ޤާނޫނު ނެގެހެއްޓުމަށާއި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރުމަށް ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސް މައުމޫން ބުރާސްފަތި ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން ޕާޓީގެ ބައިވެރިއެއްގެ ގޮތުން އެކަމަށްޓަކައި "ހަތަރު-ޕާޓީ" ކޯލިޝަން ދެމެހެއްޓެވުމަށް އެމް.އާރް.އެމް އިން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫން ވަނީ މިއަދުގެ ނޫސްވެރީންގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙަައްމަދް ޞާލިޙް ދެއްކެވި ސާބިތުކަމަށް ތަޢުރީފު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އެމަނިކުފާނުގެ ސިޔާސަތުތަކާއި އިސްކަން ދެއްވާ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވި ކަމަށެވެ.
ކޯލިޝަން ދަމަހައްޓަވާން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވެފައިމިވަނީ މަޖިލިސް އިންޠިޚާބަށް ވާދަކުރުމާ ގުޅޭ ގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާ ދެމެދު އޮތް ގުޅުން ގޯސްވެ ބަހުގެ ޙަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމްޑީޕީ އިން މަޖިލީހުގެ 86 ގޮނޑިއަށް ވާދަ ކުރުމަށް ނިންމި ހިސާބުން ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް ގެންދަވަނީ އެމްޑީޕީ އަށާއި އެޕާޓީގެ ރައީސަށް ވަރަަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ޖުމްހޫރީ ޕާޓީ އިން ބުނާގޮތުގައި އެމްޑީޕީ އިން ހުރިހާ ދާއިރާއަކަށް ވާދަ ކުރަނީ ކޯލިޝަން އެއްބަސްވުމާ ޚިލާފަށެވެ. މިއަދުގެ ޕްރެސް ކޮންފަރެންސްގައި މިފަދަ އެއްބަސްވުމެއް އޮތްތޯ ނޫސްވެރީން ވަނީ ތަކުރާރުކޮށް ރައީސާ ސުވާލުކޮށްފައެވެ. ރައީސް ވިދާޅުވީ އެމަނިކުފާނާއި އެމްޑީޕީގެ ޗެއަރޕާރސަން ޙަސަން ލަޠީފް ޖުމްހޫރީ ޕާޓީ އާއި އެކު އަދި އަދާލަތު ޕާޓީ އާއެކު އެއްބަސްވުމެއްގައި ސޮއި ކުރައްވާފައިވާ ކަަމަށެވެ. ނަމަވެސް ކޯލިޝަންގެ ހަތަރު ބައިވެރީން ސޮއެކުރައްވާފައިވާ އެފަދަ ލިއުމެއް ނޯންނާނެ ކަމަށެވެ.