ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު އަޙްމަދު އަދީބު ދިރިއުޅުއްވާ އެޕާޓްމަންޓުގައި ފިސްތޯލައެއް ގެންގުޅުއްވި ކަމަށް ދައުލަތުން އަދީބުގެ މައްޗަށް ކުރި ތުހުމަތު ޝަރިޢަތަށް ސާބިތުވެ، ޙުކުމްކޮށްފައިވަނީ ބޭއިންސާފު ޝަރީޢަތަކުންކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.
މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން ނުވަތަ ދިވެހިރާއްޖޭގެ އިދިކޮޅު އިއްތިޙާދުގެ ނަމުގައި ލަންޑަނުގައި އުފައްދައިގެން އުޅޭ އިއްތިޙާދުން މިކަން ހާމަކުރީ ރޭ ނެރުނު ބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައިވަނީ އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލައި ޙުކުމްކޮށްފައިވަނީ ޤާނޫނު އަސާސީގައި ކަށަވަރުކޮށްދީފައިވާ ޢަދުލުވެރި އަދި އިންސާފުވެރި ޝަރީޢަތަކުން މަހްރޫމްކޮށްގެންކަމަށެވެ. އަދި އަދީބު 10 އަހަރަށް ޖަލަށް ލުމަށް ކޮށްފައިވާ ޙުކުމަކީ ވެސް އިންސާފުން އެއްކިބާވެފައިވާ ޙުކުމެއް ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ.
"އަޙްމަދު އަދީބުގެ މައްޗަށް ހިންގުނު ޝަރީޢަތުގައިވެސް ޝަރުޢީ ނިޒާމާ ގުޅިގެން އެކިއެކި ފަރާތްތަކުން ފާހަގަ ކުރަމުން އަންނަ ބޮޑެތި ކަންބޮޑުވުންތައްވަނީ ތަކުރާރުކޮށްފައެވެ. މިގޮތުން ފޮރުވިފައިނުވާ ތަޙްޤީޤެއްގެ މައްޗަށް ޝަރީޢަތް ބިނާވެފައިނުވުމާއި އަޙްމަދު އަދީބުގެ މައްޗަށް ހިންގުނު ޝަރީޢަތަކީ އިންސާފުވެރި ޝަރުޢީ މިންގަނޑުން އެއްކިބާވެފައިވާ ޝަރީޢަތެއްކަން ފާހަގަ ކުރަމެވެ." އިދިކޮޅު އިއްތިހާދުގެ ބަޔާނުގައި ވެއެވެ.
އިދިކޮޅު އިއްތިހާދުން މިބަޔާން ނެރެފައިވަނީ އެ އިއްތިހަދުގެ ލީޑަރު ޑރ.މުޙަންމަދު ޖަމީލް އަޙުމަދާ ޙަވާލާދީއެވެ.