވަނީ ނުހަނުބޮޑުވެފައެވެ. މިއީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ސަރުކާރާ ވާދަވެރި ފަރާތްތައް ނެތިކޮށްލުމަށާއި ރައީސް ޢަބްދުﷲ ޔާމީނާ ގުޅުން ހުރިކަމަށް ތުހުމަތު ކުރެވޭ ބޮޑެތި ޖަރީމާތަކުގެ ހެކި ނެތިކޮށް މުސްތަޤްބަލުގައިވެސް އެކަންކަން އަލުން ތަޙްޤީޤްކުރެވޭނެ އެންމެހައި ދޮރުތައް ބަނދުކުރުމަށް ހިންގާ ޖަރީމާއެކެވެ. " އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.