ދަނގެތީ ދާއިރާގެ މެމްބަރާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޖޭޕީއަށް ސޮއި ކުރައްވައިފި

ޙުސައިން ޖޭޕީއަށް ސޮއި ކުރެއްވުމަށްފަހު މެމްބަރޝިޕް ފޯމް ޖޭޕީގެ ލީޑަރު ޤާސިމާ ޙަވާލު ކުރައްވަނީ: ފޮޓޯ ޖޭޕީ

ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަޠީފާއި، ޖުމްހޫރީޕާޓީގައި ހުންނެވުމަށްފަހު ފަހުން ޕީޕީއެމަށް ސޮއިކުރެއްވި ދަނގެތީދާއިރާގެ މެމްނަރު ޢިލްހާ އަޙުމަދު ޖޫމްހޫރީޕާޓީ (ޖޭޕީ) އަށް ދެންމެ ސޮއި ކުރައްވައިފިއެވެ.

ޖުމްހުރީޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު އެދެބޭފުޅުންގެ މެމްބަރޝިޕް ފޯމް ވަނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާ ޙަވާލު ކުރައްވައިފައެވެ.

ޙުސައިން މުޙައްމަދު ލަޠިފާކީ ޕީޕީއެމްގެ މަޖިލީސް މެމްބަރަކަށް ހުންނެވިއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ވަރަށް އަރިސްކޮށް އުޅުއްވި ބޭފުޅެކެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށްފަހު ޕީޕީއެމްގެ ބައެއް މެމްބަރުން ގެންދަނީ ޖޭޕީއާ ގުޅިވަޑައިގަންނަވަމުންނެވެ.

ޖޭޕީއަކީ ވެރިކަން ކުރާ ކޯލިޝަންގެ މުހިންމު ޕާޓީއެކެވެ. މިއަދު އެޕާޓީއަށް ސޮއި ކުރެއްވި ޢިލްހާމް އަޙުމަދު މަޖިލިހަށް ހޮވި ވަޑައިގެންނެވީ ޖޭޕީގެ ޓިކެޓުގައެވެ. އޭނާ ޕީޕީއަށް ބަދަލުވުމަށްފަހު ދިމާވިކަންތައް ތަކެއްގައި ޖަލަށް ވަޑައިގަންނަވަން ޖެހުނެވެ. އަދި މަޖިލިސް ގޮނޑި ގެއްލުނުކަމަށް ވެސް އީސީން ނިންމެވިއެވެ. އެހެންނަމަވެސް ސްޕްރީމް ކޯޓުންވަނީ ގޮނޑި ނުގެއްލޭ ކަމަށް ނިންމަވައި، ޖަލުން ވެސް މިނިވަން ކުރައްވައިފައެވެ. އޭނާ އާއި ޙުސައިން ޖޭޕީއަށް ސޮއި ކުރެއްވުމުން އެޕާޓީން ވަނީ އުފާ ފާޅުކޮށް މަރުޙަބާ ކިޔައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.