އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފި

ރައީސް މުންތަޚަބު އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ނާއިބު ފައިޞަލް ނަސީމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެންމެ ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުޙަބާ ވިދާޅުވީ ޖުމްހޫރީޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި ޓްރާންސިޝަން ކޮމިޓީގެ ޗެއާ ޢަބްދުﷲ ޝާހިދެވެ.

އެމަނިކުފާނަކީ އިބްރާހީމް މުޙައްމަދު ޞާލީހު ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ބޭރުގެ ދައުލަތަކުން ބައިވެރިވެ ވަޑައިގަންނަވާ އެންމެ އިސް ލީޑަރެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށްފަހު މަޑު ނުކުރައްވައި އެނބުރި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ކަމަށް އިންޑިއާ ސަރުކާރުން ކުރިން ވަނީ ވިދާޅުވެފައެވެ.

މޯދީ ރާއްޖެ ވަޑައިގެންނެވީ ދެ ސަރުކާރުގެ ދެމެދުގައި ވަރަށްބޮޑަށް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީންގެ ސަރުކާރުގައި މޯދީ ރާއްޖެއަށް ވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް އިބްރާހީމް މުޙައްމަދު ޞާލީހު ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވީ ހީނަރުވެފައިވާ ގުޅުން އައު ސަރުކާރުގައި ރަނގަޅުވެ ވަރުގަދަ ވެގެންދާނެ ކަމުގެ އުންމީދުގައެވެ.

މޯދީ ވިދާޅުވެފައިވަނީ އައުސަރުކާރާއެކު ރާއްޖެއާއެކު އޮންނަ ގުޅުން ވަރުގަދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި ތަފާތު ދާއިރާތަކުން ރާއްޖެއަށް އިންޑިއާގެ އެހީތެރިކަން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ތަޢުލީމާއި، މީހުން ބިނާކުރުމާއި، ތަރައްޤީއާއި ސިޙީ ދާއިރާ ހިމެނޭ ކަމަށް ވިދާޅުވެފައިވެއެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި 46 ޤައުމެއްގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. މިރަސްމިޔާތަށް ސްރީލަންކާގެ ކުރީގެ ރައީސާ ޗަންދުރިކާއި، ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ގެ ދަރިކަލުން ނަމަލް ރާޖަ ޕަކްސާ ވެސް ވަނީ ވަޑައިގެންފައެވެ.

ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 5:00 ގައެވެ. ރަސްމިއްޔާތު ބާއްވާ ގަލޮޅު ދަނޑަށް މިހާރުވެސް މީހުން ދަނީ ވަންނަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.