މާވަށަށް ބޭނުންވާ މުހިންމު ކަންކަމާބެހޭ ގޮތުން ރައީސާ މަޝްވަރާ ކުރައްވައިފި

ލ. މާވަށުގެ ތަރައްޤީއާ ގުޅިފައިވާ މުހިންމު ކަންތައްތަކާ ބެހޭގޮތުން އެރަށު ކައުންސިލުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވައިފައިވަނީ މުހިންމު ކަންތައްތަކާ ބެހޭގޮތުން މާވަށު ކައުންސިލުން ރައީސާ މަޝްވަރާ ކުރައްވައިފައިވަނީ  ރައީސް ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މާވަށު ކައުންސިލާއެކު މިރޭ ބޭއްވި ބައްދަލު ވުމުގައެވެ.

ރައީސާއެކު މަޝްވަރާ ކުރެއްވި ކަންކަމުގެ ތެރޭގައި މާވަށުގެ ރައްޔިތުންގެ ގޯތިގެދޮރުގެ ދަތިކަން ޙައްލުކުރުމާއި، ރަށުގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ ގޮތުން އަތޮޅުގައި ފަތުރުވެރިކަންކުރާނެ ރިސޯޓެއް ޤާއިމުކުރުމާއި، ސްކޫލް އިމާރާތުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި، ޞިއްޙީ ޚިދުމަތްތައް ރަނގަޅުކުރުމާއި ކުޅިވަރު ތަރައްޤީކުރުން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި މާވަށު ކައުންސިލުގެ މެންބަރުން ވަނީ ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ދާގޮތުގެ މަޢުލޫމާތު ވެސް ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާ ކުރައްވައިފައެވެ. އަދި، ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކުގެ މަޢުލޫމާތު ވެސް ވަނީ ދެއްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ސަރުކާރާއި ކައުންސިލާއި ގުޅިގެން ރަށުގެ ތަރައްޤީއަށް މަސައްކަތްކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރެއްވުމަށް ބޭނުންފުޅުވާ ކަމަށެވެ.

މާވަށު ކައުންސިލުގެ ފަރާތުން ވަނީ މިސަރުކާރާއި ގުޅިގެން ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތްކުރައްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސަށް ދެއްވައިފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.