ރާއްޖޭގައި މިހާރުއޮތް ހަމައެކަނި އިދިކޮޅު ސިޔާސީ ޕާޓީއަކީ އެމްޓީޑީ: ޢާޞިފް

ގިނަ ޢަދަދެއްގެ ޒުވާނުންނާއި ސިޔާސީ ތަޖުރިބާކާރުން ގެންދަނީ އެމްޓީޑީއާ ގުޅެމުން: ފޮޓޯ އެމްޓީޑީ

ރާއްޖޭގައި މިވަގުތުއޮތް ހަމައެކަނި ރަޖިސްޓަރޑް އިދިކޮޅު ސިޔާސީ ޕާޓީއަކީ މޯލްޑިވްސް ތާރޑުވޭ ޑިމްކްރޭޓްސް (އެމްޓީޑީ) ކަމަށް އެޕާޓީން ބުނެފިއެވެ.

އެ ޕާޓީގެ ސީނިއަރ ނާއިބު ރައީސް އިސްމާޢީލް ޢާސިފް ވިދާޅުވީ އެހެންޕާޓީތައް ވަނީ އިއްތިހާދު ހަދައިގެން "އެހެން މިހެން" ވެފައި ކަމަށެވެ. ޕީޕީއެމްގެ ޙަރަކާތްތައް ވެސް މިހާރު ވަނީ ހުއްޓާލައިފައެވެ. އޭގެ އިތުރަށް އެޕާޓީގެ މައްސަލަ މިހާރުވަނީ ކޯޓުގައެވެ.

"އަހަރެމެންގެ އެލަޔަންސެއްވެސްނެތް. އަހަރެމެންނަކީ މިވަގުތު އެންމެ މިނިވަން އެންމެ ޑިމޮކްރަޓިކް ޕާޓީ. އެހެން ޕާޓީތަކުން އެތިބީ އެލަޔަންސް ހަދައިގެން އެހެންގޮތްގޮތް ހަދައިގެން. މިވަގުތު ރާއްޖޭގައި އޮތް ހަމައެކަނި ރަޖިސްޓަރޑް އިދިކޮޅު ސިޔާސީ ޕާޓީއަކީ މިއީއޭ،" ޢާސިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރާގޮތުން ކަމެއްވާއިރަށް ނުކުމެ "ހަޅޭއްލަވައި" ނުހަދާނެ ކަމަށެވެ. މިއީ "ޤާނޫނާއި ޤަވާޢިދު މުގުރާލައި މަސައްކަތްކުރާ ޕާޓީއެއްނޫން. އެހެންވެ ޙަރަކާތްތައް ނުފެންނަނީ. އެހެންނަމަވެސް އަހަރެމެންކީ ސިޔާސީ ގޮތުން އެންމެ ޙަރަކާތްތެރި އެއްޕާޓީ،" ޢާސިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ މުސްތަޤުބަލް ވަރަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެއީ ޕާޓީގައި މިހާރުވެސް ތިބި މެމްބަރުންގެ ތެރެއިން 99 އިންސައްތަ މީހުންނަކީ ތަޢުލީމީ ޤާބިލް ޒުވާނުންނަށްވުމުން ކުރެވޭ އުންމީދެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޕާޓީ "މިހާރުވެސް މިދަނީ ޒުވާނުންގެ ސްޕީޑުގައި. ޕާޓީގެ ރައީސަކަށް މިހާރު އައްޔަންކުރީ ވަރަށް ޒުވާނުން ބޭފުޅެއް. ރާއްޖޭގެ ތާރީޚުގައި އެންމެ ޒުވާން ނާއިބުރައީސް،" ޢާސިފް ވިދާޅުވިއެވެ.

އެމްޓީޑީގެ ރައީސަކަށް އައްޔަން ކުރައްވައިފައިވަނީ ރާއްޖޭގެ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބެވެ. އެހެންނަމަވެސް އޭނާގެ މައްޗަށް ޝަރުޢީ ޙުކުމެއް އޮތުމުން ރައީސެއްގެ ގޮތުގައި އޭނާއަށް ޙަރަކާތްތެރި ނުވެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ޢާސިފް ވިދާޅުވީ އިލެކްޝަނުން އެހެން ވިދާޅުވިޔަސް އެކަމާ ބެހޭ ލިޔެކިޔުންތައް އާދީއްތަ ދުވަހު އިލެކްޝަނަށް ހުށަހަޅުއްވާނެ ކަމަށެވެ. އިލެކްޝަންސްގެ އެވާހަކަތަކަށް ގޮތެއް ނިންމަވާނީ ލިޔެކިޔުން ބަދަލު ކުރެއްވުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޢާސިފް ވިދާޅުވީ އެމްޓީޑީގެ ލީޑަރޝިޕް އަދި އޮތީ ހުސްކޮށް ކަމަށާއި އެހެންވީމާ ޒުވާނުންނަށް ލީޑަރޝިޕުން ފުރުޞަތު ލިބޭނެ ކަމަށެވެ. "ލީޑަރޝިޕުން އެންމެގިނަ ޒުވާނުންނަށް ފުރުސަތު ލިބޭނީ ވެސް މިޕާޓީން. މިޕާޓީގެ ޓޮޕްލެވެލް ހުސްކޮށް މިއޮތީ. މިޕާޓީގެ މެމްބަރުންނަށްވެސް ތިބޭނީ ކިޔަވައިގެންތިބި ޒުވާން ގާބިލް މީހުން،" އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.