އާފަތިސް ބަދިގެ: ބޮމްބޮލޯނީ

ބޮމްބޮލޯނީ އަކީ ޑޯނަޓްގެ ބާވަތެކެވެ. ތަފާތު ރެސިޕީ ތަކަށް ޑޯނަޓް ތައްޔާރުކޮށް އުޅެއެވެ. މި ހަފްތާގެ ރެސިޕީ އަކީ ވަރަށް ފަސޭހައިން ގޭގައި ހުންނަ ބާވަތްތައް ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެ ރެސިޕީ އެކެވެ. އަދި މިއީ ނިއުޓެއްލާ މީރު މީހުންނަށް ނުވަތަ ކުދީންނަށް ޚާއްޞަ ރެސިޕީއަކަށް ވާނެއެވެ. ބޮމްބޮލޯނީގެ ފިލިންގ އަކަށް މި ރެސިޕީގައި ބޭނުންކުރަނީ ނިއުޓެއްލާ އެވެ. މިއީ ފަރަންސޭސިވިލާތުގެ ޗެފެއްގެ ރެސިޕީ އެކެވެ.

ބޭނުންވާނެ ބާވަތްތައް:

4 ޖޯޑު ފުށް

¼ ޖޯޑު ހަކުރު

1 ޖޯޑު ކިރު (ހޫނު ކިރު)

2 ސައިސަމުސަލާއި ސަމުސަލެއްގެ ހަތަރުބައިކުޅަ އެއްބައި ކަމީރު

¼ ޖޯޑު ބަޓަރު (އަންސޯލްޓެޑް)

2 ބިސް

2 ސައިސަމުސާ ވެނީލާ އެސެންސް

ލޮނު

ނިއުޓެއްލާ

ތައްޔާރުކުރާނޭ ގޮތް:

ކަމީރު ތައްޔާރު ކުރުމަށްޓަކައި ބޯތަށްޓަކަށް ކިރު ހުސްކުރުމަށްފަހު ސައިސަމުސަލެއްގެ ހަކުރާއި، ކަމީރު އޭގެ މައްޗައި ބުރުވައިލާށެވެ. އަދި ކަމީރު ފެން ތައްޔާރު ކުރެވެންދެން ބަހައްޓާށެވެ.

ދެން ފުށާއި ހަކުރާއި ލޮނު އަދި ވެނީލާ އެސެންސް އެއްކުރުމަށްފަހު ކަމީރު ތައްޔާރު ކުރެވުމުން ފުށްގަނޑުގެ ތެރެެއަށް އެޅުމަށްފަހު އަތު މިކްސަރަކުން މިކްސް ކުރާށެވެ. އެއްކުރަމުން ދާއިރު މިކްސަރުގެ ތެރެއަށް ބަޓަރާއި ބިސްވެސް އަޅައި ފުށް ގަނޑު ރަނގަޅަށް މޮޑޭށެވެ.

އެއަށްފަހު މޭޒު މައްޗަށް ހިކި ފުށްކޮޅެއް ބުރުވައިލުމަށް ފަހު ފުށްގަނޑުގެ ބޯ މިނުގައި ބައި އިންޗި ހުންނަ ވަރަށް ދަމާށެވެ. ދެން ތިން އިންޗީގެ ބިސްކޯދު ކަޓަރެއް ނުވަތަ ކުކީ ކަޓަރެއް ނުވަތަ ބިއްލޫރި ތަށްޓަކުން ފުށްގަނޑު ކަފައި ބޭކިން ޝީޓެއް ނުވަތަ ތެޔޮ ކަރުދާހުގެ މަތީގައި އަތުރާށެވެ. އަތުރާއިރު ދޭތެރޭގައި ދެ އިންޗި ހުންނަ ވަރަށް ޖާގަ ބަހައްޓަންވާނެއެވެ. އަތުރައި ނިމުމުން މައްޗަށް ފުށް ކޮޅެއް ބުރުވައިލުމަށް ފަހު ބަދިގޭގައި ބޭނުންކުރާ ތުވާއްޔެއް އޭގަ މަތިގައި އަޅާށެވެ. އަދި ދޮޅުގަޑިއިރު ވަންދެން ބަހައްޓާށެވެ.

ދެން ތެޔޮ ހޫނު ކުރުމަށް ފަހު ޑޯނަޓް ތެލުލާށެވެ. ތެލުން ނަގާފައި ބަހައްޓަންވާނީ ކަރުދާސް ޓަވެލް އެއްގެ މަތީގައެވެ. ޓްރޭއެއްގައި ބޭކިން ޝީޓް އަޅާފައި އޭގެ މަތީން ކަރުދާސް ޓަވެލް ބޭއްވިދާނެއެވެ. އެއަށް ފަހު ޑޯނަޓްގެ ބޭރުގައި ރަނގަޅަށް ހަކުރު އުނގުޅާށެވެ. ދެން ޕައިޕިން ބޭގް އަކަށް ނިއުޓެެއްލާ އަޅައި ސްޓަރ ނޮޒްލް އެއް ބޭނުންކޮށްގެން ޑޯނަތްގެ ތެރެއަށް ނިއުޓެއްލާ ޕައިޕް ކޮށް އެތެރެ ފިލްކުރާށެވެ.

މި ރެސިޕީ އިން 12 ބޮމްބޮލޯނީ ތައްޔާރު ކުރެވޭނެއެވެ. އަދި ރެސިޕީގައި ބުނެފައިވާ ސައިޒަށް ވުރެ ކުދި ޑޯނަޓްސް ވެސް ތައްޔޜު ކުރެވިދާނެއެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.