ކެނެރީގޭ ހަތަރު ފާރުން ބޭރަށް ވެރިކަންދާން ނަޝީދު ބޭނުންފުޅެއްނުވޭ: ޖޭޔޫ

ކެނެރީ ގެއިން ބޭރަށް ރާއްޖޭގެ ވެރިކަންދާން ރައީސް ނަޝީދު ބޭނުންފުޅު ނުވާ ކަމަށް ޕީޕީއެމްގެ މެންބަރު އަދި ގެމަނަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރައީސް ނަޝީދު ނޫން އެހެން ބޭފުޅަކަށް ވެރިން ދެއްވަން ވެސް އެމަނިކުފާނު ބޭނުންފުޅު ނުވާނެ ކަމަށެވެ. "އަނެއްކޮޅުން ކެނެރީގެ އާއިލާގެ ހަތަރުފާރުން ބޭރަށް ވެރިކަންދިޔުމަކީ އެމަނިކުފާނު ބޭނުންފުޅުވާނެ ކަމެއްނޫން. އެމަނިކުފާނު ނޫން އެހެން ބޭފުޅަކަށް ވެރިކަން ދޭން ޖެހިއްޖެ ހާލަތެއްގައިވެސް ކެނެރީގެއިން ބޭރަށް ވެރިކަންދާން ބޭނުންފުޅެއް ނުވާނެ. އެހެން ބޭފުޅަކު ވެރިކަމަށް ޝައުގުވެރިކަން ބޮޑުވެ ގަދަޔަށް މަސައްކަތް ކޮށްފާނެތީ ރައީސް ނަޝީދު އަމިއްލަފުޅަށް ވެރިކަމަށް ކުރިމަތި ލައްވާނެ ވާހަކަ އެވިދާޅުވަނީ. އެކަމަކު އެއީ މިހާރު ނެތް ފޯމިއުލާއެއް،" ޖޭޔޫ ވިދާޅުވިއެވެ.

އޭނާ ވިދާޅިވީ އެމްޑީޕީގެ އިސްބޭފުޅުންގެ ތެރޭގައި މިހާރު ހިމެނި ވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން އަބްދުﷲ ޝާހިދު ފަދަ ބޭފުޅުން ތިއްބެވީ ވެރިކަމަށް ފައި ނަންގަވައިގެން ކަން ރައީސް ނަޝީދަށް އެނގިވަޑައި ގަންނަވާ ކަމަށެވެ.

"އެމަނިކުފާނަށް އެނގިވަޑައި ގަންނަވާ އަބްދުﷲ ޝާހިދުމެން އެތިއްބެވީ ވެރިކަމާ ވަރަށް ބޮޑަށް ވިއްދާލައިފައިކަން. އެހެންވީމާ އެމީހުންގެ މަސައްކަތްތައް ވެސް ހުއްޓުވާ ލެއްވުމަކީ ރައީސް ނަޝީދު ބޭނުންފުޅުވާ ކަމެއް،" ޖޭޔޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.