ރައީސް އަބްދުﷲ ޔާމީންގެ ރައީސް ކަމުގެ ނަންބޯޑުގައި މިހާރުވަނީ "އެކްސްޕައަރޑް" އަޅުވައިފައި ކަމަށާއި ގުޅިފައިވާ ޕާޓީތަކުގެ އިސްލާހީ މަސައްކަތް ހުއްޓާލާނީ ރައީސް ޔާމީންގެ ނަމުގެ ކުރިއަށް އޮންނަ ރައީސް ކަނޑާލައިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހއ. އިހަންވަންދޫގައި ރޭ ބޭއްވި "ހުއްޓުވާ" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ "އަޅުގަނޑުމެން މި މަސައްކަތް ހުއްޓާލާނީ ރައީސް ޢަބްދުﷲ ޔާމީނުގެ ނަމުގެ ކުރިއަށް އެއޮތް ރައީސް ކަން ކަނޑާލާފައި. މިހާރު ރައީސް ޢަބްދުﷲ ޔާމީންގެ ނަންބޯޑުގައި އަޅުވާފައިހުރީ އެކްސްޕައަރޑް" ކަމަށެވެ.
ޝާހިދު ވިދާޅުވީ ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވަމުން ކަމަށެވެ. އެހެން ވިދާޅުވިޔަސް އޭގެ ބަދަލުގައި ރައީސް ޔާމީން ގެންދަވަނީ އިސްލާދީނުގެ އަސްލުތަކާ ޚިލާފަށް ޖަރީމާ ހިންގަވަމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"އިސްލާމީ ދައުލަތެއްގެ ވެރިއެކޭ އިސްލާމްދީން ނޫން އެހެން ދީންނަކަށް މިރާއްޖޭގައި ތިމަންނާ ޖާގައެއް ނުދެއްވާނަމޭ ވިދާޅުވެ ހުންނަވައިގެން މިހިންގަވަނީ ކަނޑައެޅިގެން އިސްލާމްދީނުގެ އަސްލުތަކާ ޚިލާފަށް ހިންގަވާ ޖަރީމާތަކެއް،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ދިވެހިން ބޯނުލަބާނެކަން ރައީސް ޔާމީނަށް މިހާރު އެނގިވަޑައިގަންނަވަން ވެއްޖެ ކަމަށެވެ.
އެމަނިކުފާނު ގެންދަވަނީ މީހުން ގެންގޮސް ޖަލަށްލައި ބަނޑު ބިންމަތީގައި ޖައްސުވައި އަނިޔާ ކުރަމުން ކަމަށާއި، އެގެ ތެރޭގައި ރައީސް ޔާމީންގެ އަމިއްލަ ބޭބެފުޅު ރައީސް މައުމޫންވެސް ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.