އެމްޑީޕީއަށް ރައީސަކާއި ނާއިބު ރައީސަކު އިންތިޚާބު ކުރަނީ

ވެރިކަން ކުރާ ކޯލިޝަންގެ މައިޕާޓީ، އެމް.ޑީ.ޕީ ގެ ރައީސް ކަމުގެ މަޤާމާއި ނާއިބު ރައީސް ކަމުގެ މަޤާމުގެ މުއްދަތު ހަމަވެ އެ ދެމަޤާމް ވެސް ހުސްވެއްޖެއެވެ. އެ ދެ މަޤާމް ހުސްވުމުން އެމްޑީޕީން މިހާރު ވަނީ އެ މަޤާމްތަކަށް ބޭފުޅުން އިންތިޚާބު ކުރުމަށް އިންތިޚާބު ބާއްވަން ތައްޔާރުވަމުންނެވެ. އެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ ނޮވެމްބަރު 22 ވާ ހުކުރު  ދުވަހު ކަމަށް އެމްޑީޕީން ވަނީ ބުނެފިއެވެ.

އިންތިޚާބުގައި އެ ދެ މަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް މިހާރުވަނީ އެފުރުސަތު ހުޅުވާލައިފައެވެ. އެހެންނަމަވެސް އެ ދެ މަޤާމަށް ވާދަކުރެވޭނީ އެޕާޓީގެ ރަޖިސްޓަރޑް މެމްބަރުންނަށް އެކަންޏެވެ.

އެހެން ކަމުން އެ ދެމަޤާމަށް ވާދަކުރައްވަން ބޭނުންފުޅުވާ މިޕާޓީގެ މެންބަރުން ޕާޓީގެ އިންތިޚާބުތަކުގައި ކުރިމަތިލުމަށްއެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ އީމެއިލް މެދުވެރިކޮށް ފޮނުވުމަށްވެސް އެމްޕީން ވަނީ އެދިފައެވެ. ނުވަތަ އެޕާޓީގެ މައި އޮފީހުގެ ދެވަނަ ފަނގިފިލާއަށް ފޯމް ހުށަހެޅުމަށް އެދިފައިވެއެވެ. ފޯމު ޙަވާލުކުރުމަށް ހަމަޖެހިފައިވާއެންމެ ފަހުގެ ތާރީޚަކީ އޮކްޓޯބަރ 19 ވަނަ ދުވަހު މެންދުރު 12:00 އެވެ. ފޯމު މެއިލް ކުރަންޖެހޭ އެޑުރޭހަކީelections@mdp.org.m  އެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ވެބްސައިޓް http://www.mdp.org.mv އިން ލިބެން ހުންނާނެއެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ މިއަހަރުގެ އޮކްޓޯބަރ 19 ގެ ނިޔަލަށް އެ ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށެވެ.
އެމްޑީޕީގެ ރައީސަކަށް އެންމެ ފަހުން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ނާއިބު ރައީސަކަށް ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.