އެމްޑީޕީގައި ހުރެގެން މަރުވުން ވެސް މާރަނގަޅު: މުސްތަފާ

އެހެން ޕާޓީއަކަށް ވަނުމަށްވުރެ އެމްޑީޕީގައި ހުރެގެން މަރުވުންވެސް މާރަނގަޅު ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީ ފިޔަވައި އިތުރު ޕާޓީއަކަށް ބަދަލުވުމުގެ ވިސްނުމެއް އެއްއިރެއްގައި ވެސް ނުގެންގުޅުއްވާ ކަމަށެވެ. އެގޮތުން ޕީޕީއެމަށް ބަދަލުވި ބަދަލުވުމަކީ އެހެން ވާހަކައެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް އެ ޓްވީޓުގައި އޭނާ ވަނީ ރައްދު ވެސް ދެއްވައިފައެވެ. "ޒާތާ ނުބެހި ފާޑުކިޔާނެ ވަރަކަށް ފާޑު ކިޔުމަކީ  މައްސަލައެއް ނޫން،" ކަމަށް ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޓިކެޓުގައި މަޖިލިހަށް ހޮވިވަޑައިގެންނެވުމަށްފަހު އޭނާވަނީ ޕީޕީއެމަށް ސޮއިކުރައްވައިފައެވެ. އެޕާޓީއަށް އޭނާ ސޮއިކުރެއްވި ކަމަށްވަނީ މަޖުބޫރުވެގެންނެވެ. އެކަން އެމްޑީޕީގެ އޭރުގެ އިސްބޭފުޅުންނަށް ވެސްއެނގިވަޑައި ގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ޓިކެޓު ހޯއްދަވަން އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވަން އުޅުއްވުމުން އެކަމާދެކޮޅުހަދައި އެމްޑީޕީގެ މެމްބަރުންތަކެއް ވަނީ ޝަކުވާ ކޮށްފައެވެ. އެންމެފަހުން މުސްޠަފާ ވަނީ މެމްބަރުންގެ ގާތުން މަޢާފަށް އެދިވަޑައިގެންފައެވެ. މަޢާފަށް އެދިވަޑައިގެންނެވުމުން އޭނާއަށް ޕްރައިމަރީން ފުރުސަތު ދޭގޮތަށް މިހާރުވަނީ ނިންމައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.