އަމާޒަކީ ފުރަތަމަ ތިން އަހަރު ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ، މިވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމޭއިރު، ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފެށްޓެވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ،  މާލެއަތޮޅު ދިއްފުށީގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ފަށްޓަވައިދެއްވުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ، ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޚިދުމަތެއްކަމަށެވެ. ނަމަވެސް މިއަދުގެ ހާލަތަކީ، މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފެނުގެ ޚިދުމަތް ލިބެނީ 34 ރަށަށްކަމަށާއި އަދި ނަރުދަމާގެ ނިޒާމު ޤާއިމްވެފައިވަނީ 66 ރަށުގައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި، ރައްޔިތުންނަށް ލިބެންޖެހޭ މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެގޮތުން ކުރިއަށް އޮތް 2019 ވަނަ އަހަރުގެ ބަޖެޓުގައި ހިމެނި، ޖުމްލަ 102 މިލިއަން ޑޮލަރު ޚަރަދުކޮށްގެން 72 ރަށުގެ ނަރުދަމާ އަދި 56 ރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށެވެ.

ދިއްފުށީގައި މިޤާއިމްކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމަކީ، އަލިފުޅު ތުއްތު ފައުންޑޭޝަންގެ ފަރާތުން އިސްނަންގަވައިގެން މުޖުތަމަޢުގެ ލާބައާއި މަންފާއަށް ކުރަމުން އަންނަ އެތައް މަސައްކަތެއްގެ ތެރެއިން ކުރެއްވި ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިޔަފާރިވެރިން މިފަދަ އިޖުތިމާޢީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވާން ތައްޔާރަށް ތިއްބެވިއިރު، ވިޔަފާރިވެރިންނަށް ފަސޭހަ ވިޔަފާރީގެ މާޙައުލެއް ސަރުކާރުން ޤާއިމުކޮށްދޭންޖެހޭކަމަށެވެ. މިގޮތުން އިންވެސްޓަރުންގެ އިންވެސްޓްމަންޓްތަކަށް ޤާނޫނީ ގޮތުން ފުރިހަމަ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާދެއްވިއެވެ.

"ސާފު ބޯފެނާއި ނަރުދަމާ ނިޒާމަކީ، ކޮންމެ ރައްޔިތަކަށްވެސް ލިބިދޭންޖެހޭ އަސާސީ ޚިދުމަތެއް. އަދި އެއީ، އަޅުގަނޑުމެންގެ ވެރިކަމުގައި ރައްޔިތުންނަށް ފޯރުކޮށްދޭން ވަޢުދުވެފައިވާ ކަމެއް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގެ 5 އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޯފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ލިބިގެންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި އިތުރަށް ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރަކީ ރައްޔިތުންނާ ގާތުން، ރައްޔިތުންނަށް ހާމަކަންބޮޑުކޮށް ވެރިކަންކުރާނެ ސަރުކާރެއްކަމުގައި ވިދާޅުވެފައެވެ. މިގޮތުން، އަންނަ ހަފުތާއިން ފެށިގެން ކޮންމެ ހަފުތާއަކު އެއް ފަހަރު ރާއްޖޭގެ މާލީ ޙާލަތު ހުރިގޮތް ފިނޭންސް މިނިސްޓްރީއިން ރައްޔިތުންނަށް ހާމަކުރައްވަން ފަށްޓަވާނެކަމުގައި ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.