ރާއްޖޭގައި ހިންގާ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް މަދުވެގެން އަހަރަކު ފަސް ލައްކަ ރުފިޔާ ދެއްވަން ސަރުކާރުން ނިންމަވައިފި ކަމަށް ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.
މަހުލޫފު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކެމްޕޭން ދުވަސްވަރު ކުރައްވައިފައިވާ ވަޢުދެއް ކަމަށެވެ. އެ ވަޢުދު މިއަދު އެވަނީ ފުއްދަވައި ދެއްވައިފައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
"ހުރިހާ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަހަރަކު މަދުވެގެން 500000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވެ ވަޑައިގެންނެވި ވަޢުދު ފުއްދަވައިފި،" މިނިސްޓަރ މަހުލޫފުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ ރައީސްގެ އެދިވަޑައިގެންނެވުމާ އެއްގޮތަށް ސްޕޯޓްސް ކައުންސިލުން ވަނީ މިއަދު އެކަން ފާސްކުރައްވައިފައި ކަމަށެވެ. މި ފައިސާ އެސޯސިއޭޝަން ތަކަށް ލިބެންފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.
ކުޅިވަރު އެސޯސިއޭޝަން ތަކުން ވިދާޅުވެފައިވަނީ އެތަންތަނަށް މަދުވެގެން ލިބޭނެ ވަރު ކަނޑައެޅިފައި އޮތުމަކީ ކުރިންވެސް ކުރައްވަމުން ގެންދެވި އުންމީދެއް ކަމަށެވެ. އެކަން ހަމަޖެހުމުން އޭގެ ފައިދާ ފެނިގެންދާނެ ކަމަށެވެ. އަދި އެސޯސިއޭޝަންތައް ދަރަނިވެރިވެގެން ކުރަމުން ގެންދާ ކަންކަމަށް މީގެ ސަބަބުން ހުއްޓުމެއް އަންނާނެ ކަމަށް ވެސް ބައެއް އެސޯސިއޭޝަންތަކުން ވަނީ ވިދާޅުވިއެވެ. މީގެ އެންމެ ބޮޑު ފައިދާއެއް ކުރާނީ ކުދި އެސޯސިއޭޝަންތަކަށެވެ.